ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެފަދަ މައްސަލައެއް އެމަނިކުފާނަށް ހުށައެޅި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އިމްރާންގެ ފަރާތްޕުޅުން ޖިންސީ ގޯނާ ކުރިމަތިވެފައިވާ ކަމަށް ބުނެ އަންހެނަކު ގެންދަނީ އެ ވާހަކަ ދައްކަމުންނެވެ. އަދި އޭނާ ވާހަކަ ދައްކާ އަޑު އިވޭ އޯޑިއޯއެއްވެސް ވަނީ ލީކްވެފައެވެ.
އެ އޯޑިއޯގައި އަންހެން މީހާ ވަނީ އަދާލަތު ޕާޓީގެ އޮފީހަށް ގެންގޮސް އޭނާއަށް އިމްރާން ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކަތަކެއް ކިޔައިދީފަ އެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި މިނިސްޓަރުގެ ފަރާތުން ގިނަ އަންހެނުންތަކަށް ވަނީ ފުރައްސާރަ ކުރިމަތިވެފަ އެވެ.
އޯޑިއޯގައި "ޔުމްނާ" އެއްގެ ވާހަކަ ވެސް ދައްކަ އެވެ. ބެލެވޭ ގޮތުގައި އެއީ އިމްރާން މިހާރު ކައިވެނި ބައްލަވައިގެން އުޅުއްވާ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ ޔުމްނާގެ ވާހަކަ އެވެ. އޭނާއަށް އެ ވާހަކަތައް ކުރިން ވެސް ހިއްސާކޮށްފައިވާނެ ކަމާއި ނަމަވެސް އެކަމުގައި ހިމޭނުން ހުންނަކަން ދޭހަވާ ގޮތަކަށް އޯޑިއޯގައި އެ އަންހެން މީހާ ބުނެ އެވެ. އަދި އިމްރާންގެ ފުރައްސާރައިގެ ވާހަކަތަކުގެ ގިނަ ވާހަކަތަކެއް އޭނާ އަދިވެސް ހިއްސާ ކުރަމުން ދާނެ ކަމާއި މަޑު ނުހުންނާނެ ކަމަށް ވެސް ބުނެ އެވެ.
މި ތުހުމަތުތަކާ ގުޅޭ ގޮތުން އިމްރާން މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. ސޯޝަލް މީޑިއާގައި އިމްރާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ. މި މައްސަލައާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ވާހަކަ ދެއްކުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލާފަ އެވެ.
މިދިއަ ޖުލައި މަހުގެ ތެރޭގައި ފެންމަތިވި މައްސަލާގައި، އެ އޯޑިއޯގެ ސައްހަކަން ބަލަމުން އަންނަކަމަށް ބުނި ނަމަވެސް، އޭގެ ފަހުން އެކަމުގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިއެއް ނުވެ އެވެ.
އެކަމާ ގުޅޭގޮތުން މިއަދު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެފަދަ މައްސަލައެއް އެމަނިކުފާނާ ހަމައަށް އައިސްފައިނުވާ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ހިނގާފައި އޮތްތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
"ތި މައްސަލައެއް އެއްފަރާތަކުން އަދި އަޅުގަނޑާ ހަމައަށް އައިސްފައެއް ނެތް އިނގޭތޯ. އަޅުގަނޑު ބަލާނަން ތިކަހަލަ ކަމެއް ހިނގާފައި އޮތްތޯ،" ރައީސް ވިދާޅުވިއެވެ.