(8 މާރިޗު 2021 އާ ގުޅޭ)
ހަވީރުގެ ފިނިފިނި ވަގުތުތައް ޖަންނަތު އާއި ޒަހީން ހޭދަކުރަމުން ދިޔައީ ލޯބީގެ ދާނުގައެވެ. ސުކޫލު ދައުރުން ފެށިގެން ވެސް ޒަހީން ވެފައި ވަނީ ޖަންނަތުގެ "ކުރަޝް"އަކަށެވެ. ފުރާވަރުގެ ދުވަސްތަކުގައި ލޯތްބަކީ ކޮބައިކަން އެނގި، އެލޯބީގެ އައުކަން މަތީގައި ކެތް ނުވެގެން ޖަންނަތު ވަނީ ޒަހީނަށް ލޯބި ވެސް ހުށައަަޅައިފައެވެ. ނަމަވެސް ޖަންނަތަށް އެފަހަރު ކުރިމަތި ލާން ޖެހުނީ ނާކާމިޔާބީއާ އެވެ. ޖަންނަތުގެ މޫނުމައްޗަށް ޒަހީން ޖެހި "ނޯ" އިން އެ ދުވަހު ކިތަންމެ ކަޑަ ވިޔަސް، އޭގެ މައްޗަށް ލޯބި ވަނީ ގަދަކޮށްފައެވެ. އަބަދުވެސް ޖަންނަތު ލޯބި ވަނީ ޒަހީން ދެކެއެވެ. ޒަހީން ނުލިބެގެން އެވީ ދެރެއިން އަވަސް އަރުވާލައިގެން ލަބީބާ ކައިވެނީ ކުރީ، ޒަހީނަށް ދައްކަން ކުރި ކަމެއްގެ ގޮތުގައެވެ. ނަމަވެސް އެކަމުން ޒަހީންގެ ފިރިހެންވަންތަ ސިކުނޑިއެއް ނުސިހުނެވެ. ރަށުގެ ޤަދަރުވެރި މަޤާމަކަށް ކޮންމެ ދައުރެއްގައި ވެސް ބޮޑު އަޣުލަބިއްޔަތަކުން ޒަހީން ހޮވޭ ކަމީ، އިތުރު ކަމަކާ ބޯގޮއްވަން ޒަހީން ބޭނުންނުވި މައިގަނޑު އެއް ސަބަބެވެ.
ޒަހީންގެ ޙަޔާތަށް އެތައް އަންހެން ކުދިންނެއް އައިސް ދެއެވެ. ލޯތްބަކީ ޒަހީން އެއްވެސް އިރެއްގައި ޤަބޫލު ކުރާ ކަމެއް ނޫނެވެ. އެއީ ޒަހީންގެ ނަޒަރުގައި ބޭކާރު ވަގުތެކެވެ. ބޭކާރު ޚަރަދެކެވެ. ދުނިޔޭގެ އުފަލާއި، ހިތްހަމަ ޖެހުމާއި، އަމިއްލަ ފައިސާ، އަމިއްލަ އުފަލަށް ހޭދަކުރުމަކީ ޒަހީންގެ ވިސްނުމެވެ. ރަށުގެ ރައްޔިތުންނާ އަބަދުވެސް ގާތް ގުޅުމެއް ޒަހީން ބާއްވައެވެ. ޒަހީންގެ ރީތި ފަން ދިގު އިސްތަށިގަނޑުން އެތައް އަންހެން ކުދިންގެ ޖަޒުބާތުތަކާ ކުޅެލައެވެ. ޒަހީނަށް ރަށުގެ ޒުވާން އަންހެން ކުދިންގެ ތަރުޙީބު އެހާ ބޮޑު ސަބަބަކީ އެންމެން ކިޔާ ގޮތުން އޭނާ "ހޭންޑްސަމް" ވީމަ ކަމަށް ވެސް ވެދާނެއެވެ.
"ޒަހީން އަހަރެންނާ އިނދެފާނަންތަ؟" ޒަހީންގެ މޭމަތީގައި ފިރުމައިލަމުން ޖަންނަތު ކޮށްލި ސުވާލުން ޒަހީނަށް ހިނި އައެވެ.
"ކީކޭ؟ ކައިވެންޏޭ؟ ތީ މިހާރު ވެސް މީހެއްގެ އަންބެއްނު؟ އަހަރެން ކިހިނެއް އިންނާނީ؟ އެެހެން ނޫނަސް އަހަރެން ނުވޭ މެރީ ކުރާ ހިތެއް." ޒަހީން ވިސްނުމުގައި "ކައިވެނި" މިލަފުޒުވެސް ނެތެވެ.
"އަހަރެން އެކަމު އަދިވެސް ޒަހީން ދެކެ ވަރަށް ލޯބިވޭ. އަހަރެންނަށް އެނގޭ ޒަހީން އަހަރެން ދެކެ ލޯބި ނުވާކަން ވެސް. އަހަރެން އާދޭސް ކުރާ ވަރުންކަން އަހަރެންނާ ގުޅުން ބާއްވަނީ.." ޖަންނަތުގެ ދުލުން އަމިއްލައަށް އެދެމީހުންގެ މެދުގައި މިވަގުތު އުފެދިފައިވާ ގުޅުން ކިޔައިދިނެވެ. އާނއެކެވެ. ޒަހީން އެއްވެސް ވަރަަކަށް ޖަންނަތު ދެކެ ލޯތްބެއް ނުވެއެވެ. ވަގުތީ އުފަލާ އަރާމަށްޓަކައި ޖަންނަތު ހަދާފައިވަނީ ޒަހީންގެ އެނދުމަތި ފަޅުފިލުވައިދޭ ބައިވެރިޔަކަށެވެ. އަދި އެވެސް ޖަންނަތު އަމިއްލައަށް އެދިގެންނެވެ.
"ދެން ނުވޭތަ ދާކަށް؟" ޒަހީން ބަލައިލީ ޖަންނަތުގެ މޫނަށެވެ. ޖަންނަތުގެ މޫނުގައި ޖެހި ފުށްތައް އެއްކޮށް ފުހެވި، ތުންފަތުގައި ހުރި ލިޕްސްޓިކްތައް ވަނީ ފޭއްދިފައެވެ. އިސްތަށިގަނޑު ހޭވިފައިވާ އިރު، ޖަންނަތުގެ އަސްލު ސިފަ ދިޔައީ ފައުޅުވަމުންނެވެ.
"ދާން މިއުޅެނީ.. އިރު އޮއްސިއްޖެ ދޯ؟" މޯޅިއަކަށް ދެމިލަމުން ޖަންނަތު އެނދުން ތެދުވެގެން ގޮސް، ތައްޔާރު ވެލީ އޭނާގެ ގެއަށް ދިޔުމަށެވެ.
***
"ބައްޕީ! ލައިބާ ވަރަށް ބަނޑުހައިވެއްޖެ." ސޯފާގައި އިން ލަބީބުގެ އުނގުގައި އިށީންނަމުން ލައިބާ ބުނެލިއެވެ.
"އެހެންތަ ދަރިފުޅާ؟ ހިނގާ ކާން." ލަބީބު ސޯފާއިން ތެދުވެގެން ލައިބާއާ އެކުގައި ކާގެއަށް ވަންނަން ހިނގައިގަތެވެ. ޖަންނަތު ލަސްވެގެން ލަބީބު އެތައް ފަހަރަކު ގުޅި އިރުވެސް ޖަންނަތުގެ ފޯނު އޮތީ ނިއްވައިލާފައެވެ. ލައިބާއަށް ކާން ދޭންވެގެން ކާގޭގައި ލަބީބު އުޅެނިކޮށް ޖަންނަތު އައިސް ކާގެއަށް ވަނެވެ.
"ކާންތަ ތިއުޅެނީ ދަރިފުޅާ؟" ޖަންނަތު އައި ގޮތަށް އައިސް ފުރިޖް ހުޅުވައިލަމުން، ފިނިކޮށްފައިވާ ފެން ފުޅިއެއް ނެގިއެވެ.
"އަހަރެން ބޭނުން ވާހަކަދައްކާލަން.." ލަބީބު ބަލައިލީ ޖަންނަތަށެވެ.
"ދައްކަންވީނު؟" ފެން ބޮއި ނިމި، ފެން ފުޅީގެ މަތި ޖަހަމުން ޖަންނަތު ބުނެލިއެވެ.
"މިތަނުގަ އެއްނޫން. ދަރިފުޅު ކާލާ އިނގޭ! ބައްޕިމެން އެބަ އަންނަން." ލަބީބުގެ އެދުމަށް ލަބީބާ އެކު ޖަންނަތު ގޮސް ވަނީ އެމީހުންގެ ކޮޓަރިއަށެވެ.
"ޖަނާ ކިހިނެއް ތިއުޅެނީ؟ ބަލަ ދަރިއަށް ކާން ނުދީ.." ލަބީބުގެ އަނގަ ބަންދުކޮށްލީ ޖަންނަތެވެ.
"ލަބީބު ތިހުރީނު؟ ތީ ކީއްކުރާ މީހެއްތަ؟ ބައްޕައިންނަކީ 24 ގަޑިއިރު ނިދަން ތިބޭ ބައެއް؟ ދަރިންގެ ކަންކަންކޮށްލުން އެއީ ހަޑި ކަމެއްތަ؟ ގައިމު ތިކުރާ ވޮޗަރުކަމަށް ވުރެ، ސަޅި ކަމެއް ދަރި ބަލަން އިނުން ވެސް ގޭގަ." ޖަންނަތު ވާހަކަދެއްކީ މަލާމަތް ކުރާ ފާޑަކަށެވެ.
"އަހަރެން އަބަދު އޮންނަނީ ނިދަންތަ؟ އަހަރެން ކުރާ މަސައްކަތް ނުފެނޭތަ ޖަނާ؟" ލަބީބު ވާހަކަދެއްކީ ވަރަށް މަޑުންނެވެ.
"ކޮން ކަމެއް؟ ސުކޫލުގެ ވޮޗަރުކަން؟ ތި މަސައްކަތުން ލިބޭ 6ހާސް ރުފިޔާއިން ކިހިނެއް ކައިބޮއި އުޅޭނީ މިފަދަ ޒަމާނެއްގަ؟ އަހަރެންނަކަށް، ލައިބާއަކަށް ރަނގަޅަށް ޚަރަދު ކުރެވެނީއެއް ނޫން. ލަދެއް ނުގަނެއެއްނު އަދި އަނގަ ތަޅަން އަހަރެން ގާތު.." ޖަންނަތުގެ އަޑު ދިޔައީ ބާރު ވަމުންނެވެ.
"ޖަނާ. ޕްލީޒް.. ތި ގޮތަށް އަހަރެންނާ ވާހަކަނުދައްކަބަލަ! ހެޔޮނުވާނެ! އަހަރެންނަށް ވީ ވަރަކުން އަހަރެން މިދަނީ ހުރިހާ ކަމެއް ބަލަހައްޓަމުން ދޯ؟ ލައިބާގެ ކޮންކަމެއްތަ ނުވެ އޮތީ؟ ތިގޮތަށް ތި އަހަރެންގެ އަގު ވައްޓާލަނީ.." ލަބީބަށް ޙަޤީޤަތުގައި ވެސް ވަރަށް އަސަރު ކުރިއެވެ.
"ކަލޭގެ ދަށްކަން ތިލެވަލްގަ ހުއްޓާ އަހަރެން ކިހިނެއް ކަލެއަށް ތަޢުރީފް ކުރާނީ؟ ކީއްތަވީ ތަންކޮޅެއް ރަނގަޅު މަޤާމެއް ހޯދަން އުޅުނިއްޔާ! ކައުންސިލް ކަމަށް ކުރިމަތިލާން ވީނު އަންނަ ދައުރުގަ؟ ހޫނ! އަދި މީ ކިޔަވައިގެން ހުރި، ބަޔަކު ބަލައިގަންނާނެ މީހެއް ވެސް ނޫން ވިއްޔާ.. ބޯ ހަލާކު." ޖަންނަތުގެ ކޮންމެ ލަފުޒަކުން ލަބީބަށް ލިބުނީ ހިތްދަތިކަމެވެ.
"ދެން ކީއްވެ އަަހަރެންނާ ކައިވެނި ކުރަން އެއްބަސްވީ؟" ލަބީބުގެ އަޑުގައި ވަނީ ހިމޭންކަމެވެ.
"އެއީ މިސްޓޭކެއް. އައި ރިގްރެޓް އިޓް.." ޖަންނަތު މޫނު އަނބުރައިލިއެވެ.
***
"މަންމީ. ކީއްވެތަ ޑެޑީ ނުގުޅަނީ؟ ކޮއްކޮ ބޭނުން ޑެޑީއާ ވާހަކަދައްކާލަން.." އައިޝާގެ އަތުގައި ހިފައިލަމުން ކުޑަކުޑަ ދުންޔާ ބުނެލިއެވެ.
"ޑެޑީ ވަރަށް ބިޒީވީމަ އެ ނުގުޅެނީ. އެކަމު ޑެޑީ އަބަދުވެސް ދޫނި ދެކެ ވަރަށް ލޯބި ވާނެ. ދެން ނެތެއްނު މާ ގިނަ ދުވަހެއް ވެސް. ޑެޑީ އަންނާނެ ވަރަށް އަވަހަށް.." އައިޝާގެ ގަޔާ ދުންޔާ ގާތްކޮށްލަމުން ވަރަށް ލޯބިން ބުނެލިއެވެ.
"އެކަމު ޕްލީޒް މަންމީ.. މިހާރު 2 ވީކްސް ވެއްޖެ ޑެޑީ ނުގުޅާތާ! ދޫނި ވަރަށް ދެރަވޭ. ގުޅާބަ ދެން މަންމީ." ދުންޔާގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭނެ ހިތްވަރެއް އައިޝާގެ ކިބައިގައި ނެތެވެ. އައިޝާ ފޯނު ނަގައި ވައިބަރުން ނާއިކަށް ގުޅައިލިއެވެ.
"ހަލޯ ޑެޑީ. ކިހިނެއް؟" ނާއިކު ފޯނު ނެގުމާއި އެކު، ދުންޔާ ވަރަށް އުފަލުން ބުނެލިއެވެ.
"ޑެޑީ ރަނގަޅޭ. ޑެޑީގެ ދޫނި ކިހިނެއްތަ؟" ނާއިކުވެސް ހީނލަމުން އަހައިލިއެވެ.
"ރަނގަޅު.." ދުންޔާ އެހެންބުނެ ހޭން އިނެވެ. އެ ކުޑަ ފުރާނައަށް އޭނަގެ ބައްޕަގެ އަޑު އިވުމުން ވެސް ލިބެނީ ބުނެދޭން ނޭނގޭފަދަ އުފަލެކެވެ.
"ޑެޑީ ނިދަނީ އިނގޭ! ބާއި." ނާއިކު ފޯނު ކަނޑައިލުމުން، ހެވިދިލިފައި އިނދެ ދުންޔާ ފޯނު ދިއްކޮށްލީ އައިޝާގެ އަތަށެވެ. ގަދަ ކަމުން ހިނިތުންވުމެއް ދެމުން އައިޝާ ވަރަށް އަވަސްކޮށް ވަނީ ފާޚާނާއަށެވެ. ހަމަ އެއާއި އެކު އައިޝާގެ ބަޑި ފަޅައިގެން ދިޔައެވެ. "ޕާސް" ކިޔާފައި ރޮއިގަނެވުނީ އަޑު ހިންދަން މަސައްކަތް ކުރަމުންނެވެ. އެސްފިޔަތައް ފޫ އަޅުވައިލަމުން، އައިޝާގެ ދެލޮލުގެ ތެރެއިން ބޭރުވެގެން ދިޔައީ ކަރުނައިގެ ތިކިތަކެވެ. މަޑުމަޑުން އައިޝާ އޭނާގެ މޫނުގައި ދެއަތް އަޅައިލީ ހިތް ފުރޭވަރަށް ރޮއިލަން ނުހަނު ބޭނުންވާތީއެވެ.
އުމުރުން 18 އަހަރު ވީތަނާ އައިޝާ ޒަވާޖީ ހަޔާތެއް ފެށީ ވަރަށް ގިނަ އުއްމީދުތަކަކާއި އެކުގައެވެ. މުޅި އުމުރު ނާއިކާ އެކުގައި ވޭތު ކުރަން ހިތުގެ އެންމެ ފުންމިނުން ވަރުގަދަ އަޒުމެއް ކަނޑައަޅަމުންނެވެ. ދިރިއުޅުމަކީ ހަނގުރާާމައެއްކަން އެނގި، އެ ހަނގުރާމައިން ނާއިކާ އެކު ކާމިޔާބު ހޯދޭނެކަމަށް ބަލައިގެންނެވެ. ނަމަވެސް އައިޝާގެ ދިރިއުޅުމުގެ އޮއިވަރު ބަދަލުވެގެން ދިޔައީ އޭނާއަށް ނޭނގި ހަމަ ކުއްލިއަކަށެވެ. ކުއްލި އައި ބަދަލުން އޭނާގެ ދިރިއުޅުން އޭނާއަށް ހިމޭންކޮށްލިއެވެ. ފިރިމީހާއަށް އައި ބަދަލުތައް އޭނައަށް އާދައަކަށްވެ، ދިރިއުޅުން އެ ބަދަލުތަކުގެ ހިތްދަތިކަމުން ވަށައިލިއެވެ. ނާއިކުގެ އުމުރުން 21އަހަރުގައި އައިޝާއާ ކައިވެނީގެ ގޮތުން ގުޅުނު އިރު ވެސް، ނާއިކް އަކީ އެތައް އަންހެން ކުދިންނެއް "މަށަށް މަށަށް" ކިޔައިލަކިޔައިލަ ހުރި ރީތި ޒުވާނެކެވެ. ނާއިކުގެ އިސްކޮޅާއި، ދޮން އަލި މޫނާއި އެކު، ނާއިކުގެ ޗާލުކަން އެންމެ ބޮޑަށް ސިފަކޮށްދެނީ އޭނާގެ ބުޅި އިސްތަށިގަނޑެވެ. ނާއިކުގެ ބޮލަށް ހީވަނީ "ނޫޑްލްސް" ތަކެއް އަޅާފައިވާ ހެންނެވެ. ނަމަވެސް އައިޝާގެ ހިތް ނާއިކަށް ލެނބިގެން ދިޔައީ ހަމަ އެކަނި އެ ރީތި ކަމުގެ ސަބަބުންނެއް ނޫނެވެ. ނާއިކު އަކީ ވަރަށް އަޅާލާ، ވަރަށް ލޯބި މީހަކަށް ވީތީއެވެ. އެ ސިފަތަކަށް އައިޝާއަށް ކުރެވުނީ ފުރިހަމަ އިތުބާރެކެވެ.
ހުއްޓުމެއްނެތި އައިޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އައިޝާ ގޮސް ހުއްޓުނީ މޫނު ދޮންނަ ތަށި ކައިރީގައެވެ. އަދި ކުރިމަތީގައި ހުރި ލޯގަނޑަށް ބަލައިލަމުން، މޫނުގައި ފެން އުނގުޅަން ފެށިއެވެ.
***
ދަންވަރުގެ ހިމޭން ކަމުގެ ތެރެއިން، މުޅި ކޮޓަރީގައި އެއް ހަމައަކަށް ހިފެހެއްޓިފައި ވަނީ ޖަންނަތު ފޯނުން ވާހަކަދައްކަމުންދާ އަޑެވެ. ސިއްރު ސިއްރުން ޖަންނަތު ވާހަކަދައްކަމުން ދިޔައީ ޒަހީނަށެވެ. ފިރިމީހާ ދަންވަރު ޑިއުޓީއަށް ދިޔުމުން ޖަންނަތުގެ ޑިއުޓީ އޭނާ ފަށަނީ ފޯނުންނެވެ. ޖަންނަތު ނުދައްކާ ވާހަކައެއް ޒަހީނަކާ ނޯއްވެއެވެ. ފިރިމީހާ ދަށުކޮށްލާފައި ހުންނަ ވާހަކައާ، ދުނިޔެ ލެއްވި ހުރިހާ "ހަޑި" ވާހަކައެއް ޖަންނަތު ދައްކައެވެ. ފާފައިިގެ އަނދިރި ކަނޑަށް ގެނބޭ އިރު، މިވަނީ ކީއްކަމާ މެދު ވިސްނައިލަން ވެސް ޖަންނަތަށް ވަގުތެއް ނުވާ ކަހަލައެވެ.
***
"އޭ ބްރޯ! ބްރޯ.." ގަދަ ނިދީގައި އޮތް ނާއިކު އޭނާގެ ތަތް ވެފައިވާ ދެލޯ ހުޅުވައިލީ ދޮރުގައި މީހަކު ޓަކި ޖަހާ އަޑަށެވެ. ވަރަށް ކަންނެތްކޮށް ދެކޮޅަށް ފުރޮޅިލަމުން ނާއިކު އެނދުން ތެދެވެގެން ގޮސް ދޮރު ހުޅުވައިލީ ލައިގެން ހުރި ބޮކްސާކޮޅާ އެކުގައެވެ.
"ބްރޯ! ކައެ އަދި ހިއްލާ ވެސް ނުލަންދޯ؟ މަލް ގުޅާވަރުން. ކައެ ފޯނަށް ކިހިނެއް ހަދާފަ؟" ދޮރު ކުރިމަތީގައި ހުރީ ނާއިކާ އެކު ސިންގަޕޯރގައި ކިޔަވަމުންދާ، އަދި އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ދާއިންއެވެ.
"އާނ އޯކޭ!" އާފުރެމުން ނާއިކު އެހެން ބުނެލީ ދެލޮލުގައި އަތް އުނގުޅައިލަމުންނެވެ.
"އޯކޭއެކޭ ނޫން. ކައެ ވިސްނައިގެން މަލް ކަންތައް ކުރިއަށް ގެންދާތި! ވައިފަށް ބަސްޓު ވާނީއެއް ނޫން." ދާއިން އެހެން ބުނެ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ނާއިކުގެ އަންބެއް ހުންނަކަން ވެސް އެތައް ދުވަހެއް ފަހުން އޭނާއަށް ހަނދާންވި ކަހަލައެވެ.
"އާޝާ.." ނާއިކު އޭނާގެ އަންހެނުން އައިޝާއަށް ކިޔައި އުޅޭނަން އޭނާގެ ދުލަށް އައެވެ. ނާއިކު އައިޝާއާ އެންމެ ފަހުން ވާހަކަ ދެއްކި ދުވަހެއް ވެސް އޭނާގެ ހަނދާނުގައި ވެސް ނެތެވެ. ގުޅޭ ފަހަރަކު ވެސް ދަރިއާ އެކަނި ވާހަކަދައްކާލާފަ ފޯނު ބޭއްވެނީ އައިޝާ މަތިން ހަނދާންވެސް ނެތީމައެވެ. ގިނަ ދުވަސް ވުމުން ވާހަކަދައްކާ "މޫޑް" ވެސް ނާއިކުގެ ނުހުންނަނީ އެވެ. މޯޅިއަކަށް ދެމިލަމުން ނާއިކު ފޯނަށް ބަލައިލީ، ފޯނުގެ ޑިސްޕްލޭ ދިއްލުމުންނެވެ.
"ހޭލާފަ ގުޅާބަލަ! އައި ހޭވް އަ ސަޕްރައިޒް ފޯރ ޔޫ.." މަލާކުގެ މެސެޖު ކިޔައިލުމާއި އެކު، ނާއިކުގެ ތުންފަތުން ލުއި ހިނިތުންވުމެއް ދުވެލިއެވެ.
"ގްޑް މޯރިން މަލް ބޭބީ. ފެންވަރައިގެން މި ގުޅަނީ." މަލާކުގެ މެސެޖަަށް ރިޕްލައި ކޮށްލަމުން ނާއިކު ހިނގައިގަތީ ފާޚާނާއަށް ވަންނާށެވެ. (ނުނިމޭ)