އަންނަ ހުކުރު ދުވަހު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާއާމެދު އިތުރު ވިސްނުމަކަށް ދިއުމަނަށް އެމްޑީޕީގެ ކިބައިން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އެދިވަޑައިގެންފި އެވެ.
ފުލުސް ހިންގެވުމުގެ މަސްއޫލިއްޔަތާ ޑެޕިއުޓީ ކޮމިޝަނާ އަރީފު އެމްޑީޕީގެ އެދުމަކަށް އެ ޕާޓީގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާ މިއަދު ވިދާޅުވީ ގައުމުގެ މަޝްރަޙް މިއަދު އޮތް ގޮތަށް ރިޢާޔަތްކުރައްވައި ހުކުރު ދުވަހު ބާއްވާ މުޒާހަރާއާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށެވެ. އަދި ވިދާޅުވީ ރަށުތެރޭގައި ހަމަނުޖެހުން އުފައްދަން އެކިއެކި ފަރާތްތަކުން މަސައްކަތް ކުރިޔަސް އެކަމަށް ފުލުހުން ފުރުޞަތު ނުދޭނެ ކަމަށެވެ.
ފުލުހުންގެ މައި އިދާރާގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ފުލުހުންގެ ފަރާތުން މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނުމައި އެޕާޓީން ހިންގާ ސިޔާސީ ޙަރަކާތްތައް ޤާނޫނީ އިމުގެ ތެރެއިން ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ.
އަރީފު ވިދާޅުވީ ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރާނީ ރައްޔިތުންގެ އިތުބާރާ ޔަޤީންކަން ލިބިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ހެދުން ކަމަށާއި ރަށުތެރޭގެ މަޞްލަޙަތު ދަމަހައްޓައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓުމެއްނެތި ފުލުހުން ކުރަމުން ގެންދާނެކަމަށެވެ.
އެމްޑީޕީގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބް ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ އެޕާޓީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބާއްވާ އެއްވުންތައް ހުއްޓުވުމަކީ އެޕާޓިން ކަންބޮޑުވާ އަދި މިނިވަންކަމަށް ހުރަސްއެޅުންކަމަށް ޤަބޫލު ކުރާ ކަމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެ ޕާޓީގެ ބޭފުޅުން ވަނީ ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދިއުމުގައި އެޕާޓީއަށް ހުރި ކަންބޮޑުވުންތައް ފުލުހުންގެ ވެރިންނާ ޙިއްސާ ކޮށްފަ އެވެ. މިގޮތުން ޕޭވްމަންޓު މަތީގައި ޞުލްޙަވެރި އެއްވުން ބާއްވަން ޖެހުމުން ކުރިމަތިވާ ދަތިތައް ހިއްސާކުރި އެވެ.