ޑރ. މުހައްމަދު މުއިއްޒު

ކެފޭ ވިޔަފާރި ބަގުރޫޓްވާއިރު ހައްލެއް ހޯދަންޖެހޭ: މުއިއްޒު

މާލޭގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ލިބެމުންދާ ގެއްލުންތަކަަކީ މާލެ ސިޓީ ކަައުންސިލާއި ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރޭގަނޑު 8 ޖަހާއިރު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރަން ޖެހެއެވެ. ޑެލިވަރީގެ ހިދުމަތް ދެވެނީ 10:30 ވަންދެނެވެ. އަދި އިރޮއޮއްސި ހައެއް ޖެހުމާއެކު ވެހިކަލް ދުއްވުން މަނާކުރާތީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ވަަންނަ މީހުންގެ އަދަދު ބޮޑުތަނުން މަދެވެ.

މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގާ ކެފޭ، ރެސްޓޯރަންޓް އަދި ސައި ހޮޓާތަކަށް ލިބެމުންދާ އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކަކީ ސިޓީ ކައުންސިލާއި ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ ވިޔަފާރިތައް ބަގުރޫޓްވަމުންދާއިރު އެތަށް ބައެއްގެ ވަޒީފާ ގެއްލެމުންދާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާމެދު ކެފޭ، ރެސްޓޯރަންޓް އަދި ސައި ހޮޓާތައް ހިންގާ މީހުން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ވިޔަފާރި ހިންގާ މީހުން މީގެ ކުރިން އިހުތިޖާޖުވެސް ކޮށްފައިވެއެވެ.

ކެފޭ، ރެސްޓޯރަންޓް އަދި ސައި ހޮޓާތަކުގެ ވިޔަފާރިތަކަށް ލިބޭ ގެއްލުމާމެދު މަޖިލީސް މެންބަރުންނާއި ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ އެޗްޕީއޭ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދެމުން ގެންދިޔަ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ރޭގަނޑުގެ ގަޑިތަކަށް ގެނައި ބަދަލުގެ ސަބަބުން ވިޔަފާރިތައް އިތުރަށް ބިކަވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.