މުހައްމަދު ސައީދު

ޖަޒީރާ މެެނިފެސްޓޯއަކީ ފިނިމޫސުމުގެ ހުވަފެނެއް: ސައީދު

މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ބިން ހިއްކާ ވާހަކައަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރަށް ދައްކާ ދަޅައެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސިފަ ކުރައްވައިފި އެވެ.

މާލޭ ސިޓީގައި ހިމެނޭ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން އިތުރު ބިމެއް ހިއްކަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އެކަމަށް ނެދެލެންޑްސްގެ އައިއެންޖީ ބޭންކުން ލޯނެއް ނަގަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު މިއަދު ކަށަވަރުކޮށް ދެއްވި އެވެ.

އެއާ ގުޅުވާލައި ސައީދު ވިދާޅުވީ އެއީ "ކައުންސިލް އިންތިހާބަށް ސަރުކާރުން ޖަހާ ކަޑަ" އެއް ކަމަށެވެ.

މަޖިލީހުގެ ތެރެއިންނާއި ރައީސްގެ ފަރާތްޕުޅުން އައި އެ ވާހަތަކަކީ އަންނަ އިންތިހާބަށް ކަޑަ ޖަހަން ދައްކަވާ ވާހަކަތަކެއް ކަމަށް ސިފަ ކުރައްވާ ސައީދު ވިދާޅުވީ އިންތިހާބުތައް ކައިރިވުމުން ފެނުން މައްޗަށް ސިޓީތައް އުފުލުން އެއީ ތަރައްގީގެ އަޖައިބެއްތޯ ސުވާލު ކުރައްވާފަ އެވެ. އޭނާ އަދި ވިދާޅުވީ "ޖަޒީރާ މެނިފެސްޓޯ" އަކީ ފިނި މޫސުމުގެ ހުވަފެނެއް ކަމަށާއި ފަތިސް ނުވާނެއް ކަމަށެވެ.

"އިންތިހާބު ގާތްވުމުން ފެނުން މައްޗަށް ސިޓީތައް އުފުލުން މިއީ ތަރައްގީގެ އަޖައިބެއްތ؟ ޖަޒީރާ މެެނިފެސްޓޯއަކީ ފިނިމޫސުމުގެ ހުވަފެނެއް. ފަތިހެއް ނުވާނެ" ސައީދު ވިދާޅުވި އެވެ

ކުރީ ސަރުކާރުން ހައުސިން ސްކީމްތައް ހިންގިއިރު ވަކިވަކި ހާއްސަ ކެޓަގަރީތަކަށް ފްލެޓް ދޭން ނިންމި ނަމަވެސް މާލޭ ރައްޔިތުންނަށް ފިޔަވައި ހާއްސަ ކެޓަގަރީއަކުން ހައުސިން ސްކީމްތައް ނުހިންގަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.