ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިއްހީ އެއްވެސް އެހީތެރި ކަމަކަށް އެދިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެއްދެވީ ވަރަށް ބޮޑު އިތުރުފުޅެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އިކްނޮމިކް މިނިސްޓަރުކަން ކުރެއްވެވި ސައީދު މިއަދު ވިދާޅުވީ ރައީސް ޔާމީނަށް މި ސަރުކާރުގެ ތެރެއިން ދެމުންދާ އަނިޔާތަކުގެ ފަހަތުގައި ވަނީ ރައީސް ސޯލިހާއި ސަރުކާރު ކޮންޓްރޯލް ކުރާ ބައިވެރިން ކަމަށެވެ.
ރައީސް ސޯލިހުގެ އެ ވާހަކަފުޅާ ގުޅުވާލައި އެކަމަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ، ގާނޫނުގެ ފޮޅުވަތަކުން އަކުރުތައް ވަކިވެފައިވީ ނަމަވެސް ގާނޫނު އަސާސީ އަދި މުޅި ދައުލަތް ވަނީ "ހޮސްޓޭޖް ހާލާތެއް" ގައި ކަމަށެވެ. ރައީސް ޔާމީނަށް ސަރުކާރުން ގަސްތުގައި އަނިޔާ ދޭ ކަމަށެވެ.
ސައީދު މި ވާހަކަތައް ދައްކެވި އިރު ރައީސްގެ ޕްރެސްގައި އިއްޔެ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އަމަލީ ގޮތުން އިސްކޮށް ބައިވެރިވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީިގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލު ކޮށްފައި ވަނީ އިޖުރާއަތުގެ ތެރެއިންނާއި ސިއްހީ ލިޔުމެއް އޮވެގެނެވެ. ނަމަވެސް ރައީސް ޔާމީން އެފަދަ ކަމަކަށް އެދިވަޑައިގެންފައެއް ނުވެއެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން އެފަދަ ލިޔުމެއް ވެސް ނާދެ އެވެ.
ރައީސް ސޯލިހު އިއްޔެ ވިދާޅުވި ގޮތުގައި ވަރަށް ކުރިން ކުރީގެ ރައީސް ޔާމީން މެޑިކަލް ޓެސްޓް ތަކެއް ހައްދަވަން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގެންނެވުމުން އެ ފުރުސަތު އެރުވި އެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ބޭރަށް ވަޑައި ނުގެންނެވީ އެވެ. އޭގެ ފަހުން ސިއްހީ އެއްވެސް ކަމެއްގައި ރައީސް ޔާމީނު އެހީއަކަށް އެދި ވަޑައި ނުގަންނަވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާއިރު އަދީބާއި ޒިޔަތު ގޭގައި ތިއްބަވާތާ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އޮވެއެވެ.