ތޮއްޑޫ

ތޮއްޑޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވިއްޖެ: ރައީސް

އއ ތޮއްޑޫއަށް ހާއްސަ މަސައްކަތްތައް ސަރުކާރުގެ ތަރުތީބުގެ ފަހަތަށް ގޮސްފައިވާތަން ފެނިވަޑައިނުގަންނަވާ ކަމަަށާ ތޮއްޑޫގައި މިހާރުވެސް ވަރަށް ގިނަ މަސައްކަތްތައް ހިނގަމުންދާ ކަމަަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އއ އަދި އދ އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން ރޭ އެމްޑީޕީން ބޭއްވި ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި ތޮއްޑޫ ކައުންސިލަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ އެރަށުގައި ބައެއް މަސައްކަތްތައް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެރަށުގެ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ އެންމެ ފުލުގައި އެކަން އޮތުމުން ހިތާމަކުރާ ކަމަށް ބުނެފައެވެ.

އަދި ނަރުދަމާ އެޅުމާއި ކުނިގޮނޑުގެ މައްސަލަ އާއި އިންޖީނުގޭގެ ކަންކަން އަދި ސިއްހީ މަރުކަޒާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެށުން އަވަސްކޮށް ދިނުމަށް އެދިފައިވެއެވެ. އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ އެރަށުގައި ޕީއެސްއައިޕީ އެއްވެސް މަސައްކަތެއް ނުހިނގާތާ އެތަށް ދުވަހެއް ފަހުން 12 ކްލާސްރޫމާއި މަލްޓިޕާޕްސް ހޯލެއްގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާތީ އެކަން ފާހަގަކޮށްފައެވެ.

އެ ކަންބޮޑުވުންތައް އެއްސެވުމަށްފަހު ރައީސް ސޯލިހް ފުރަތަމަވެސް ވިދާޅުވީ ތޮއްޑޫއަށް ހާއްސަ މަސައްކަތްތައް ސަރުކާރުގެ ތަރުތީބުގެ ފަހަތަށް ގޮސްފައިވާތަން ފެނިވަޑައިނުގަންނަވާ ކަމަަށެވެ. އަދި ތޮއްޑޫގައި މިހާރުވެސް ވަރަށް ގިނަ މަސައްކަތްތައް ހިނގަމުންދާ ކަމަަށެވެ.

"އެއްވެސް ހާލެއްގައި ތޮއްޑޫގެ މަޝްރޫއުތައް ތަރުތީބުގެ ފަހަތަށް ގޮސްފައި އޮތްތަނެއް އަޅުގަނޑަކަށް ނުފެނޭ. ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަދޭ. ކުރެވިފައިވެސް އެބަހުރި. އަޅުގަނޑު އޭގެ މާބޮޑު ތަފްސީލަކަށް ނުދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތޮއްޑޫ ބަނދަރުގެ މަަސައްކަތް މިދިޔަ މަހުގެ 23 ގައި ޓެންޑާއަށް ހުޅުވާލާފައިވާ ކަމަށާ މި މަހުގެ 16 ގައި ބޮޑް ހުޅުވާ ދޮޅުމަހެއް ތެރޭ ބަޔަކާ ހަވާލު ކުރެވޭނެ ކަމަަށެވެ. އަދި 3،000 އަކަފޫޓްގެ 20 ގޯތި ދޫކުރުމުގެ ހުއްދަ ދީފައިވާ ކަމަށާ ތޮއްޑޫ ކައިރިވާ މަސްކަނދުފަތި މަރާމާތު ކުރުމުގެ މަސައްކަތް ފެށި ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ވޮލީކޯޓްގެ ފެންސު ޖެހުމުގެ މަަސައްކަތް ނިމި 12 ކްލާސްރޫމާއި މަލްޓިޕާޕްސް ހޯލްގެ މަސައްކަތް ފެށި އައުޓް ޑޯ ޖިމަކާއި ކަރަންޓް ނެޓްވޯކް އަޕްގުރޭޑް ކުރުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމަށެވެ.

އަދި ތޮއްޑޫގެ ނަަރުދަމާ ނިޒާމު ގާއިމުކުރުން މި މަހުގެ 16 ކުރިން ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. މިދިޔަ ދެ އަހަރު ތޮއްޑޫގައި ހިންގުނު ޕީއެންއައިސީޕީ މަޝްރޫއުތަކަށް 14 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާއިރު މިހާތަނަށް 30 ދަރިވަރަކު ފަސްޓް ޑިގްރީ ކިޔަވަމުންދާ ކަމަށެވެ. އަދި ތޮއްޑޫގެ 212 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާއިރު 14 މީހަކަށް އެސްއެމްއީ ލޯނުގެ ގޮތުގައި 23 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.