މާޒިޔާގެ މިޑްފީލްޑާ މުޖުތާޒު މުހައްމަދު (މުޖޭ) ސީޒަން ނިމެންދެން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ލޯން އުސޫލުން ދޫކޮށްލުމަށް މާޒިޔާއިން ނިންމައިފި އެވެ.
މުޖޭގެ އިތުރުން މާޒިޔާގެ ޒުވާން ފޯވަޑް އަބްދުﷲ ޖުނޭދުއަށް ވެސް ލޯން އުސޫލުން ސަސްއަށް ވަނީ ދޫކޮށްލާފަ އެވެ. މުޖޭ ދޫކޮށްލަން މާޒިޔާއިން އެއްބަސްވީ، އެ ޓީމަށް ޖަޕާންގެ މިޑްފީލްޑަރު ޓަކާށީ އޮޑާވަރާ ގެނައުމަށް ފަހު އެވެ. އޭގެ އިތުރުން ކުރިން މާޒިޔާއަށް ކުޅުނު ސީރިއާގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ވެސް ވަނީ އަލުން މާޒިޔާއަށް ގެނެސްފަ އެވެ.
މާޒިޔާގެ ސްކޮޑަށް އޯވަހޯލެއް މި ގެނައީ، އޭއެފްސީ ކަޕަށް ތައްޔާރު ވުމަށެވެ. ކުރިން މާޒިޔާއަށް ކުޅުނު ސާބިއާގެ ކީޕަރު މިލާން ޖެލްވޮކްގެ ކޮންޓްރެކްޓް އެ ޓީމުން ވަނީ އުވާލާފަ އެވެ. އަދި ސާބިއާގެ މިޑްފީލްޑަރު ޕީޓާ ޕްލަނިޗް ވެސް ވަނީ ކުލަބު ދޫކޮށްލާފަ އެވެ.
މުޖޭ ސަސްއަށް ބަދަލު ވުމަކީ، ސަސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. ފުރަތަމަ ޑިވިޝަނަށް މުޅިން އަލަށް ނުކުތް ސަސްއަށް އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ޓީމުގެ މިޑްފީލްޑަށް، ސީދާ އެ މަގާމަށް ކުޅޭނެ ކުޅުންތެރިޔަކު ނެތުމެވެ. ކުރީގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ވެސް އެކަން ފާހަގަ ކޮށްފަ އެވެ. މިޑްފީލްޑަރަށް އޭނާ ކުޅުވީ އާންމުކޮށް ވިންގް ބެކަށް ކުޅޭ މުހައްމަދު ރަޝީދު (ހޮކޭ) އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ކުޅޭނީ ރާއްޖޭގަ އެވެ. ގުރޫޕް ސްތޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ ނުކުންނާނީ ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށް މެއި މަހު 14 ވަނަ ދުވަހު އެވެ. މިދިޔަ ސީޒަންގެ ލީގް ރަނަރަފް ކުލަބު އީގަލްސް ވާދަ ކުރާނީ އޭއެފްސީ ކަޕް ކޮލިފިކޭޝަން ބުރުގަ އެވެ.