ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ އިސްތިއުނާފުގެ އަޑު އެހުން ނިންމާލައިފި

Nov 1, 2015
2

ރިޔާސީ ލޯންޗް ކޮޅު، "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތުޖެހި މައްސަލައިގެ އިސްތިއުނާފުގެ މަޖިލީހުގެ އަޑުއެހުން ނިންމާލައިފި އެވެ.

އެމަނިކުފާނު ދޫނިދޫގައި ބަހައްޓައިގެން މިއަދު ވީޑިއޯ ކޮންފަރެންސްގެ އެހީގައި ބޭއްވި އިސްތިއުނާފުގެ މަޖިލީހުގެ އަޑުއެހުން ނިންމާލީ މައްސަލައާއި ގުޅޭގޮތުން އިތުރު ކަމެއް ޝަރީއަުން ސާފުކުރަން ނެތް ނަމަ ދެެން އޮންނާނީ މިމައްސަލާގައި ހުކުމް ކުރެއްވުން ކަމަށް އިއުލާން ކުރައްވާފަ އެވެ.

ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އާއި ފަނޑިޔާރު ޢަލީ ސަމީރެވެ.

އަދީބް 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިމަހުގެ 25 ވަނަ ދުވަހު އެވެ. ބަންދު ކުރަން ނެރުނު އަމުރު ހައި ކޯޓުގައި، އަދީބުގެ ވަކީލް ހުސެން ޝަމީމް އިސްތިއުނާފުކުރެއްވީ އޮކްޓޯބަރު 26 ގަ އެވެ.

މިދިއަ މަހު 24 ގައި ސިންގަޕޫރުން ރާއްޖެ ވަޑައިގަތުމާ އެކު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް ނައިބު ރައީސް ގެންދެވީ ސީދާ ދޫނިދު އަށެވެ. އަދި އޭގެ އަނެއް ދުވަހު އެމަނިކުފާނުގެ ބަންދަށް 15 ދުވަސް، ކްރިމިނަލް ކޯޓުން ޖަހައިދިނެވެ. އެކަމަކު ކޯޓަށް ގެނައުމުގެ ބަދަލުގައި ބަންދުގެ މަޖިލިސް ބޭއްވީ ދޫނިދޫގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި އޭގެ ފަހުން ވެސް ކްރިމިނަލް ކޯޓުގެ އަޑުއެހުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާފައިވެ އެވެ.