އެމްއޭސީއެލް

އެމްއޭސީއެލް މި އުދުހެނީ ކޮން މަގަކުން!

އޮކްޓޫބަރު 19، 1960 އެއީ ރާއްޖެ އަށް ތާރީހީ ދުވަހެވެ. ދިވެހިން ފަހުރުވެރިވާ ދުވަހެވެ. އެ ދުވަސް ހާއްސަވަނީ ދިވެހިންގެ އަމިއްލަ އަތުން މަސައްކަތް ކޮށްގެން އަމިއްލައަށް ހުޅުލޭގައި އެޅި އެއާޕޯޓު ހުޅުވި ދުވަސް ކަމަށްވާތީ އެވެ. އޭގެ ފަހުން ފެނިގެން ދިޔައީ ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްގީ ވެގެން ދިޔަ ތަނެވެ. ވެލާނާ އެއާޕޯޓް ތަރައްގީ ވެގެން ދިއުމުގައި އެކި ފިޔަވަހިތަކުގައި ބޭރުގެ ތަޖުރިބާކާރުންގެ ތަފަޔާއި އިރުޝާދު ލިބުނު ނަމަވެސް ތަރައްގީގެ މައި އިންޖީނު ހިންގަން މުޅިވެސް ތިއްބެވީ ދިވެހިންނެވެ.

އެކަމަކު ރާއްޖޭގެ ވައިގެ މައި ދޮރޯށި މިހާރުގެ ގޮތުން ނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އޮތް މި ދިވެހި ވަންތަކަން ގެއްލިދާނެކަމުގެ ބިރު މިވަނީ ހީވާން ފަށާފަ އެވެ. އެކަމުގެ އަލާމާތްތައް ފެންނަން ފެށީ ވީއައިއޭ ހިންގާ ދިވެހިންގެ އެންމެ ބޮޑު ހިއުމަން ކެޕިޓަލް ކަމަށްވާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެންމެ އިސް މަގާމު ތަކަށް ބިދޭސީން ބޮޑު މުސާރާގައި ގެންނަން ފެށި ހިސާބުންނެވެ. އެ ވަރުގަދަ އޮޕަރޭޝަނުގައި ތިއްބެވި ދުވަސްވީ ތަޖުރިބާކާރު ތައުލީމީ ބޭފުޅުން "ހޫރާލައި" ބިދޭސީންނަށް ގޮނޑިތައް ދޭން ފަށާފައި ވެއެވެ. މީގެ އަހަރެއް ކުރިން ފެށިގެން ތަކުރާރުވަމުންދާ މި މަންޒަރާއެކު އެމްއޭސީއެލްގެ މިހާރު ދަތުރު ކުރަމުން މިދާ މަންޒިލަކީ ކޮބައިތޯ ވަނީ ސުވާލު އުފެދޭ ހިސާބަށް ގޮސްފަ އެވެ. އެމްއޭސީއެލް މިހާރު ދަތުރު ކުރަމުން ދަނީ ކޮން މަގަކުންލައިގެން ހެއްޔެވެ؟

"އެމްއޭސީއެލްގެ ސީއީއޯ އަކަށް ބޭރުގެ މީހަކު ހުރުން އެއީ މައްސަލައެއް ނޫން. އެކަމަކު މައްސަލައަކީ އެހެން ސީނިޔަ މަގާމުތަކުގައި ތިބި ދިވެހިން ބަދަލުގައި ބިދޭސީން ގެނެސް އެތަނަށް ލުން. އެހެންވެ ނޭޝަނަލް ޕްރޮސްޕެކްޓިވްއަކުން ވިސްނާނަމަ މިއީ ދެރަވާ ކަމެއް، ވަރަށް ދެރަ ކަމެއް،" ގައުމީ އެއާލައިންގެ ޕައިލެޓުންގެ އިސް ވެރިޔަކަށް ކުރިން ހުންނެވި، އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު، މުހައްމަދު އަމީން (ކެޕްޓަން އަމީން) ވިދާޅުވި އެވެ.

ރާއްޖޭގެ މައި ވައިގެ ދޮރޯށި ބަލަހައްޓާ ކުންފުނީގެ އެންމެ ސީނިޔަ މަގާމު ތަކަށް ބިދޭސީން ލުމަކީ މައްސަލައެއް ހެއްޔެވެ؟ ބިދޭސީން ގެންނަނީ ދިވެހިން ލައިގެން މިކަން ނުވެގެން ހެއްޔެވެ؟ ވީއައިއޭގެ ފިއުޗާއަކީ ކޮބައި ހެއްޔެވެ؟ އެމްއޭސީއެލް ބޯޑުން މި ކުންފުނި ހިންގަނީ ކިހިނެއް ހެއްޔެވެ؟

ރާއްޖޭގެ މައި ވައިގެ ބަނދަރު ބަލަހައްޓާ ކުންފުނި އެމްއޭސީލްއަކީ ރާއްޖޭގެ އެންމެ ބޮޑު ކެޕިޓަލެވެ. ހަމަ އެހެންމެ އެންމެ ބޮޑު އިންސާނީ ވަސީލަތް ގާއިމް ވެފައިވާ އެސެޓެވެ. މި ކުންފުނީގައި 3،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިއަދާ ހަމައަށް މީގެ ތެރެއިން ބޮޑު ބަޔަކީ ދިވެހިންނެވެ.

ހާއްސަކޮށް ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ސީނިޔަ މެނޭޖުމަންޓުގައި މިހާތަނަށް ތިއްބެވި ހުރިހާ މުވައްޒަފުންނަކީ މި ކުންފުނީގައި ތިބެގެމް ދުނިޔޭގެ އެކި އެއާޕޯޓުތަކުގައި މަސައްކަތް ކުރާނެ ތައުލީމާއި ތަމްރީން ހޯދި މީހުންނެވެ. އަދި އެއީ އެމްއޭސީއެލްގެ އޮތެންޓިކް ޕްރޮޑަކްޓް ތަކެވެ. ކުންފުނީގެ ފައިސާ އިން ކިޔަވައިދީގެން މީހުންނަށް ހަދާފައި ތިބި ދިވެހިންނެވެ. ދިވެހިން މަދު އޭވިއޭޝަން ދާއިރާއަށް މީހުން ތަމްރީން ކުރީ މި ކުންފުނިންނެވެ.

ނަމަވެސް ކުއްލި އަކަށް ސަރުކާރުން މިވަނީ އެމްއޭސީއެލްގެ ހިންގުމަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ކުންފުނީގެ ހުންނާގު ބޭރު ބޭފުޅަކަށް ދިން ހިސާބުން މުޅި މިސްރާބު މިވަނީ ބަދަލުވާން ފަށާފަ އެވެ.

އެމްއޭސީއެލްގައި މިދިޔަ އަހަރުގެ މެދަކާ ހަމައަށް އެކްޓިން އެމްޑީ އަކަށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑު ބޭބެ، މޫސާ ސޯލިހެވެ. އޭގެ ފަހުން އަލަށް ސީއީއޯ އަދި އެމްޑީގެ މަގާމަށް ގެންނަވާފައި ވަނީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓުއަޓް އެވެ. ޔޫރަޕާއި މެދުއިރުމަތި އަދި އުތުރު އެފްރިކާގެ އިތުރުން އޭޝިޔާ އަދި އުތުރު އެމެރިކާގައި އޭވިއޭޝަން އިންޑަސްޓްރީގައި މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ސްޓުއަޓް ސީއީއޯގެ މަގާމަށް ހަވާލުވެ ވަޑައިގަތުމާއެކު، ކުންފުނިން ހުސް ދިވެހިން ތިބި އެ ކުންފުނީގެ ސީނިޔަ މެނޭޖުމަންޓަށް މިހާތަނަށް ފަސް ބިދޭސީން ވަނީ ގެނެސްފަ އެވެ.

އަވަސް އަށް ލިބިފައިވާ އެ ކުންފުނީގެ ސީނިޔަ މެނޭޖުމަންޓުގެ އޮގަނައިޒޭޝަން ސްޓްރަކްޗާގައިވާ ގޮތުން އެންމެ ފަހުން މި ކުންފުނީގެ ސީނިޔަ މެނޭޖުމަންޓަށް އިތުރުވެފައި ވަނީ އައިޓީ ސިސްޓަމް އިންޓަގްރޭޑެޑް ޑިރެކްޓަރުގެ މަގާމަށް ގެނައި ޖޫލިއާން ނަމަކަށް ކިޔާ ބޭފުޅެކެވެ. މިހާތަނަށް ގިނަ ބިދޭސީންނަކީ ވެސް އާ ސީއީއޯގެ ގާތް ރަހުމަތްތެރިންނެވެ.

"މިހާރު އަންނަ ގިނަ މީހުންނަކީ ވެސް ސީއީއޯއާ އެކުގައި ކުރިން މަސައްކަތް ކޮށްފައި ތިބި ބޭފުޅުން. މިހާރު އެމްއޭސީއެލްގައި އުފެދެމުން މި ދަނީ އެކުވެގެން ކަންކަން ނިންމާ ލެވިދާނެ މާހައުލެއް. މިއީ ކުންފުންޏެއްގެ ގޮތުން ބަލާނަމަ ނުރައްކަލެއް. މި ދަނީ ރަނގަޅަށް ނޫން،" އެ ކުންފުނީގެ ސީނިޔަ މުވައްޒަފަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އެހެން މުވައްޒަފަކު ބުނި ގޮތުގައި އެމްއޭސީއެލްގައި ތިރީހަކަށް މުވައްޒަފުން ހިމެނޭ އައިޓީ ޑިޕާޓްމަންޓެއް މިހާރު ވެސް އެބައޮތް ކަމަށާ، މި ޑިޕާޓްމަންޓުގެ ހެޑު ހުއްޓައި އޭނާގެ މައްޗަށް ބޭރު މީހަކު ގެނައުމަކީ ބޭނުމެއް އޮތް ކަމެއް ކަމަށް ނޫނެވެ.

"މި ތަނުގައި އެބަތިބި ތަޖުރިބާ އާއި ތައުލީމު ހުރި ދިވެހިން. މި މީހުން ތިއްބައި. މީގެ މައްޗަށް ނަމެއް ކިޔާފަ ބިދޭސީއަކު މި ލީ. މިހާރު ސީނިޔަ މީހުން ކުރާ އެއްވެސް ކަމެއް ރަނގަޅުވާ ކަމަށް ނުވޭ. މީގެ ސަބަބުން މުވައްޒަފުންގެ މަސައްކަތް ކުރުމުގެ ރޫހު ވަނީ ދަށްވެފަ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ކުންފުނީގެ އޮގަނައިޒޭޝަން ސްޓްރަކްޗާއަށް ގެންނަ ބަދަލާއެކު ކޮފީ މޭޒުން ކަންކަން ނިންމިދާނެ މާހައުލެއް އުފެދެމުންދާއިރު، މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ކުޅިބައި އެތުރިފައި އޮތީ "ގޭދޮށުގައި މަޝްވަރާ ކޮށްލައިގެން" ކަންކަން ނިންމިދާނެ ފަދަ ގޮތަކަށެވެ. މިއީ ކުންފުނީގެ މިސްރާބު ނުބައި މަގަކަށް ހިނގައިދާނެ ސަބަބެކެވެ.

ކުންފުނީގެ ބޯޑުގެ ޗެއާމަނަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) އެވެ. އަދި ކުންފުނީގެ އިންޖީނުގެ ޑޭ ޓް ޑޭ ހިންގުމަށް ގޮތް ވިދާޅުވާން ބޯޑުގައި ހުންނަވާ އިސް ސަރުދާރަކީ ބޯޑު ޑިރެކްޓަރު އިބްރާހިމް ނޫރައްދީނެވެ. އެ މަނިކުފާނަކީ މިހާރުގެ ފަސްޓް ލޭޑީގެ އާއިލާގެ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބޭފުޅެކެވެ. އަދި އަލަށް ހަދާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ވިލަރެސް ކުރައްވާ، މަހުޖޫބު ސުޖާއަކީވެސް މިހާރު އެއާއިލާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެމްއޭސީއެލްގެ މި މަސައްކަތް ރައީސް އޮފީހުން ބަލަހައްޓާ ސެކްޝަންގައި އިސްކޮށް ހުންނަވަނީ އިބްރާހިމް ނޫރައްދީންގެ ދަރިކަނބަލުން ޝަބްރާ ނޫރައްދީނެވެ. އެހެންވެ މި ހުރިހާކަމެއް ވަށައިޖެހޭއިރު އެމްއޭސީއެލް އާއި އެއާޕޯޓުގެ ގިނަ ކަންތައްތައް ގޭގެ ކާ މޭޒު ދޮށުން ނިންމާލެވިދާނެ މާހައުލެއް އެބައޮތް ކަމަށް ތަޖުރިބާކާރުން ނޫނަސް ގަބޫލު ކުރެ އެވެ.

އެމްއޭސީއެލްގެ އިސް މަގާމު ތަކެއް ފުރުއްވި މިހާރު އެ ކުންފުނިން އިސްތިއުފާ ދެއްވާފައިވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި އެމްއޭސީއެލް މިހާރު ދަތުރު ކުރަމުން ދަނީ އެ ކުންފުނީގެ މުސްތަގުބަލަށް އެންމެ ރަނގަޅުވާނެ ގޮތަކަށް ނޫނެވެ.

"އެބަޖެހޭ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަން. ރާއްޖޭގެ ފިއުޗާއާ ގުޅިފައިވާ ކަމެއް އާ ޓާމިނަލްއަކީ. އެތަނުގެ މަސައްކަތް އެދަނީ ބަރަވެލި ދުވެލީގައި. އެ ދުވެލީގައި ގޮސްގެން އިތުރުވަމުންދާ ޓޫރިސްޓު އެނދުތަކާ އެއްވަރަށް އެއާޕޯޓަށް ކޭޓާ އެއް ނުކުރެވޭނެ. އެހެންވީމަ ބޯޑުގައި ވެސް އާއިލީ ވިސްނުން ދޫކޮށް ޕްރޮފެޝަނަލްކޮށް މަަސައްކަތް ކުރަން ޖެހޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވީއައިއޭ ތަރައްގީ ކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްހޫރު ބެލެހެއްޓުގައި އެންމެ އިސްކޮށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެމްއޭސީއެލް އިން މިހާރު ފެނިގެން ދަނީ ދިވެހިންގެ ހުނަރަށް އިހުތިރާމު ނުކުރާ މަންޒަރެވެ.

"ދިވެހިންގެ ހުނަރަށް އިހުތިރާމު ނުކުރުމަކީ އިގްތިސޯދީ ގޮތުން ދިވެހިންގެ މޫނުމަތީގައި ޖެހުން. ކިޔައިވެން ރާއްޖެ އަންނަން ތިބި ދިވެހި ޒުވާނުންނަށް ކުރެވޭ މަލާމާތެއް މިއީ. ކިޔަވައިގެން އައުމުން ބޮޑު މުސާރަ މި ލިބެނީ ސަރުކާރުގެ ކުންފުނިތަކުން. އެކަމަކު އެ ތަންތަނުން ދިވެހިންނަށް ވަޒީފާއެއް ނުލިބޭ ހިސާބަށް ދިއުމަކީ ދެރައެއް،" ސައީދު ވިދާޅުވި އެވެ.

ދިވެހިންގެ ހުނަރަށް އިހުތިރާމު ނުކުރުމަކީ އިގްތިސޯދީ ގޮތުން ދިވެހިންގެ މޫނުމަތީގައި ޖެހުން. ކިޔައިވެން ރާއްޖެ އަންނަން ތިބި ދިވެހި ޒުވާނުންނަށް ކުރެވޭ މަލާމާތެއް މިއީ
މުހައްމަދު ސައީދު | ކުރީގެ އިކޮނޮމިކް މިނިސްޓަރު

މި ސަރުކާރުން ބުނެފައިވާ ގޮތުގައި ވީއައިއޭ އާ ޓާމިނަލް 2022 ގެ ފަހުކޮޅު ނިމޭނެ އެވެ. އެކަމަކު މިހާރު އެކަންވާނެ ކަމާމެދު ސުވާލު އެބަ އުފެދެ އެވެ. މިތަން ނިމެންވާއިރަށް 3،000 މީހުން ތަމްރީން ކުރަން ޖެހެ އެވެ. ނަމަވެސް މިހާރު ކުންފުނީގެ މަތިފަޑިއަށް ބިދޭސީން ލަމުންދާތީ ދިވެހިންނަށް މި ވަޒީފާތައް ލިބިދާނެތޯ މިވަނީ ސުވާލު އުފެދިފަ އެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް ނިމެންވާއިރަށް މީހުން ނަގަނައި ޓެކްނިކަލް އެތައް ބަޔަކު ތަމްރީން ކުރަން ޖެހެ އެވެ. އެކަމަކު އެމްއޭސީއެލް އިން މީގެ އެއްވެސް އިޝާރާތެއް ވެސް ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި ކުންފުނީގެ މިސްރާބު މިހާރު ހުރީ އެހެން ދިމާއަކަށެވެ. މިހާރު ފެންނަމުން ދަނީ ދިވެހިންގެ އެންމެ ބޮޑު ހިއުމަން ކެޕިޓަލް އޮތް ތަން ބިދޭސީންގެ އަތް ދަށަށް ގެންދާ ތަނެވެ. ކުންފުނީގެ މިސްރާބު ނުބައި މަގަކަށް އަނބުރާލާތަނެވެ.