ޝިފާ މުހައްމަދު

ޓްވީޓާ ގުޅިގެން މޭޔަރު ޝިފާ ހޫނު ފެނަށް

މާލެ ބަނދަރު ކަނޑިންމަމަތީ ނިދާފަައި ތިބި ޒުވާނުންތަކެއްގެ ފޮޓޯ އާންމުކޮށް މީހަކު ކުރި ޓްވީޓަކާއި ގުޅިގެން އެއީ "ފޭކު" ފޮޓޯތަކެއް ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގެ މައްސަލަ ހޫނުވެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކަނޑިންމަމަތީ ބޯކަރުދާސްތަކެއް އަޅައިގެން ނިދާފައިވާ މީހުންތަކެއްގެ ފޮޓޯތަކެއް އާންމުކޮށް މީހަކު ކުރި ޓްވީޓެއްގައި ދިވެހިރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ރައްޔިތުން މިހާ ވަރަށް ނިކަމެތިވެ ބިކަވެ ހާލުގައި ޖެހިފައިނުވާ ކަމަށާ ހޯދައިދޭން ވައުދުވި ތާހިރު ފުދުންތެރި ދިރިއުޅުމަކީ އެއީތޯ ވަނީ ސުވާލުކޮށްފައެވެ.

ރައީސް ސޯލިހް އާއި ރަައީސް ނަޝީދު އަދި މޭޭޔަރު ޝިފާއަށް ޓެގްކޮށް އޭނާ ކުރި ޓްވީޓަށް ޝިފާ ވަނީ ރައްދު ދީފައެވެ. ޝިފާގެ ޓްވީޓްގައި ވިދާޅުވީ "އެހާ ގިނަ ސާމާނު ހިފައިގެން ގޮސް ނިދާފައި ތިބީމަ ކުޑަކޮށް އޯވާވާ" ކަމަށެވެ. ޝިފާ އެ އިޝާރާތް ކުރަނީ އެމީހުން ނިދާފައި ތިބި ތަނުގައި ހުރި ބައެއް ކަރުދާސްފޮށިގަނޑުތަކާއި ޑަބިޔާތަކަކަށެވެ.

"ޖެނިއުން [އަސްލު] ފޮޓޯއެއް ލަމާ،" ޖެންޑާ މިނިސްޓްރީ އާއި ޕޮލިސް ޓެގްކޮށް ޝިފާ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޝިފާގެ ޓްވީޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ޝިފާއަށް ފާޑުކިޔާފައެވެ. ޝިފާއަށް ރައްޔިތުންގެ ހާލަތު އެނގޭތޯ ބައެއް މީހުން ސުވާލުކުރިއެވެ. މާލޭގެ މޭޔަރުގެ މަގާމުގައި ހުރި ބޭފުޅަކަށް މާލޭގައި ޒުވާނުން އުޅެމުންދާ ހާލު ނޭންގުމަކީ ދެރަ ކަމެއް ކަމަށް ބުނެ އެ މީހުން ވަނީ ޝިފާގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްވެސް ވަނީ ޝިފާގެ ޓްވީޓާ ގުޅިގެން އޭނާގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި ޝިފާގެ ޓްވީޓަކީ ލަދުވެތި ޓްވީޓެއް ކަމަަށް ވިދާޅުވިއެވެ.

އަދި މާލެ ސިޓީ ކައުންސިލްގައި ހިމެނޭ މެންބަރުން ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަގާމުން ދުރުކުރަން ޖެހޭ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.