ޖެކް މާ

ޖެކް މާ ޗައިނާގައި ދަތުރު ކުރައްވަނީ

ޖެކް މާ ވަނީ މިދިއަ އަހަރު ނޮވެމްބަރުގައި ކުއްލި ގޮތަކަށް ގެއްލިފަ އެވެ. އޭނާ ވީތަނެއްގެ އިންތިޒާރުގައި ތިއްބައި މި އަހަރު ޖެނުއަރީގައި ކުޑަ ގޮތަކަށް ފެނިލި އެވެ. އެކަމަކު އަދި އަދަށްދާން ދެން ވެސް އޭނާވީ ތަނެއް ކަށަަވަރު ކަމާއެކު ބުނެދޭން އެނގޭ މީހަކު އުޅޭ ކަމަކަށް ނުވެ އެވެ.

ފައިނޭޝަލް ޓައިމްސްއިން ބުނާ ގޮތުން ޖެކް މާ ޗައިނާގައި އެބަ އުޅުއްވަ އެވެ. އަމިއްލަ ޖެޓްގައި ދަތުރު ކުރައްވަނީ އެވެ. ބީޖިންއާ ހައިނާންއާ ދެމެދު އެވެ. ފްލައިޓް ޑާޓާތަކުން އެކަން ކަށަވަރު ކުރެވެ އެވެ. އެކަމަކު ވެސް އޭނާ ކުރައްވަނީ ކޮންކަމެއްކަން ފައިނޭޝަލް ޓައިމްސްއަކަށް ނޭނގެ އެވެ.

ޖެކް މާގެ އަޑު ކުއްލި ގޮތަކަށް ކެނޑުމުން ހީވެގެން އުޅެނީ އޭނާ ހައްޔަރު ކުރީ ކަމަށެވެ. ޗައިނާ ސަރުކާރަށް ކުޑައިމީސް ބަހެއް ބުނާ ކޮންމެ މީހަކަށް ވެސް އެކަހަލަ ގޮތެއް ވާތީ އެވެ. ޖެކް މާ އަށް ވެސް ވަނީ ޗައިނާގެ މާލީ އިދާރާތަކަށް ނިސްބަތް ކުރައްވައި އިހާނެތި ބަހެއް ވިދާޅުވެވިފަ އެވެ.

ޗައިނާގެ މާލީ އިދާރާތައް ހިންގާ ގޮތާ ރުހިވަޑައި ނުގެން ޖެކް މާއަށް ވިދާޅުވެވުނީ ބޭންކްތަކުން ކުރާ ކަމަކީ ރަހުނު ބެހެއްޓުން ކަމަށާއި ބޯދާ ވިސްނުން ދޫކޮށްލައި ތަރައްގީވާން މަސައްކަތް ނުކުރާ ކަމަށެވެ.

ޖެކް މާ އަކީ ވިޔަފާރިވެރިއެކެވެ އަދި ބިލިއަނަރެކެވެ. އަލިބާބާ ގުރޫޕްގެ ސިއީއޯކަން ވެސް ކުރެއްވި އެވެ. އެއީ އޭނާގެ އަމިއްލަ ވިޔަފާރިއެކެވެ. މިދިއަ އަހަރު ނޮވެމްބަރުގައި ޖެކް މާއަށް ވީގޮތެއް ވީފަހުން 11 ބިލިއަން ޑޮލަރު ގެއްލުންވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.