ދޫނިދޫ

މުޒާހަރާއިން ހައްޔަރުކުރި އަންހެނުން ދޫނިދޫއަށް

އިދިކޮޅުގެ ސަޕޯޓަރުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ދޫނިދޫއަށް ގެންގޮސްފި އެވެ. މިއަދުގެ މުޒާހަރާއިން 24 މީހަކު ހައްޔަރު ކުރި ކަމަަށް ފުލުހުން ބުންޏެވެ.

ޕީޕީއެމުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަަށާ ބަންދުގައި ތިބީ 23 މީހެއް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިހާރު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ. ދޫނިދޫއަށް ގެންގޮސްފައިވަނީ މުޒާހަރާއިން ހައްޔަރުކުރި އަންހެނުންއެވެ.

އޭގެ އިތުރުން ޕީޕީއެމް/ޕީއެންސީ ހިމެނޭ ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲވެސް ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ. ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ދޫނިދޫއަށް ގެންގޮސްފައިވަނީ ނުވަ މީހެއް ކަމަށެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެއް ކަމުން ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އެހެން ކަމުން އެފަދަ އެއްވެސް ހަރަކާތަކަށް ފުުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިދިޔަ ދެ ހަފްތާގައިވެސް އިދިކޮޅުން ވަނީ މުޒާހަރާ ކޮށްފައެވެ.

މިއަދުވެސް މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އިދިކޮޅު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ. ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކަށް އިދިކޮޅުގެ ސަޕޯޓަރުން އެއްވެ މުޒާހަރާ ކޮށްފައިވެއެވެ.