ސަރުކާރުގެ މުއައްސަސާތައް އުވާލުމުގެ ބަދަލުގައި ހަގީގީ މަސައްކަތެއް ކުރަން ވެރިކަން ކުރާ އެމްޑީޕީން އިސްކަން ދޭން ޖެހޭ ކަަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅު ވެއްޖެ އެވެ
ސައީދު މިހެން ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މަޖިލީހަށް ހުށަހަޅާފައިވާތީ ރޯޑް ސޭފްޓީ ކައުންސިލްގައި އެ އޮތޯރިޓީ ކަނޑައަޅާ ފަރާތެއް އިންނަ އިނުން ވެސް އިސްލާހު ކުރަން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.
ބިލްގެ ބަހުސްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ސަރުކާރުން ހުށަހެޅުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ އޮތޯރިޓީ އުވާލުމުން ކުރަން އުޅޭ ކަމެއްގެ ހަގީގީ މަގުސަދު ހާސިލު ވާނެތޯ ވެސް ސައީދު ވަނީ ސުވާލު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަކީ ސަރުކާރުން ގެންގުޅޭ ލާމަރުކަޒީ ސިޔާސަތުތަކާ ހިލާފު ބާރުތައް ޖަމާކުރުމެއް ކަމަށާއި އެ އޮތޯރިޓީ އުވާލުމުގެ ބަދަލުގައި އެ އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރުން ރަނގަޅުވާނެ ކަމަށެވެ.
"މިހާރު އެއްކޮޅުން މި އަޑުއިވެނީ ޖުމްހޫރީ ޕާޓީގެ ދަށުގައި ހުރި މިިނިސްޓްރީތަކާއި އެމްއާރްއެމްގެ ދަށުގައި ހުރި މިނިސްޓްރީތައް ނުހިނގާ ވާހަކަ. ފިޝަރީޒް މިނިސްޓްރީ ހުރީ އެމްއާރުއެމް ދަށުގައި އަދި ޓްރާންސްޕޯޓް މިނިސްޓްރީ އޮތީ ޖުމްހޫރީ ޕާޓީގެ ދަށުގައި. ދެން މީގެ ޒިންމާ އެމްޑީޕީގެ ސަރުކާރުން ނުނަންގަވާ ކަމަށް ވަންޏާ ރައްޔިތުން ވޯޓު ދިން މަގުސަދު އެބައޮޅޭ،" ސައީދު ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު މުވައްޒަފުންނާއި ވަސީލަތްތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ސައީދު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ފަހު ހުރިހާ އެއްޗެއް މިނިސްޓްރީގެ ދަށަށް ގެންދިއުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އެގޮތަށް އޮތޯރިޓީއެއްގެ ޖުމްލަ މަސައްކަތްތައް އެކީގައި އެހެން އިދާރާއަކަށް ބަދަލު ކުރާއިރު އެ އިދާރާއެއްގެ ގާބިލްކަން ހުރި މިންވަރާ ދޭތެރޭ ވެސް ވިސްނަންޖެހޭނެ ކަމަށެވެ.
އޮތޯރިޓީތައް އުވާލުމާއި އެއް މިނިސްޓްރީގެ މަސައްކަތްތައް އެހެން މިނިސްޓްރީ އަކަށް ބަދަލު ކުރުން ފަދަ ކަންކަން ކޮށްގެން މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރަށް ނެރެވުނު ނަތީޖާއަކާ ދޭތެރޭ ވެސް ސައީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.
"ދެ އަހަރާއި ބައި ވެގެން ދިޔައިރު ދެން އެއް އަހަރު ގާތްގަނޑަކަށް މިއޮތީ. ދެން އޮންނާނެ އަހަރަކީ ވޯޓުލުން. ދެން މި މިނިސްޓްރީތައް އެއްތަނުން އަނެއް ތަަނަށް އަނބުރާ، މި ވަށާ މިއުޒިކަލް ޗެއާއެއްގެ ގޮތަށް ކުޅޭ މަސައްކަތްތައް ހުއްޓާލުމަށް ފަހު ހަގީގީ މަސައްކަތަށް އެމްޑީޕީ ސަރުކާރުން އެބަ ޖެހޭ އެނބުރެން،" ސައީދު ވިދާޅުވި އެވެ.