ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ދައުވާ އުފުލާފައި ވަނިކޮށް އެ މައްސަލަތަކުގައި އަވަސް އަދި ރަނގަޅު ހައްލެއް ހޯދައި ދިނުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ތޮއްޑޫއަށް ކުރިމަތިލާ އެމްޑީޕީގެ ކެންޑިޑޭޓުން އެދިއްޖެ އެވެ.
އެ ކެންޑިޑޭޓުން އެކަމަށް އެދިފައި ވަނީ ރޭ އެމްޑީޕީން ބޭއްވި ރަށްވެހި ފަތިސް ކެންޕެއިން ބައްދަލުވުމުގައެވެ. އއ އަތޮޅާއި އދ އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން ބޭއްވި ކެންޕެއިން އެ ބައްދަލްވުމުގައި ތޮއްޑޫ ކައުންސިލަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައެވެ. ބައްދަލްވުމުގައި ތޮއްޑޫ ކެންޕެއިން ޓީމުގެ ފަރާތުން ވާހަކަ ދެއްކީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަހުމަދު ކަރަމް އެވެ.
ކުރިން އެ އަތޮޅު ކައުންސިލްގެ ރަައީސްކަންވެސް ކުރެއްވި ކަރަމް ވަނީ ތޮއްޑޫއަށް މުހިންމު ކަމުގެ ލިސްޓެއް ހިއްސާކުރައްވާފައެވެ. އަދި ނިންމާލަމުން އެރަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށް އަވަސް ރަނގަޅު ހައްލެއް ލިބިގެން ދިއުމަކީ އެމްޑީޕީގެ އެ މެންބަރުން ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމުގައި ވިދާޅުވިއެވެ.
"އަދި ހަމަ އެންހެންމެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށްވެސް އަވަސް ރަނގަޅު ހައްލެއް ލިބިގެން ދިއުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" ކަރަމް ވިދާޅުވިއެވެ.
ކަރަމްގެ ވާހަކަފުޅަށްފަހު ރައީސް ވަނީ ތޮއްޑޫގެ ގެސްޓްހައުސްތައް ރަނގަޅަށް ހިނގަމުން ދޭތޯ ސުވާލު ކުރައްވާފައެވެ. އަދި ކަރަމްގެ ވާހަކާގައި ފާހަގަކުރެއްވި ބަނދަރު ހަލާކުވެފައިވާ މައްސަލަ އާއި ނަރުދަމާ ގާއިމު ކުރުމާއި ތޮއްޑޫން ގޯތި ދޫކުރުމުގެ ހުއްދަ ދިނުމާއި މަސްކަނދުފަތި މަރާމާތު ކުރުމާއި ވޮލީކޯޓްގެ ފެންސް ޖެހުމާއި އައުޓް ޑޯ ޖިމްގެ މަސައްކަތާއި ސުކޫލްގައި ކްލާސް ރޫމް އެޅުމާއި މަލްޓިޕާޕަސް ހޯލެއް އެޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާ އެކަންކަން އޮތް ހިސާބެއް ވިދާޅުވެ ދެއްވާފައެވެ.
އަދި މިދިޔަ ދެ އަހަރު ތޮއްޑޫގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރެވުނު ހަރަދާއި ތޮއްޑޫއަށް ނިސްބަތްވާ ރައްޔިތުންނަށް އިންކަމް ސަޕޯޓްގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދާއި ދޫކުރި މީހުންގެ އަދަދާއި ކަރަންޓް ސަބްސިޑީއަށް ކުރި ހޭދަ އާއި އެސްއެމްއީ ލޯނުގެ ގޮތުގައި ތޮއްޑޫ މީހުންނަށް ދޫކުރި އަދަދާއި ދޫކުރި މީހުންގެ އަދަދުގެ ތަފްސީލް ދެއްވާފައެވެ.
ނަމަަވެސް އަލީ ވަހީދުގެ މައްސަލައާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.
އަލީ ވަހީދު މިނިސްޓަރު އޮފް ޓޫރިޒަމްގެ މަގާމުގައި ހުރިއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ ކޯޓަށް މައްސަލަ ފޮނުވީ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ދައުލަަތުން އެދިގެން އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް ވަޑައިގެންފައެވެ. އެއީ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
އެ މައްސަލާގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ފުރަތަމަ ވިދާޅުވީ "ކުރީގެ މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ވާހަކަ ފުރަތަމަ ދެކުނީ ހަބަރުން" ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މި މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ނުވަވަނަ ދުވަހުއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދަނީ ބަލަމުންނެވެ.
އަދި އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރި ނަމަވެސް އެ މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ވަނީ ނިންމާފައެވެ. ދާދި ފަހުން މަޖިލީހުގައި އެމްޑީޕީގެ މެންބަރަކު ވަނީ އަލީ ވަހީދުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. އަދި ރައީސް ސޯލިހްވެސް ވަނީ އަލީ ވަހީދު މަގާމުން ވަކިކުރި ފަހުން އޭނާއަކީ ސިޔާސީ މައިދާނުގައި ކުރިއެރުން އޮތް މީހެއް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އެހީތެރިކަން އޮންނާނެ ކަމަށް ވިދާޅުވެފައެވެ. ސިޔާސީ ހުރިހާ މައްސަލަތަކުގައިވެސް ބަސް ވިދާޅުވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މިހާތަނަށް އެ މައްސަލާގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.