ޓޫރިޒަމް

"ޓޫރިޒަމް ކާމިޔާބުވީ ހަމައެކަނި ރާއްޖެ ރީތި ވެގެނެއް ނޫން"

ރާއްޖޭގެ ޓޫރިޒަމް ކާމިޔާބު ކަމާއެކު ކުރިއަށްދަނީ ހަމައެކަނި ރާއްޖެ ރީތި ވެގެން ނޫން ކަމަށް ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބޭނުން ކުރާނެ ލޯގޯ ލޯންޗް ކުރަން، ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މުޖުތަބާ ވިދާޅުވީ 50 އަހަރަކީ އެއްޗެއްގެ އުމުރަށް ބަލާއިރު ވެސް މުހިންމު އަދަދެއް ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް މި ހިސާބަށް އައިސްފައި ވަނީ ގިނަ ބައެއްގެ މިންނަތް މަސައްކަތްތަކުގެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ކާމިޔާބު ވެފައިވަނީ ހަމައެކަނި ރާއްޖެ ރީތި ވެގެން ނޫން ކަމަށާ އެއީ ރާއްޖެ ރައްކާތެރި ތަނެއްގެ ގޮތުގައި ވެސް އޮތުމުން ކަމަށެވެ.

"އަންނަ މީހުންނަށް ސޭފް ޑެސްޓިނޭޝަނެއްގެ ގޮތުގައި އޮވެގެން. މިހާރުގެ މި ހާލަތުގައި ވެސް ސޭފް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދައްކަން ޖެހޭ،" މުޖުތަބާ ވިދާޅުވި އެވެ.