އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ، އިނގިރޭސިވިލާތުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްސެޑަރު އެލެކްސް އެލީސް ހާޒިރު ކޮށްފި އެވެ. އެއީ އިންޑިއާގައި ދަނޑުވެރިކަމާ ބެހޭ ގާނޫނާ ބެހޭ ގޮތުން އިނގިރޭސި ޕާލަމެންޓްގައި ދެކެވުނު ވާހަކަތަކަކާ ގުޅިގެންނެވެ. އިންޑިއާއިން ބުނީ އެއީ އިންޑިއާގެ ހުއްދަ އޮވެގެން ކުރި ކަމެއް ނުން ކަމަށާއި އިނގިރޭސިން މަސައްކަތް ކުރަނީ ވަކި ފިކުރެއް ޕްރޮމޯޓް ކުރަން ކަމަށެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބަޔާނެއް މެދުވެރިކޮށް ބުނެފައި ވަނީ ސަފީރު ހާޒިރު ކުރެއްވީ އިނގިރޭސި ޕާލަމެންޓްގައި ހިނގާދިއަ ކަންތައް ބަލައި ނުގަންނަކަން އެނގުމަށް ކަމަށާއި އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވުމެއް އޮވެގެން ނުވާނެ ކަމަށް ދެންނެވި ކަމަށެވެ. މިނިވަން ގައުމެއްގެ ކަރާމާތް ގެެއްލިދާއިރު އިންޑިއާގައި އިނގިރޭސި ސަފީރަކު ހުންނެވުން މާނަ ކުރަންވީ ކޮންގޮތަކަށްތޯ ވެސް ސުވާލު ކުރެއްވި ކަމަށެވެ.
އިނގިރޭސި ޕާލަމެންޓްގައި ކުރެވުނު ބަހުސެއްގައި އިންޑިއާ ދަނޑުވެރިން ހަޅުތާލު ކުރުން ހުއްޓާނުލައި ދިގު ދެމިގެންދާތީ ވަނީ ފާޑުކިޔާފަ އެވެ. އަދި ދަނޑުވެރިންގެ ރައްކާތެރިކަމާއި އެމީހުން ކުރާ ޝަކުވާ އަޑުއަހައި ރިޕޯޓް ކުރަން މަސައްކަތްކުރާ ނޫސްވެރިނަށް ކުރިމަތިކުރުވާ އުނދަގުލާ މެދު ކަންބޮޑުވާ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާ ދަނޑވެރިން މިދިއަ އަހަރު ނޮވެމަބަރުން ފެށިގެން އަންނަނީ އިހްތިޖާޖް ކުރަމުންނެވެ. އެމީހުން ސަރުކާރަށް ގޮވާލަނީ ދަނޑުވެރިކަމާ ބެހޭ ގާނޫނަށް ގެންނަން އުޅޭ ބަދަލުތައް އަނބުރާ ގެންދިއުމަށެވެ. ދަނޑުވެރިން ދެކޭ ގޮތުގައި އެ ބަދަލުތަކުގެ ސަބަބުން، އެމީހުން ކުރާ މަސައްކަތުން ރަނގަޅު ފައިދާއެއް އެމީހުންނަކަށް ނުލިބޭނެ އެވެ.
އިންޑިއާ ސަރުކާރުން ދަނޑުވެރިންނަށް ދޭ ނަސޭހަތަކީ މަޝްވަރާ ކޮށްގެން ހައްލު ކުރުމެވެ. އެހެން ނަމަވެސް ދަނޑުވެރިންގެ ކިބައިން ހަރުދަނާ އެއްބާރުލުމެއް ނުލިބޭ ކަަމަށް ސަރުކާރުން ބުނެ އެވެ. އެހެން ނަމަވެސް މިހާރު މިކަން ވަނީ ސިޔާސީ ކޯޅުމެއްގެ ތެރެއަށް ވައްދައި މިސްރާބު ގެއްލުވާލާފަ އެވެ.