އާސަންދަ

ފައެއް ޖަހަން ފިރުޝާނަށް އާސަންދަ ދެނީ

ފާރެއް ދަށުވެ ބޮޑެތި ޒަހަމްތަކެއްވި ގދ. ގައްދޫ ކުޑަ ކުއްޖާގެ ކަނާތު ފައި ބުރިކޮށްލާފައިވާއިރު ޕްރޮސްތެޓިކް ފައެއް ޖެހުމަށް ހިނގާ ހަރަދު ކޮށްދޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިންއިރު ކަނާތު ފައި ބުރުކޮށްލީ އޭނާގެ ފުރާނައަށް ނުރައްކާ އޮތުމުންނެވެ. ފަރުވާއަށް ފަހު ފިރުޝާން މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.

ފިރުޝާންގެ ފައިގެ ފަލަމަސް ގަނޑާ ދިމާއިންނާއި ކަށިމަތި ބިންދައިގެން ގޮސް އޭނާގެ އެއް ފައިގެ ފުންނާބު ވެސް އޮތީ ވަރަށް ބޮޑަށް ޗިސްވެފައެވެ. ތިނަދޫ ހޮސްޕިޓަލްގައި އޭނާގެ ކަށީގެ އޮޕަރޭޝަނެއް ކުރިއިރު އޭޑީކޭގައިވެސް ވަނީ ފަހުން ކަށީގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.

އާއިލާއިން ވަނީ ފިރުޝާން ޕްރޮސްތެޓިކް ފައެއް ޖަހަން ބޭނުންވާތީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މިރޭ އާސަންދަ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ ފިރުޝާނަށް ދިމާވި ހާދިސާގެ ސަބަބުން އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައިވަނީ ފްލައިޓެއް ޗާޓަރުކޮށްގެން ކަމަށާ އެ ހަރަދު ކުރީ އެ ކުންފުނިން ކަމަށެވެ. އަދި އައިޖީއެމްއެޗާއި އޭޑީކޭގައި ފިރުޝާނަށް ކުރި ފަރުވާގެ ހަރަދުތައް ހަމަޖައްސާފައިވާ ކަމަށެވެ.

ޕްރޮސްތެޓިކް ފައެއް ޖަހަން މިހާތަނަށް އެހީއަށް އެދިފައިނުވާ ކަމަށާ ރަސްމީކޮށް އެކަމުގެ އެހީއަށް އެދުމުން އެ ހަރަދު ކޮށްދޭނެ ކަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.