ރައީސް އަބްދުﷲ ޔާމީން

ޔާމީން ބޭރަށް ފޮނުވާލަން ރައީސް ޕްރެޝަރުކުރައްވާ: ޖަމީލް

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުގައްޔޫމް ރާއްޖެއިން ބޭރަށް ފޮނުވާލެއްވުމަށް ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރެޝަރު ކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އިއްޔެ ވިދާޅުވި ގޮތުގައި ވަރަށް ކުރިން ކުރީގެ ރައީސް ޔާމީން މެޑިކަލް ޓެސްޓް ތަކެއް ހައްދަވަން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގެންނެވުމުން އެ ފުރުސަތު އެރުވި އެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ބޭރަށް ވަޑައި ނުގެންނެވީ އެވެ. އޭގެ ފަހުން ސިއްހީ އެއްވެސް ކަމެއްގައި ރައީސް ޔާމީނު އެހީއަކަށް އެދި ވަޑައި ނުގަންނަވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވިދާޅުވުމަކީ ރައްޔިތުންނަކީ ތަނެއްދޮރެއް ނޭނގޭ ބައެއް ކަމަށް ސިފަކުރުން ފަދަ ކަމެއް ކަމަށެވެ. އަދި ޑޮކްޓަރުންގެ ލިޔުން ލިބޭނެ އެނޫން ބަޔަކު ނެތީތޯ ޖަމީލް ސުވާލު ކުރެއްވިއެވެ.

"ހަގީގަތަކީ ރައީސް ޔާމީނާ ދެކޮޅަށް ހެކިދިނުމުން ބަދަލުގައި އިނާމަކަށް އެ ދެ މީހުން ގެއަށް ބަދަލުކުރި. މިކަމުގެ ހެކި އެބަހުރި. ރައީސް ޔާމީން ގެއަށް ބަދަލުކޮށް ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަންޖެހޭ ކަމުގެ ލިޔުން ތަކުރާރުކޮށް ހުށަހެޅުމުންވެސް ގަބޫލެއް ނުކުރި،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ވަކިވަކިން ރައީސް ސޯލިހުގެ ފަރާތުން އެކިފަރާތްތައް މެދުވެރިކޮށް ޕްރެޝަރު ކުރަމުންދަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށެވެ.

"އެވަރުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ކެތްމަދުވެގެން އުޅުއްވަނީ ކީތްވެބާ،" ޖަމީލް ސުވާލު ކުރެއްވިއެވެ.

ވަކިވަކިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަރާތުން އެކި ފަރާތްތައް މެދުވެރިކޮށް ޕްރެޝަރު ކުރަމުން ދަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް. އެވަރުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ކެތްމަދުވެގެން އުޅުއްވަނީ ކީތްވެބާ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ރައީސް ޔާމީންގެ އިސް ވަކީލް

މި މައްސަލާގައި ކުރީން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ދީފައިވާ ލިޔުމެއްވާ ކަމަށާއި އެ ލިޔުމުގައި ދެ ކަމަކަށް ލަފާ ދީފައިވާ ކަމަށެވެ. އެއީ ޓެސްޓެއް ހެއްދެވުމާއި އެ މަނިކުފާނު ސްޓްރެސްފްރީ މާހައުލެއްގައި ބެހެއްޓުން ކަމަށެވެ. އެ ދެ ޓެސްޓަކީ ރާއްޖެއިން ހެދޭނެ ޓެސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ޓެސްޓް ހެދުމާއި ގުޅޭގޮތުން ރައީސް ޔާމީނާ ބައްދަލުކޮށް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެސްޓް ހެއްދެވުމަށް މި ރީޖަންގެ ގައުމުތަކުން ދާން ބޭނުންވާ ކޮންމެ ގައުމަކަށް ދިއުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. ނަމަވެސް ޓެސްޓް ހައްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަަށެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ ގޭ ބަންދަށް ބަދަލުވެވަޑައިގަތުމަށެވެ.

"އަޅުގަނޑު ދެންނެވިން ފުރަތަމަ ބައި ފުރިހަމަ ކުރައްވާފައި ނޫންތޯއޭ ދެވަނަ ބަޔަށް އަމަލު ކުރެވޭނީ،"

އިމްރާން ވިދާޅުވީ ފުރަތަމަ އޮތް ކަމަކީ ރާއްޖެއިން ބޭރަށް ވަޑައިގެން ޓެސްޓް ހެއްދެވުން ކަމަށެވެ. އަދި ސްޓްރެސް ފްރީ މާހައުލަކީ ކޮބައިކަަން ނިންމަން ޖެހެނީ އޭގެ ފަހުން ކަމަށެވެ. ދެން އިމްރާން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ޖަލެއްގައި ގާއިމް ކުރެވޭނެ އެންމެ ރަނގަޅު މާހައުލުގައި ކަމަށެވެ.