ދުނިޔެ

އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓްކުރަނީ އެމެރިކާއިން

އެމެރިކާއިން ހަތިޔާރު އެކްސްޕޯޓްކުރާ އަދަދަށް ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ހަތިޔާރު އެކްސްޕޯޓް ނުކުރެވޭ ކަމަށް "ދި ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް" އިން ބުނެފި އެވެ. އެ އިންސްޓިޓިއުޓްއިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެމެރިކާއިން ހަތިޔާރު އެކްސްޕޯޓްކުރާ އަދަދު، ދުވަހެއް ދުވަހަކަށް ވަނީ އިތުރު ކަމަށެވެ.

ހަތިޔާރު އެކްސްޕޯޓް ކުރާ ގައުމުތަކަށް ބަލާއިރު މިވިޔަފާރީގައި އެމެރިކާ ހިއްސާވާ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. މިސާލު ދައްކަމުން ރިޕޯޓްގައި އަޅާކިޔާފައިވާ މުއްދަތުގައި، 2011 އިން 2015 އަށް އެމެރިކާގެ ނިސްބަތަކީ 32 ޕަސެންޓެވެ. އަދި 2016 އިން 2020 އަށް އެ ނިސްބަތް 37 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުން 2016 އިން 2020 އެމެރިކާއިން 96 ގައުމަކަށް ހަތިޔާރު ސަޕްލްލައިކޮށްފައިވެ އެވެ.

އެމެރިކާއިން އެކްސްޕޯޓްކުރާ ހަތިޔާރުގެ ދެބައިކުޅައެއްބަޔާ ކައިރިކުރާ އަދަދަކަށް، ގާތްގަޑަކަށް 47 ޕަސެންޓް ގަނެފައި ވަނީ ގަލްފު ގައުމުތަކުންނެވެ.

އެމެރިކާއިން ހަތިޔާރު އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ، އިންޑިއާ، މިސްރު، އޮސްޓްރޭލިއާ، ޗައިނާ، އަލްޖީރިއާ، ގަތަރު، ޔޫއޭއީ އަދި ޕާކިސްތާން ހިމެނެ އެވެ.

ހަތިޔާރު ވިއްކުމުގައި ދެވަނާގައި އޮތީ ރަޝިއާ އެވެ. އެހެން ނަމަވެސް، އެމެރިކާއިން ހަތިޔާރު ވިއްކާ އަދަދާ ކައިރިކުރާ މިންވަރަށް ވެސް ރަޝިއާއަށް ހަތިޔާރުނުވިއްކޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ފްރާންސް އޮތީ ހަތިޔާރު މާކެޓްގައި ތިންވަނާގަ އެވެ. ހަތިޔާރު އެކްސްޕޯޓްކުރުމުގައި އެގައުމު ހިއްސާވާ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ. ފްރާންސްއިން ހަތިޔާރު ވިއްކާ ގަގުމުތަކުގެ ތެރޭގައި އިންޑިއާ، މިސްރު އަދި ގަތަރު ހިމެނެ އެވެ. ފްރާންސްއިން އެކްސްޕޯޓްކުރާ ހަތިޔާރުގެ 59 ޕަސެންޓް މިތިން ގައުމު ހިއްސާކުރެ އެވެ.

ހަތިޔާރު އުފައްދައި ވިޔަފާރިކުރާ ގައުމުތަކުގެ ތެރެއިން ޖަރުމަން އޮތީ ހަތަރުވަނާގަ އެވެ. މާކެޓުން ބޮޑު ހިއްސާއެއް ލިބުމަކީ ޖަރުމަނަށް ވެސް އުފަލެކެވެ. އެކަމަށްޓަކައި މަސައްކަތް ވެސް ކުރެ އެވެ. ޖަރުމަނުން ހަތިޔާރު ވިއްކާ ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ، އަލްޖީރިއާ އަދި މިސްރު ހިމެނެ އެވެ.