ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެސްޓާސް

އެޗްޕީއޭ އިން އެސްޓާސް ބަންދު ކޮށްފި

ރާއްޖޭގެ ހުރިހާ ވަގުތެގައި އެންމެ ގިނަ ބަޔަކު ވިޔަފާރިކުރާ އެއް ފިހާރަ ކަމަށްވާ އެސްޓާސްގެ މައި ފިހާރަ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާ ކަމަށް ބުނެ ބަންދު ކޮށްފި އެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޯޓިސްއެއްގައި ބުނީ އެ އެޖެންސީން ހަދާފައިވާ ގައިޑްލައިނާ ހިލާފަށް ހިދުމަތް ދެމުން ދާތީ އެސްޓާސް ބަންދު ކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ހިދުމަތް ދޭ ކަމަށް ބުނެ އެސްޓާސް ބަންދުކޮށްފައި ވަނީ މިއަދު އެވެ.

އެޗްޕީއޭގެ ނޯޓިސްގައި ބުނެފައި ވަނީ 24 ގަޑިއިރު ފަހުން ފިހާރަ އިންސްޕެކްޓްކޮށް މިންގަނޑުތަކާއި އެއްގޮތަށް ހުރިތޯ ކަށަވަރު ކުރުމަށްފަހު އުސޫލާ އެއްގޮތަށް ހިދުމަތް ކުރި އަށް ގެންދިއުމުގެ ހުއްދަ ދޭނެ ކަމަށެވެ. އެތަނުގައި އަލުން ހިދުމަތް ދިނުމަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ތަނުގެ ކަންތައްތައް އިސްލާހު ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި އެޗްޕީއޭ އިން ދަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރަމުންނެވެ. އިންސްޕެކްޓްކޮށް ގައިޑްލައިނާ ހިލާފު ވެއްޖެނަމަ ބަންދު ވެސް ކުރެ އެވެ. ނަމަވެސް އެޗްޕީއޭ އިން ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ވިޔަފާރި ތަކަށް ދަނީ ފޫނުބެދޭ ވަރުގެ ގެއްލުންތައް ވަމުންނެވެ. މިކަމުގެ ސަބަބުން ވިޔަފާރިތައް ބަންގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެސްޓާސްއަކީ އެކި ބާވަތްތަކުގެ ގިނަ މުދާ އެއް ތަނަކުން ލިބޭ އެންމެ ބޮޑު އަދި އާންމު ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައިވާ ފިހާރަ އެކެވެ. މި ފިހާރައިން އަގު ހެޔޮކޮށް ގިނަ ބާވަތްތަކެއް ލިބެން ހުންނާތީ ވަރަށް ގިނަ ބަޔަކު އަބަދު އެތަނުން މުދާ ގެންނަން ގޮސް ތިބެ އެވެ. ނަމަވެސް 24 ގަޑިއިރަށް ފިހާރަ ބަންދު ކުރުމުން މީގެ ދަތިތަކާ ގިނަ އަަދަދެއްގެ ރައްޔިތުންނަށް ކުރިމަތިވާނެ އެވެ.