(12 މާރިޗު 2021 އާ ގުޅޭ)
ފެންމާގަނޑުން ވަކިވެގެން ދާ ކޮންމެ ފެން ތިއްކެއް، ނާއިކުގެ ގައިގައި ބީހެލަމުން ދިޔައިރު އޭނާގެ ސިކުނޑީގައި ވަނީ މަލާކުގެ ނަމެވެ. މަލާކާ އެކު ހޭދަކުރެވުނު އުފާވެރި ވަގުތުތަކެވެ. ކައިވެނީގެ މަތިވެރި ގުޅުމަކުން ދިރިއުޅުމުގެ ބިންގާ އެޅިފައިވާކަން ނާއިކުގެ ސިކުނޑިން ކައްސުވައިލަމުން ދިޔައީ އޭނާގެ ހަޔާތަށް އަންނަމުން ދިޔަ ގުނާ އަދަދު ނުކުރެވޭހާ އަންހެނުންގެ ސަބަބުންނެވެ. ނަމަވެސް މަލާކު ވަނީ ނާއިކުގެ ފަރާތުން ޚާއްޞަ ބާރެއް ހޯދާފައެވެ. އެހެން އަންހެންކުދިންނަށް އާދެވެނީ ހަމަ އެކަނި ނާއިކުގެ ހަށިގަނޑާ ހަމައަށެވެ. އެހަށިގަނޑުން ހޯދޭ މަސްތީ އުފާތައް މެނުވީ އިތުރު އެއްޗެއް ނާއިކުގެ ފަރާތުން އެ އަންހެން ކުދިންނަކަށް ނުލިބެއެވެ. އެކަމު، މަލާކު ތަފާތެވެ. މަލާކު ހަމަލާ ދިނީ ސީދާ ނާއިކުގެ ހިތަށެވެ. މަލާކު ވަދެގަތީ ނާއިކުގެ ހިތުގެ އެންމެ ފުން މިނަށެވެ. އެ ފުރުޞަތު މަލާކަށް ލިބުނީ ޤުދުރަތުން އޭނާއަށް ލިބިފައިވާ ރީތި ކަމާއި ޗާލުކަން ހަތިޔާރަކަށް ނަގައިގެންނެވެ.
ފެންވަރައިގެން ނުކުތް ގޮތަށް ނާއިކު ހުއްޓުނީ ލޯގަނޑުގެ ކުރިމަތީގައެވެ. ބަނޑުމަތީގައި ފެތުރިފައިވާ ގޮޅިތަކަށް ބަލައިލަމުން، ނާއިކުގެ ކަނާއަތުން އިސްތަށިގަނޑުގައި ހިފައިލިއެވެ. އިސްތަށިގަނޑު ކޮންމެ ވެސް ވަރަކަށް ހިކިފައި ވުމުން، ނާއިކު މަޑުމަޑުން ޑްރެސިން ޓޭބަލް މަތީގައި ހުރި ކަންޓު ފުޅި ނަގައި، ބޮލުގައި ކާއްތަން ފެށިއެވެ.
"ޓޮއްޓޮއް" ނާއިކަށް ބަލައިލެވުނީ ކޮޓަރީގެ ދޮރަށެވެ. ތުވާލި އޮޅައިލަމުން ނާއިކު ހިނގައިގަތީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. އަދި ލަސްނުކޮށް ނާއިކު ދޮރު ހުޅުވައިލިއެވެ.
"މަލް.. ނުވެސް ބުނެ؟" ހައިރާންވެ ހުރެ ނާއިކު ބަލައިލީ ދޮރު ކުރިމަތީގައި ހުރި މަލާކުގެ މޫނަށެވެ. އެއީ ރީތިކަން ބަޔާންކޮށްދީ ނުނިމޭނެ ފަދަ ރީތި ކަމެއް ލިބިފައިވާ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. ހަމުގެ ކުލަ އަލިވެފައި، ހަންގަނޑު އެހާމެ އޮމާނެވެ. ހަށިގަނޑުގެ ބަންޓަން ވަނީ ފިރިހެނުންނަށް އެންމެ ކަމުދާނެ މިންވަރަށް "ޕާރފެކްޓް" ކޮށެވެ. ކަރުގެ އެއް އަރިއަކަށް އިސްތަށިގަނޑު ވައްޓައިލާފައިވާ އިރު، އެ ރީތިކަމަށް ބަލާބަލާ މީހަކު ފޫސެއް ނުވާނެކަން ކަށަވަރެވެ.
"ވާވް! ތިހިރަ ރީތި ކަމެއް." ފައިން ފެށިގެން މޫނަށް ނާއިކު ބަލައިލީ އާޝޯހުވެގެން ހުރެއެވެ. މީ ނާއިކުގެ އާދައެވެ. މަލާކު ފެންނަ ކޮންމެ ފަހަރަކު ވެސް ނާއިކަށް ހަމަ މިވަރުވެއެވެ. އަބަދުވެސް މަލާކުގެ ރީތި ކަމަށް ތަޢުރީފެއް ކޮށްނުލާ ފަހަރެއް ނުދާނެއެވެ. މަލާކަށް ވެސް ނާއިކުގެ އެ ސިފައަށް ވަރަށް ގަޔާ ވެއެވެ.
"އަހަރެން އެކަނިތަ ރީތީ؟ ތި ރީތިކަން ވަކި ކުޑަތަ؟" މަލާކު މަޑުމަޑުން އޭނާގެ އަތް ޖައްސައިލީ، ނާއިކުގެ ގޮޅިތައް އަރާފައިވާ ހަށިގަނޑުގައެވެ. މަލާކުގެ އަޑުވެސް އެހާ ހިތްގައިމެވެ. ނުހަނު އަންހެންވަންތަ އެވެ.
މަލާކު މަޑުމަޑުން ކޮޓަރިއަށް ވަދެ، ކޮޓަރީގެ މެދަށްހާ ހިސާބުގައި ހުއްޓެލިއެވެ. ދޮރު ތަޅުލުމަށްފަހު، ނާއިކު ގޮސް މަޑުކޮށްލީ މަލާކުގެ ކުރިމަތީގައެވެ.
"ހެޕީ 6 މަންތު އެނިވާރސަރީ ބޭބީ" މަލާކު ނިކަން ބާރަށް ނާއިކުގެ ގައިގައި ބައްދައިގަންނަމުން ބުނެލިއެވެ.
"ސޭމް ޓު ޔޫ ބޭބީ.." ނާއިކުގެ ދެއަތުން މަލާކުގެ ހަށިގަނޑު ވަށައިލިއެވެ.
***
"އަމިއްލައަށް ގިރާ ބަލަ! ހުވާ މީ އަހަންނަށް ޖެހިފާ ހުރި.." ޖަންނަތު އަޑު ބާރުކޮށްލަމުން ކޮފީ ދަޅު ލަބީބު ގާތުގައި ބޭއްދިއެވެ.
"އަހަރެން ނޫޅެން ބޯކަށް. އޯކޭއެއްނު" ލަބީބު ކާގެއިން ނުކުމެގެން ދިޔައީ ފިނޑިއެއް ހެންނެވެ. އައިޝާ ބަލައިލީ ޖަންނަތުގެ މޫނަށެވެ.
"އާނ އެހެންޏާ! ކޮފީ އަމިއްލައަށް ގިރައިގެން ނުބޮވެނީތަ؟ ޑިއުޓީއަށް ދާ ކޮންމެ ފަހަރަކު ޖެހޭތަ ކޮފީ ބޯން؟ ޚަރަދެއް ކުރަނީއެއް ނޫން. އެކަމު އަނގައެއް އޮވޭ ކޮންމެ ފަހަރަކު ކޮފީ ބޯން.." ޖަންނަތު ހިތްހަަމަ ނުޖެހިގެން ހުރެ އަމިއްލައަށް ހުރިހާ ވަރެއް އަރުވައިލިއެވެ. އެެއްވެސް އެއްޗެއް ނުބުނެ އައިޝާ ހަމަ ހުރީއެވެ.
"ބަލަ ދޮގެއްތަ ދައްތަ މިބުނީ؟" އެންމެ ފަހުން ޖަންނަތު ސުވާލު ކޮށްލީ އައިޝާއާ އެވެ. އައިޝާ އެއްވެސް އެއްޗެއް ނުބުނެ މަޑުން ހުރުމުންނެވެ. ޙަޤީޤަތުގައި އެހެން މީހުންގެ ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް ވަނުމަކީ އައިޝާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ.
"ފިރިމީހާ.." ނުބުނަން ހުރެފައި އައިޝާ ވާހަކަދައްކަން ފެށި އިރަށް، ޖަންނަތު ފޫހި ގޮތެއް މޫނަށް ހަދައިލަމުން އެތަނުން ނުކުންނަން ހިނގައިގަތެވެ. އެއީ އައިޝާ ދައްކަން އެއުޅޭ ވާހަކަ އަކީ ޖަންނަތު ގަޔާވާނެ ވާހަކައަކަށް ނުވާނެކަން އޭނައަށް ޔަޤީން ވީމައެވެ.
"މިއަދުވެސް އެ ދެމަފިރިން އަރާރުންވީ ދޯ؟" އައިޝާ ފަހަތުން ރަޝީދާ އައިސް އެހެން ބުނެލީ މަޑުންނެވެ. އައިޝާ އެއްވެސް އެއްޗެއް ނުބުނެ ކާގެއިން ނުކުންނަން ހިނގައިގަތީ އިތުރަށް ޒުވާބެއް ގޭތެރޭގައި ހިނގާފާނެތީ އެކަމާ ބިރުންނެވެ. އެކަން އެގޮތަށް ވާން ވެސް އައިޝާ ނޭދޭތީއެވެ.
"މަންމަ ވަރަށް ވިިސްނަން. މަންމަ ވަރަށް ބޭނުން މަންމަގެ ދެ ދަރިން އުފަލުގަ އުޅޭތަން ބަލަން. ލަބީބު ފަކީރަށް ވެސް ޖަންނަތު އެހަދަނީ ހަދާނެ އެއްޗެއް. ލައިބާއާ މެދު ވެސް ހާދަ ވިސްނެއޭ.." ރަޝީދާގެ ޖުމުލައިން އައިޝާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.
"ދެން ދަރިފުޅު. މަންމަ އަށް ދަރިފުޅާ، ދުންޔާއާ ދޭތެރޭގަ ވެސް ވަރަށް ވަރަށް ވިސްނޭ. މަންމަ މުސްކުޅިވި ދުވަހު ކޮން ފަދަ ހިތްދަތި ދުވަހެއް މަންމަގެ ލޮލަށް މި ދައްކަވަނީ؟ ބައްޕަ ދުނިޔޭގަ ހުރިނަމަ ހާދަ ދެރައެއް ވާނޭ.." ރަޝީދާއަށް ރޯން ފެށުނެވެ. އައިޝާ އެނބުރި އައިސް ރަޝީދާގެ ކޮނޑުގައި ފިރުމައިލީ މަންމަގެ ހާލަތު ހުރި ގޮތުންނެވެ.
"މަންމާ. މަންމަ ތިވަރަށް ނުވިސްނާ!" އައިޝާ އެހެން ބުނެލީ ރަޝީދާއާ ޖެހިގެން އިން ގޮނޑީގައި އިށީންނަމުންނެވެ.
"ކިހިނެއް ނުވިސްނާ ހުންނާނީ. އަހަރެންގެ ހުރި ހަމަ އެކަނި ދެދަރިން. އުފަލުން އުޅޭތަން ނުފެންނާތީ.. މަންމަގެ މި ހިތަށް ހަމަ ތަދުވަނީ.." ރަޝީދާ މޭމަތީގައި އަތް ޖަައްސައިލަމުން ބުނެލިއެވެ.
"މީދެން މަންމައަށް އާ ކަމެއް ވެސް ނޫނެއްނު؟ ކޮންމެ ދުވަހަކު އެޒުވާބެއް ހިނގައެއްނު؟ މަންމަ ދެރަ ނުވޭ. ނުވިސްނާ. އޭރުން މަންމަ ބަލިވެދާނެ.." އައިޝާ ވަރަށް ލޯބިން ރަޝީދާގެ އަތުގައި ހިފައިލިއެވެ.
"ޖަންނަތު އެކަންޏެއް ނޫނޭ. މަންމަ ދެރަވޭ ދަރިފުޅާ މެދުގަ ވިސްނީމަ ވެސް. ދަރިފުޅު ވެސް ހާދަ އެކަނިވެރި ދިރިއުޅެމެކޭ ތިއުޅެނީ.. މަންމަ ހާދަ ބަލަމޭ ކެތްކުރަން. މަންމަ ހާދަ މަސައްކަތެއް ކުރަމޭ ހިނިތުންވެފަ އަހަރެންގެ ތި ދެދަރިންނާ ކުރިމަތިލާން. އެކަމު ކެތް ކުރެވޭނީ ވެސް ވަކި ވަރަކަށް.." ރަޝީދާ މޫނުމަތީގައި އަތް އަޅައި ރޯން ފެށިއެވެ. އައިޝާ ވެސް ދެރަވެގެން ވަރަށް މަޑުމަޑުން އޭނާގެ މަންމަގެ ގައިގައި އޮޅުލައިގަތެވެ.
***
ކޮޓަރިތެރެ އޭސީގެ ފިނިން ފަތަހަ ކުރަމުން ދިޔައެއް ކަމަކު، އެ ފިނީގެ އެއްވެސް އަސަރެއް އެނދުގައި އޮތް ނާއިކު އާއި މަލާކަށް ނުކުރާ ކަހަލައެވެ. ނާއިކުގެ މޭމަތީގައި މަލާކުގެ އިނގިލިތަކުން ފިރުމަމުން ދިޔައީ ނާއިކުއާ ދުވަސްކޮޅަކަށް ވަކިވާން ޖެހޭތީ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ. މީހެއްގެ ފިރިއެއްކަން އެނގި ހުރެ ވެސް މަލާކުގެ ހަޔާތުގެ ބައިވެރިޔަކަށް ނާއިކު ޚިޔާރު ކުރީ މަލާކުގެ ހިތުގައި ނާއިިކަށް އުފެދިފައިވާ ލޯތްބަށް އޮތް އިތުބާރެއްގެ ބޮޑު ކަމުންނެވެ. މަލާކުގެ ބާރުގެ ދަށަށް ކޮންެމެ ހާލެއްގައި ވެސް ނާއިކު ގެނެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަމިއްލަ ނަފުސަށް އޮތީމައެވެ.
"އަހަރެން ހާދަ މިސްވާނޭ!" މަލާކު ބަލަން އޮތީ ނާއިކުގެ މޫނަށެވެ.
"އަހަރެން މާ ބޮޑަށް މިސްވާނެ. އަހަރެން މާލެ ގޮސްފަ، 3 ވަރަކަށް މަސް ތެރޭ ޔޫ ވިލް ބީ ބެކް އެއްނު؟" ނާއިކުގެ އިނގިލިތައް މަލާކުގެ ބޮލުގެ ފަން އިސްތަށިގަނޑުގެ ތެރޭގައި ދުއްވަމުން އޭނާ ބުނެލިއެވެ.
"3 މަސް. ބޭބީއާ ނުލައި އެއީ ހާދަ ދުވަހެކޭ.." ނާއިކު ކިޔެވުން ނިމިގެން މާލެ ދާން 1 މަހަށް ވުރެ ކުޑަތަން ވެފައި ވުމުން މަލާކު ގެންދިޔައީ އޭނާގެ ހިތުގައި އުފެދިފައިވާާ ލޯބީގެ ޝަކުވާތައް އޮއްސަމުންނެވެ.
"އަހަރެން ވެއިޓު ކުރާނަމޭ! އަހަރެންނަށް ވެސް މަލްއާ ނުލައި ދިރިއުޅެން މިހާރު ވަރަށް އުނދަގޫ ވާނެ." މަލާކުގެ ކޮލަށް ނާއިކު ބޮސް ދިނެވެ.
"މަލާކު މާލެ އައިހާ އަވަހަކަށް އައި ވިލް މެރީ ޔޫ." ނާއިކު ބުނި ޖުމުލައިން މަލާކަށް އުފަލުން އުދުއްސައި ނުގަނެވުނީ ހަމަ ކިރިޔާއެވެ.
"އަޅޭ އަސްލުތަ؟ ސޯ ސްވީޓު" މަލާކު އުފަލުން އޮވެ ނިކަން ބާރަށް ނާއިކުގެ ގައި ވަށައިލީ އޭނާގެ ދެއަތުންނެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތުގައި އައިޝާ އިނީ ބިލެތްދޫ އަތިރިމަތީގައެވެ. ބަރުވަމުންދާ އޭނާގެ ސިކުނޑިއަށް އެއްވެސް ލުޔެއް ލިބޭނެކަމަށް ބަލައިގެންެނެވެ. ތުރާތަކުން ފުނި ޖެހެމުން ދިޔަ އައިޝާގެ ހިތަށް އެއްވެސް ތަސައްލީއެއް ލިބޭނެ ކަމަށެވެ. ޤުދުރަތީ ރީތި ކަމަކީ މީހުންގެ ހަޔާތަށް އާރޯކަން ގެނުވާ ކަމެއްކަމަށް އަބަދުވެސް މީހުން ބުނެ އުޅޭތީއެވެ. ނަމަވެސް އައިޝާގެ ހިތާ ސިކުނޑިއަށް އެއްވެސް އަރާމެއް، ހަމަ ޖެހުމެއް ނުލިބެއެވެ. ރާޅު ދޫފަށަށް ބީއްސާލާ ރާޅުތައް ފަދައިން އައިޝާގެ ދިރިއުޅުން އެ ރާޅުތަކާއި އެކު ބެހިގެންދާ ފަދަ މަންޒަރުތައް ސިފަވުމުން އިތުރަށް އައިޝާއަށް ލިބުނީ ގިލަންވެރިކަމެކެވެ. ޖެހޭ ފިނި ރޯޅިތަކާ އެކު ދެފަރާތަށް ހޫރެމުންދާ ގަހުގެ ފަތްތަކުގެ ހެލިލުން ތަކުން އައިޝާގެ ސިކުނޑި ވަގުތުން ގަންބުވައިލީ މީގެ 5 އަހަރު ކުރީގެ ހަނދާންތަކަށެވެ. އެއީ އައިޝާ އާއި ނާއިކުގެ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅެއެވެ. ލޯތްބާއި، އިޝްޤުން އައިޝާގެ ހިތް ފުރައިލި އެނާގެ ހަންހާރަވެތި ދާސްތާނެވެ. ކައިވެންޏަށްފަހު، ކުރެވުނު ފުރަތަމަ ދަތުރުގައި މި ޢާލަމްގައި ވެވުނު ވަޢުދާއި ހުވާތަކެވެ. މި ޢާލަމްގައި ހަނދާއި ތަރިތަކާއި އެކު ދިރުވި ދެމީހުންގެ ލޯތްބެވެ. އެއިން ކޮންމެ ހަނދާންނަކުން އައިޝާއަށް މިއަދު ކުރުވަނީ ފުން ހިތްދަތި އަސަރެވެ.
އައިޝާއަށް ހޭވެރިކަންވީ އޭނާގެ ލޮލުގެ އެސްފިޔަތައް ތެމޭހެން ހީވުމުންނެވެ. ވަރަށް އަވަސްކޮށް އަތުގެ ނުފުށުން ދެލޯ ފުހެލީ އިތުރު މީހަކަށް މި މަންޒަރު ފެނި ރަށު ތެރޭގައި، މުޅިން އެހެން ވާހަކައެއް ފެތުރިގެން ގޮސްފާނެތީއެވެ. ފުންކޮށް ދެތިން ނޭވާއެއް ލަމުން އައިޝާ ދޮންވެލިގަނޑު މަތިން ތެދުވެ، ހެދުމުގައި ހުރި ވެލިތައް ފޮހެން ފެށިއެވެ.
***
"ވަޓް؟ އަސްލު ވެސް؟" ދާއިން ބޯން އިން ކޮފީތަށި އޭނާގެ އަތުން ދޫނުވީ ހަމަ ކިރިޔާއެވެ. ދާއިން ދެލޯ ބޮޑުކޮށްލަމުން ހައިރާންވެ ހުރެ ބަލައިލީ ކޮފީ ޓޭބަލްގައި އޭނާގެ ކުރިމަތީގައި އިން ނާއިކަށެވެ. ނާއިކު ބުނި ވާހަކަ ދާއިންއަށް ޤަބޫލު ކުރަން ދަތިވީއެވެ.
"އަސްލުވެސްއޭ! އަހަރެން ސީރިއަސްކޮށް މަލް ދެކެ ލޯބިވޭ." ނާއިކު ދެއްކި ވާހަކައަށް ބާރު ދެމުން އަނެއްކާ ވެސް އޭނާ ބުނެލިއެވެ. ގިނަ އަންހެނުން ނާއިކުގެ ހަޔާތަށް އަންނަކަން އެއީ ދާއިންއަށް އައު ކަމެއް ނޫނެވެ. ނަމަވެސް ނާއިކުގެ ހިތުގައި އެހެން އަންހެނަކަށް ލޯބި އުުފެދުމުން ދާއިިން އިނީ އަނގައިން ބަސް ހުއްޓިފައެވެ. ބުނަން ވީ ކީީކޭ ކަމެއް ވެސް ނޭނގިފައެވެ. ދާއިން ޤަބޫލު ކުރާ ގޮތުގައި ނާއިކު އެކި އަންހެނުންނާ އެކު ވަގުތީ އުފާތައް ހޯދިޔަސް، އައިޝާ ދެކެ ވަރަށް ލޯބިވެއެވެ. ނާއިކު ހުރިހާ އަންެހުން ގާތު އެކި ސްޓޯރީތައް ޖައްސައިގެން އެ ކުޅޭ އެއްވެސް "ޑްރާމާ"އެއްގައި ޙަޤީޤީ ލޯބީގެ ކުލަވަރު ޖެހިދާނެ ކަމަށް ދާއިން ޤަބޫލެއް ވެސް ނުކުރެއެވެ.
"އެއްޗެކޭ ބުނެބަލަ ބްރޯ!" ދާއިންގެ ހިމޭން ކަމުން ނާއިކު ބަލައިލީ ސީދާ ދާއިންގެ މޫނަށެވެ. ބުނަންވީ ކީކޭ ކަން ނޭނގި، ދާއިން ގަނބުވެފައި ހަމަ އިނީއެވެ. (ނުނިމޭ)