ބޮލީވުޑް

އަރިޖީތު މިއުޒިކް ކޮމްޕޯޒާ އަކަށް

މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް މިއުޒިކް ކޮމްޕޯޒާއެއްގެ ގޮތުގައި ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށް ދިނުމުގެ މަސައްކަތް ފަށައިފި އެވެ. އޭނާ މިއުޒިކް ތައްޔާރު ކޮށްދޭ ފުރަތަމަ ފިލްމަކީ ސާންޔާ މަލްހޯތުރާ ބަތަލާގެ ބައި ކުޅޭ "ޕަގްލައިޓް" އެވެ.

"ޕަގްލައިޓް" އަކީ ސަންދްޔާ ނަމަކަށް ކިޔާ އަންހެންކުއްޖެއްގެ ހަޔާތުގެ ދަތުރުގައި ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިރިމީހާ މަރުވެ ހުވަފަތްވުމުގެ ހިތާމައިގައި އުޅެމުންދިޔަ ސަންދްޔާ އަމިއްލަ ފައިމައްޗަށް ތެދުވެ އޭނާގެ އަމިއްލަ އައިޑެންޓިޓީ އެއް ހޯދަން ކުރާ ދަތުރު މި ފިލްމުން ފެންނާނެ އެވެ. އާއިލާގެ ގިނަ ބަޔަކާ އެކު ދިރިއުޅޭ ސަންދްޔާއަށް މި ދަތުރުގައި އާއިލާގެ ފަރާތުން ކުރިމަތިވާ އެކި އެކި މައްސަލަތަކާއި އެކަންކަމުން ސަލާމަތްވާން ސަންދްޔާ އަމަލުކުރާ ގޮތް ވެސް މި ފިލްމުގައި ދައްކާނެ އެވެ.

އުމޭޝް ބިސްތު ލިޔެ، ޑައިރެކްޓްކުރާ މި ފިލްމުގައި ސާންޔާގެ އިތުރުން ސަޔާނީ ގުޕްތާ، ޝުރޫތީ ޝަރުމާ، އަޝުތޯޝް ރާނާ އަދި ރަގުބީރް ޔާދަވް ފަދަ ތަރިން ބައިވެރިވެ އެވެ.

"ޕަގްލައިޓް" ކޯ-ޕްރޮޑިއުސް ކުރަނީ އެކްތާ ކަޕޫރާއި ޝޯބާ ކަޕޫރު އަދި ގުނީތު މޮންގާ އާއި އަޗިން ޖެއިން އެވެ.