ހއ. ތުރާކުނުގެ ފެނާއި ނަރުދަމާ ނިޒާމް ހިނގާ ބެލެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
މިދިޔަ އަހަރު ޖޫން މަހު ތުރާކުނުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އަލްޓެކޯ މޯލްޑިވެސް ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށްފައިވެއެވެ. އަދި އެމަޝްރޫއު މިއަހަރު އޮގަސްޓު މަހު ނިންމައި މިއަދު ވަނީ ފެނާއި ނަރުދަމާ ނިޒާމް ދެމެހެއްޓެނެވި ގޮތެއްގައި ހިނގާ ބެލެހެއްޓުމަށް ފެނަކަ ކޯޕަރޭޝަންއާ ތުރާކުނު ކައުންސިލް އާ މެދު އެއްބަސް ވުމެއްގައި ސޮއި ކުރެއްވާފަ އެވެ.
ތިމާވެއްޓާބެހޭ މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ މި ހިދުމަތްތަކަކީ އެކުންފުންޏަށް ކުޑަވެސް ފައިދާ އެއް ލިބިގެން ކުރާނެ މަސައްކަތް ތަކެއް ނޫން ކަމަށާއި އެހެންނަމަސް މި ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެއް ކަމުގައި ވާތީ އޭގެ އެންމެ ފުރިހަމަ ހިދުމަތް ދޭނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށެވެ.
"މި ނިޒާމަކީ ވަރަށް ބޮޑު ހަރަދެއް ކުރެވިގެން ދިޔަކަމެއް. އަދި މިކަމަކީ ރައްޔިތުންގެ ވަރަށް ބޮޑު އަސާސީ ހިދުމަތެއް. އެހެން ކަމުން އަޅުގަނޑޫމެން ކުންފުނީ ފަރާތުން މި ހިދުމަތް ވަރަށް ފުރިހަމަކޮށް ފޯރުކޮށްދޭނަން،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތުރާކުނުގައި ގާއިމް ކޮށްފައި ހުރި ފެނާއި ނަރުދަމާ ނިޒާމުގެ ދަށުން 150 ޓަނުގެ ވޯޓަރ ސްޓޯރޭޖް ޓޭންކެއް އަޅައި 139 ގެޔަކަށް ފެންމީޓަރު ވައްދަ ދީފާވާކަމަށާއި 140 ގެޔަކަށް ޖަންގުޝަންތަށް މިހާރު ގުޅާ ކުރިޔަށް އޮތް ތަނުގައި 118 ގެޔަކަށް ޕައިޕް ތަކާއި އެއްޗިސް ގުޅުމުގެ މަސައްކަތް ކުރާނެ ކަމަށް ނިމާލް ވިދާޅުވި އެވެ.
ތުރާކުނުގައި ނަރުދަމާ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްފައި ވަނީ އެރަށު ކަުންސިލުން އިސްނަގާގެން އަލިފުޅު ތުއްތު ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ސަރުކާރާއި ގުޅިގެންނެވެ. އަދި އެމަޝްރޫއުއަށް މުޅިޔަކު 38 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.