އައްޑޫ ސިޓީ

އައްޑޫގައި ދެ މާރާމާރީއެއް، ދެ މީހަކު ޒަހަމް

އައްޑޫ ސިޓީ ފޭދޫ އާއި ހިތަދޫގައި މާރާމާރީ ހިންގާ ދެ މީހަކު ޒަހަމުކޮށްލައިިފި އެވެ.

ފުލުހުން މިރޭ ބުނީ ފޭދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމުގެ ރިޕޯޓް މިރޭ 11:45 ގައި ލިބިފައިވާ ކަމަށެވެ. އަނިޔާ ލިބުނު މީހާއަށް އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މީގެ އިތުރުން ހިތަދޫގައިވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައެވެ. އެ ރިޕޯޓް ފުލުހަށް ލިބިފައިވަނީ 11:30 ގައެވެ. އެ މާރާމާރީގައި ޒަހަމުވި މީހާއަށްވެސް އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ދެ މީހުންގެ ހާލަތާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ. އަދި މާރާމާރީ ހިންގަން މެދުވެރިވި ވަކި ސަބަބެއް ސާފެއް ނުވިއެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފޭދޫގައި މިރޭ މާރާމާއެއް ހިނގާފައިވާއިރު މިދިއަ ބުރާސްފަތި ދުވަހުގެ ރޭވެސް މާރާމާރީއެއް ހިންގާފައެވެ. ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މި މާރާމާރީގައި ހަތް މީހަކަށް އަނިޔާވިއެވެ. މާރާމާރީ އާއި ގުޅިގެން ތުހުމަތަށް ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 18 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި، 21 އަހަރުގެ ދެ މީހުންގެ އިތުރުން 32 އަހަރުގެ މީހެކެވެ.