އަލީބާބާ ގްރޫޕް 2.75 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ. ޗައިނާގެ ރެގިއުލޭޓަރުން ބުނާ ގޮތުން އަލީބާބާ ގުރޫޕުން ވިޔަފާރީގައި އިސްކަންދެނީ އަމިއްލަ މަސްލަހަތަށެވެ. އަދި ދުޅަހެޔޮ ގޮތުގައި ވާދަވެރިކަން އުފެއްދުމުގައި ބަދަލުގަައި ލޯބިކުރަނީ ބޮނޑިބަނުމަށެވެ. ވިޔަފާރީގައި އެހެން ކުންފުނިތަކުގެ މައްޗަށް އަލީބާބާ ގުރޫޕުން ނުފޫޒުފޯރުވުމަކީ ވެސް ކުށެކެވެ.
ޗައިނާގެ ރެގިއުލޭޓަރުން އަލީބާބާ ޖޫރިމަނާކުރުމުގައި ރިއާޔަތްކޮށްފައި ވަނީ 2019 ގައި ކުންފުންނީގެ މާލިއްޔަތަށެވެ. ޖޫރިމަނާކޮށްފައި ވަނީ ކުންފުންޏަށް ލިބުނު އާމްދަނީގެ ހަތަރު ޕަސެންޓް އެވެ. މިއީ ޗައިނާގައި މިހާތަނަށް މިއޫސޫލުން ކުންފުންޏެއް ޖޫރިމަނާކުރި އެންމެ ބޮޑު އަދަދެވެ.
އަލީބާބާ ގުރޫޕްއާ މެދު މިފަދަ ގޮތަކަށް ޗައިނާ ސަރުކާރުން އަމަލުކޮށްފާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. ސަބަބަކީ އަލީބާބާ ގުރޫޕްގެ ވެރިޔާ ޖެކް މާގެ އަމަލުތައް ޗައިނާ ސަރުކާރަށް ކަމުނުދިއުމެވެ. ޗައިނާ ސަރުކާރަށް ފާޑުވިދާޅުވެ ޖެކް މާ ވާހަކަދެއްކެވުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.
ޗައިނާގެ "ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޮ މާކެޓް ރެގިއުލޭޝަން" (އެސްއޭއެމްއާރު) އިން ޑިސެމްބަރުގައި ބުނި ގޮތުން އަލީބާބާ ގުރޫޕްގެ އޮޑިޓެއް ހަދާނެ އެވެ. އަދި އޮންލައިން ވިޔަފާރީގައި ވާދަވެރިކަމުގެ ރޫހު ދަމަހައްޓާތޯ ބަލާނެ އެވެ.
ސްޓޭޓް އެޑްމިނިސްޓްރޭޝަން އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގަައި ބުނެފައިވާ ގޮތުން އަލީބާބާ ގުރޫޕުން އަމަލުކޮށްފައި ވަނީ ޗައިނާ ސަރުކާރުން ކަނޑައަޅާފައި ހުރީ ވިޔަފާރި އުސޫލުތަކާ ޚިލާފަށެވެ. އަދި މިސިފަތައް ރަނގަޅުނުކޮށްފި ނަމަ ދެން ރިވިއުކުރާ ފަހަރަކުން ޖޫރިމަނާ ބޮޑުކުރެވޭނެ ކަމަށެވެ.
އަލީބާބާ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރެގިއުލޭޓަރުން ފާހަަގަކުރެއްވި ސިފަތައް ރަނގަޅުކުރާނެ ކަމަށާއި ދުޅަހެޔޮ މުއާމަލާތްތަކަށް ފުރުސަތުދޭނެ ކަމަށެވެ. އަދި ކުންފުނީގެ ހިންގުން ރަނގަޅު ކަމަށް ރެގިއުލޭޓަރުން ބުނަންދެން އެކުގައި މަސައްކަތްކުރާނެ ކަމަށެވެ.