ޓޫރިޒަމް

ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބޮޑު ބައި ނިމިއްޖެ

Mar 10, 2021

ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ގޮތުގައި އަނގޮޅިތީމްގައި އަޅާ އިމާރާތުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާތިފު އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި އަނގޮޅިތީމް ޓޫރިސްޓު ވިޒިޓާ ސެންޓަރުގެ އިމާރާތުގެ ބޮޑުބައި ނިމި މިހާރު ކުރަމުންދަނީ އިންޓީރިއާގެ މަސައްކަތްތަކެވެ.

"ބައުންޑްރީ ވޯލްގެ މަަސައްކަތް ކުރުމަށް ތައްޔާރު ވަމުން ދަނީ. ތަކެތި ލިބުނީމަ ވޯކް ޝެޑިއުލް ހަދާލީމަ އެނގޭނެ ސީދާ މި ތަން ނިމޭނެ ދުވަހެއް. މި ބަލަނީ ސެޕްޓެމްބަރު 27 ކަމަށްވާ ޓޫރިޒަމް ދުވަހުގެ ކުރިން ހުޅުވަން،" އާތިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިތަން ނިމުމުން މި ސެންޓަރަކީ މި ސަރަހައްދުގެ ޓޫރިސްޓު އެޓްރެކްޝަކަށް ވެގެންދާނެ ކަމަށެވެ.

"ރިސޯޓް ތަކުން ޓޫރިސްޓުންވެސް އަންނާނެ ކަމަށް އުންމީދު ކުރަނީ،" އާތިފު ވިދާޅުވި އެވެ.

އަނގޮޅިތީމް ޓޫރިސްޓު ވިޒިޓާ ސެންޓަރު ގެ ބިންގާ އަޅާފައިވަނީ 2019 ވަނަ އަހަރު އެވެ. ހެރިޓޭޖް މިނިސްޓްރީއާ ވެސް ގުޅިގެން ތަރައްގީ ކުރާ މި ސެންޓަރުން ދައްކުގައި ދޭނީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ކުރި ދަތުރެވެ. މި ތަން ފަރުމާކުރަން ނިންމާފައިވަނީ މި ތާރީހީ ފޮޓޯތައް ހިމެނޭ ގެލަރީއަކާއެކުގަ އެވެ. މީގެ އިތުރުން މިތަނުގައި އަނގޮޅިތީމް އާއި އެ އަތޮޅުގެ ތާރީހީ ތަކެއްޗާއި ކަންކަމުގެ ފޮޓޯ ހުންނަ ގެލެރީއެއްވެސް ހަދާނެ އެވެ.