އަބްދުﷲ ޖިހާދު

މިނިސްޓަރު ޖިހާދު، ކްރެޑިޓް ކާޑުދެކެ ބިރުގަނޭ!؟

ކްރެޑިޓް ކާޑު ދެކެ ބިރުގަންނަ ފިނޭންސް މިނިސްޓަރެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ އެ މިނިސްޓަރަކީ ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި އެ ކާޑުން މުއާމަލާތް ހިންގަން އެ މަނިކުފާނު ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.

"ވަރަށް ގިނަ ފަހަރު އަޅުގަނޑުވެސް ޖެހިލުންވޭ ކްރެޑިޓް ކާޑު ބޭނުންކުރަން. އެއީ އަޅުގަނޑަށް ބައެއް ފަހަރަށް އެ ސިސްޓަމް ހިތްހަމަ ނުޖެހޭތީ،" ރަންދިހަ ފަހެއް ނެރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރުގެ ނަޒަރުގައި ރާއްޖޭގެ ފައިނޭންސް ދާއިރާ ބަދަލުވަމުން ދާއިރު، ފައިސާ ގެންގުޅޭ ގޮތަށް މިވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އަދި މިކަމަށް މިވަނީ ބޮޑު ބަދަލެއް އަންނަން ޖެހިފަ އެވެ. ހާއްސަކޮށް ކެރެޑިޓް ކާޑުން ހިންގާ މުއާމަލާތްތަކުގެ ޔަގީންކަން "މަތިކުރަން" ޖެހެ އެވެ.

ކުރީގެ ގަވަރުނަރު ޖިހާދު ވިދާޅުވާ ގޮތުގައި އެ މަނިކުފާނު ރާއްޖޭން ބޭރުގައި އުޅުއްވާއިރު ވެސް ގިނައިން ބޭނުންކުރައްވަނީ ނަގުދު ފައިސާ އެވެ.

"ބައެއް ބޭފުޅުން އަޅުގަނޑާ ސުވާލުކުރޭ ކިހިނެއް ވެގެންހޭ ތިޔަ މަގާމުގައި ހުންނަވާއިރު ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ބޭނުންކުރަނީ؟ އެ ބޭފުޅުންނަށް ދަންނަވާލަނީ އަދިވެސް ހިތްހަމަ ޖެހޭ ވަރަށް އެ ސިސްޓަމް ޑިވްލޮޕްވެފައެއް ނެތޭ!،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރުގެ ނަޒަރުގައި ރާއްޖޭގައި ބޭނުންކުރާ ކްރެޑިޓް ކާޑުތަކުގެ އިތުބާރު ވަރުގަދަ ކުރަން ޖެހެ އެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ފަހަރަށް ކްރެޑިޓް ކާޑުގެ ފްރޯޑްގެ ވާހަކަ އަޑުއިވޭ،" ޖިހާދު ވިދާޅުވި އެވެ.

ކޮންމެއަކަސް މިއީ ފާހަގަކޮށްލަން ޖެހޭ ވާހަކަ އެކެވެ. ފަހަރެއްގައި ކްރެޑިޓް ކާޑުދެކެ ބިރުގަންނަ ހަމައެކަނި މިނިސްޓަރަކީ ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޖިހާދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.