މާލޭ ސިޓީ ކައުންސިލް

ފީއަކާ ނުލައި އިސްތިހާރު ހިއްޕަން ހުއްދަ ދެނީ

ފީއަކާ ނުލައި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަ ކުރާ ކެންޑިޑޭޓުން މާލޭގައި ކެމްޕޭން އިސްތިހާރާއި ޕޯސްޓަރު ހިއްޕުމުގެ ހުއްދަ ދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން ބުނީ އެގޮތަށް ނިންމި ނަމަވެސް ހުއްދަ ނުނަގާ އިސްތިހާރެއް ބަހައްޓާ ކޮންމެ ދުވަހަކަށް 1000ރ. އާއި 2000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އިސްތިހާރު ނަގަންޖެހޭ މުއްދަތު ހަމަވުމުން އިސްތިހާރު ނުނަގާ ހިނގާ ކޮންމެ ދުވަހު ވެސް 2000ރ. ޖޫރިމަނާ ކުރާނެ ކަމަށެވެ.

އިސްތިހާރު ހަރުކުރަން ފޯމު ހުށަހަޅާ އިރު މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ މެމްބަރެއް ކަމުގެ ލިޔުމާއި ހަރު ކުރަން ބޭނުންވާ އިސްތިހާރެއްގެ ހާޑް ކޮޕީ ކުލަކޮށް ހުށައަޅަން ޖެހެ އެވެ. އަދި އިސްލާމް ދީނާ ގުޅުންހުރި ލިޔުމެއް ލިޔެފައިވާ އިސްތިހާރެއް ނަމަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ހުއްދަ ނަގަން ޖެހެ އެވެ.

ބެނާ އިސްތިހާރުގެ ސަބަބުން އާއްމު ރައްޔިތަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވެއްޖެނަމަ އިސްތިހާރު ހަރުކުރި ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ. އަދި އަމިއްލަ ފަރާތެއްގެ އިމާރާތުގައި ހަރު ކުރާނަމަ، އެފާރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމުގެ ކޮޕީ ހުށަހެޅުމާއެކު، ހުއްދަ ދޫކުރި ލޮކޭޝަންތައް އެގެން ޖެހެ އެވެ

އިޝްތިހާރު ހިއްޕުން މަނަލީ ދައުލަތުގެ އިމާރާތް ތަކާއި ދައުލަތާއި ސަރުކާރުގެ އެފަދަ ތަންތަނުގެ މަގުމަތީ ފާރާއި ސަހަރާތަކާއި، ޕާކުތަކުގައާއި އަދި ޔުޓިލިޓީސް ހިދުމަތް ދިނުމަށް މަގުމަތީ ފާރުގައި ހަރުކޮށްފައިވާ ފޮށިތަކާއި މަގުމަތީ ހުންނަ ޑަސްބިންތަކާއި، ގަސް އިންދަން މަގުމަތީގައި ޖަހާފައިހުންނަ ފެންސްތަކުގަ އެވެ. އަދި މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަ ގޮތަށް އެކިއެކި ތަސްވީރު ހުންނަ އިޝްތިހާރު ބަހައްޓައި ހަރު ކުރުމަކީ ވެސް މަނާ ކަމެކެވެ.