ރާއްޖޭގެ ފުރަތަމަ "ސްޕޭސް މިޝަން" ގެ މިޝަން ޑައިރެކްޓަރަކަށް އިންޑިއާގެ ތަޖުރިބާކާރަކު ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ސްޕޭސް މިޝަން ކުރިއަށްގެންދާ އިންސްޓްޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ބުނީ ސްޕޭސް މިޝަންގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އެވެ.
ކާމިޔާބު ސްޕޭސް މިޝަންތައް ލީޑް ކުރައްވާފައިވާ ސްރީމަތީގެ މައިގަނޑު ޒިންމާއަަކަށް ވާނީ ސްޕޭސް މިޝަންއެއް ރާވައި، ކާމިޔާބު ކަމާއެކު ނިންމާލަން ރާއްޖޭގެ ދަރިވަރުން ތައްޔާރު ކުރުމެވެ.
ސްރީމަތީ އަކީ 2017 ވަނަ އަހަރު ނާސާ އިން ލޯންޗުކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓްގެ މިޝަން ޑައިރެކްޓަރެވެ. އަދި 2019 ވަނަ އަހަރު އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޒަން (އިސްރޯ) އިން ލޯންޗުކުރި ދުނިޔޭގެ އެންމެ ލުއި ސެޓެލައިޓްގެ މިޝަން ޑައިރެކްޓަރަކީ ވެސް ސްރީމަތީ އެވެ. އޭނާގެ ލީޑާޝިޕްގެ ދަށޫން މިދިޔަ މަހުގެ ތެރޭގައި ވެސް ސެޓެލައިޓެއް ލޯންޗުކޮށްފައިވާ ކަމަށް އައިޖީއެސް އިން މައުލޫމާތު ދެއެވެ.
އައިޖީއެސް އިން ބުނީ މި ސްޕޭސް މިޝަން ކުރިއަށް ދާނީ އިގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރި ކަމާއިއެކު ކަމަށެވެ. އެޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި ސްޕޭސް އެކްސް ގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އައިޖީއެސް އާއި ކޭއެސްއެފް އާ ދެމެދު ސޮއި ކުރި އެއްބަސްބުމުވެ ދަށުން، ސްޓެލައިޓް ޑިޒައިން ކޮށް، ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ރާއްޖޭގެ 12 ދަރިވަރަކު ތަމްރީނު ކުރާނެ ކަމަށް ވެސް އައިޖީއެސް އިން ބުންޏެވެ.