ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯއިން އެޅި ފްލެޓްތައް އެ ކުންފުނީގެ މުވައްޒަފުންނަށް ދިން އުސޫލު މުރާޖާ ކުރަން މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސް ކޮމެޓީ (އެސްއޯއީ)އިން ހުށަހެޅި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެސްއޯއީން ސްޓެލްކޯގެ މައްސަލަތަކާ ގުޅޭގޮތުން ނެރުނު ރިޕޯޓްގައި ލަފާ ދީފައިވާ ކަންތައްތައް ކުރަން ފެންނަކަމަށް 52 މެމްބަރަކު ވޯޓު ދެއްވި އެވެ.
ސްޓެލްކޯއާ ގުޅޭ ރިޕޯޓްގައި ބުނީ ސްޓެލްކޯގެ ފްލެޓްތައް ދިންއިރު އެ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރި މީހުންނަށާއި އަދި ދަތި ހާލުގައި އުޅޭ މީހުންނަށް ހަނިވާގޮތަށް ފްލެޓްތައް ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން ތިން މަސް ނުވާ މުވައްޒަފުންނަށް ފްލެޓްދިނުމާއި ސީދާ ފްލެޓް ދޭންވެގެންވެސް ސްޓެލްކޯއަށް މުވައްޒަފުން ނަގާފައިވާ ކަމަށް އެސްއޯއީ ކޮމެޓީގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން ކުންފުނިން ފްލެޓްތައް ދީފައިވަނީ ފްލެޓްތައް ދިނުމުގެ މަގްސަދާވެސް ހިލާފުކަމަށް ފެންނާތީ ފްލެޓްތައް ދިން އުސޫލު މުރާޖާކުރަން އެސްއޯއީ ކޮމެޓީގެ ރިޕޯޓްގައި ވަނީ ހުށަހަޅާފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯއިން 15 ބުރީގެ ދެ ޓަވަރެއް އެޅި އެވެ. އެއް ކޮޓަރިއާއި ދެ ކޮޓަރި ހިމެނޭ އެ ދެ ޓަވަރުގައު ޖުމްލަ 384 އެޕާޓްމަންޓް ހިމެެނެ އެވެ.
އެސްއޯއީ ކޮމެޓީގެ ރިޕޯޓްގައި ވަނީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް މުވައްޒަފުންނަށް ދެމުން އަންނަ އިންޝުއަރެންސް ސްކީމް ހުއްޓާލައި ރާއްޖޭގައި ގާއިމްކޮށްފައިވާ ހެލްތު އިންޝުއަރެންސް ނިޒާމުގެ ތެރެއިން އިންޝުއަރެންސްގެ ހިދުމަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓާއެކު އެ ހުށަހެޅުންވެސް ވަނީ ފާސްވެފަ އެވެ.