ފެނަކަ ކޯޕްރޭޝަން

ފެނަކައިގެ މައްސަލަތައް ހައްލު ކުރަން މުއްދަތެއް

އެންޓި ކޮރަޕްޝަން ކޯޕަރޭޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަނާއި ގުޅިގެން ނެރެފައިވާ ރިޕޯޓުގައި ބަދަލު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށާއި އެކަންކަން ބަދަލު ކުރަން މުއްދަތެއް ދީފައި ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ގިނަ މައްސަލަތަކެއް އޭސީސީއަށް ހުށައަޅާފައިވާ ކަމަށާ އޭގެ ތެރޭގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާ ގުޅޭ ގިނަ މައްސަލަތަކެއް ވެސް އެ ކުންފުނީގެ މުވައްޒިފުން ހުށައަޅާފައިވާ ކަމަށް އޭސީސީއާ ހަވާލާދީ ވަނީ ރިޕޯޓް ކޮށްފަ އެވެ.

އޭސީސީން އެކުލަވާލައިފައިވާ ރިޕޯޓްގައި ފެނަކާގައި ބަދަލު ކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށާއި އެކަންކަން ބަދަލު ކުރުމަށް ދޭ މުއްދަތުގައި ބަދަލު ނުކޮށްފިނަމަ އަޅަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

"އޭސީސީން އެކުލަވާލާފައިވާ ރިޕޯޓުގައި އެބަހުރި ބަދަލު ކުރަން ޖެހޭ ކަންތައްތަކެއް. އޭގެތެރޭގެ ފެނަކައިގެ ޕްރޮކިއުމެންޓާއި، މުދާ ގަންނަ ގޮތާއި އަދި ބިޑިން ޕްރޮސެސް ވެސް ވަނީ ބަދަލު ކުރަން ޖެހިފައިވޭ. އެހެންވީމަ އެކަންކަން ބަދަލު ކުރަން އަޅުގަނޑު ދޭނަން މުއްދަތެއް. އެ މުއްދަތުގެ ތެރޭގައި ބަދަލު ނުކޮށްފިނަމަ ފިޔަވަޅު އަޅާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ފެނަކައިގެ އިތުރުން އެހެން ކުންފުނިތަކާއި ދޭތެރޭ ވެސް އަމަލުކުރާނީ އެފަދައިން ކަމަށެވެ.

ފެނަކައިގައި މައްސަލަތަކެއް ހުރި ކަމަށް ރައީސް ވެސް ވިދާޅުވެފައި ވާއިރު އޭސީސީން ނެރުނު ރިޕޯޓް އެ ކުންފުނިން ވަނީ ދޮގު ކޮށްފަ އެވެ.