އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ ސަޕޯޓަަރުން މަގުތަކަށް، ބައެއް މީހުން ހައްޔަރު

މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް އިދިކޮޅުގެ ސަޕޯޓަރުން މިއަދުވެސް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެއް ކަމުން ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އެހެން ކަމުން އެފަދަ އެއްވެސް ހަރަކާތަކަށް ފުުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިދިޔަ ދެ ހަފްތާގައިވެސް އިދިކޮޅުން ވަނީ މުޒާހަރާ ކޮށްފައެވެ.

މިއަދުވެސް މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އިދިކޮޅު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ. ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކަށް އިދިކޮޅުގެ ސަޕޯޓަރުން ވަނީ އެއްވެ މުޒާހަރާ ވަނީ ފަށާފައެވެ.

މުޒާހަރާ ކުރިއަށް ގެންދަނީ "ކޮބާހޭ މަގޭ ފްލެޓް" ނަމުގައެވެ. ބައެއް ސަޕޯޓަރުން ތިބީ "ކޮބާހޭ މަގޭ ފްލެޓް" ލިޔެފައިވާ ރަތް ޓީޝާޓް ލައިގެންނެވެ. ފުލުހުން މިހާރު ވަނީ މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައެވެ.

ޕީޕީއެމް/ޕީއެންސީ އިން ބުނީ އެ ދެ ޕާޓީގެ ކައުންސިލް މެންބަރުންނާއި ބައެއް އާންމުން ހައްޔަރުކޮށްފައިވާ ކަމަަށެވެ.

މިިދިޔަަ ހުކުރު ދުވަހު މުޒާހަރާގެ ތެރެއިން 38 މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް ޖޫރިމަނާ ކުރުމަށްފަހު އެ މީހުން ވަނީ ދޫކޮށްލާފައެވެ.