ކޮންމެ ސަބަބަކާ ގުޅިގެން ނަމަވެސް ދިވެހިރައްޔިތުން އެމްޑީޕީއާ ދުރަށް ޖެހިއްޖެނަމަ އެކަމުގެ ހިތާމަ އެންމެން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާ ދުރަށް ރާއްޖޭގެ ކަންކަން ފޭވާ ކޮންމެ ފަހަރަކު ދިވެހިރައްޔިތުންނަށް ޖެހޭ ދަތުރު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އެމްޑީޕީ ނެތްނަމަ އިންސާފު ގެއްލި އަނިޔާވެރިކަން ހައްދުފަހަނައަޅާދާ ކަމަށާ ފްލެޓްތައް ބަހާ ނަގާ ގާނޫނީ ދައުލަތް ގެއްލިގެންދާ ކަމަށެވެ.
އެހެން ކަމުން ކޮންމެ ސަބަބަކާ ގުޅިގެން ނަމަވެސް ދިވެހިރައްޔިތުން އެމްޑީޕީއާ ދުރަށް ޖެހިއްޖެނަމަ އެކަމުގެ ހިތާމަ އެންމެން ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދެން ހަނދާނުގައި ބަހައްޓަވައްޗޭ އަޅުގަނޑުމެންނާއި ދުރަށް މިރާއްޖޭގެ ކަންކަން ފޭވާ ކޮންމެ ފަހަރަކު ތި ބޭފުޅުންނަށް ޖެހޭ ދަތުރު. އަޅުގަނޑުމެންނާއި ދުރަށް އަދި ކޮންމެ ފަދަ ސަބަބަކާއި ލައިގެންވިޔަސް އަޅުގަނޑުމެންނާއި ދުރަށް ޖެހިއްޖެނަމަ އޭގެ ހިތާމަ އަޅުގަނޑުމެން އެންމެން ކުރާނެ. ގަބޫލުފުޅު ކުރައްވާ. މިރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އަޅުގަނޑުމެން އެންމެން އަދި ކިތަންމެ މަސައްކަތެއް ކުރާންޖެހޭ. މާދަމާވެސް އިއްޔެގާ ކުރި މަސައްކަތުގެ ދެގުނަ އަދިވެސް ކުރާން އެބައޮތް،" އެމްޑީޕީގައި ވަރަށް ދުވަސްވީ ބައެއް ބޭފުޅުން އެޕާޓީއާ ދުރަށް ޖެހިފައިވަނިކޮށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ލިބި ރަށްވެހި ފަތިހަކަށް އަލިވިލޭ މަންޒަރު ދިވެހިން ދެކޭނެ ކަމަށެވެ.