ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހި މީހަކު މަރުވުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ވެކްސިން ޖެހި އުމުރުން 45 އަހަރުގެ މަސްވެރިޔަކު ހާލު ދެރަވެގެން ހިންމަފުށީ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ނަމަވެސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 9:31 ހާއިރު އެވެ.
އއ. މާޅޮސް އަށް އުފަން އެ މީހާ ކޮވިޑް ވެކްސިން ޖަހާފައި ވަނީ އިއްޔެ އެރަށުންނެވެ.
އެމީހާ މަރުވި ސަބަބު ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
"މަރު އަދި އެހެނިހެން ސީރިއަސް ކަންކަމަކީ ވެކްސިނާ ގުޅުންހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް" އެޗްޕީއޭ އިން ބުންޏެވެ.
މީގެ ކުރިން ވެކްސިން ޖެހި އުމުރުން ދުވަސްވީ ދެ މީހަކު މަރުވި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ ދެމަރާއި ގުޅިގެން ވެސް ތަހުގީގު ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.