ސްމާޓް ފޯނާއެކު އެންމެ ހިނދު ކޮޅަކުވެސް ފޫހިވެފައި ހުންނާކަށް ނުޖެހެ އެވެ. ކޮންމެވެސް އެކައްޗަކުން ހެއްވާ މަޖާ އަދި ވީޑިއޯ ކްލިޕެއް ބަލައިލުމުގު ފުރުސަތު އެބަ އޮތެވެ. މިގޮތަށް ވެސް ބަލާލަން ލޯކަލް ކޮންޓެންޓް ކޮންމެވެސް ވަރަކަށް ލިބޭތީ ސަޅިއެވެ. ސަބަބަކީ އަހަރުމެނާ ގުޅޭ އަހަރުމެންގެ ސަގާފަތްތަކާއި މުޖުތަމައާ ގުޅޭ ޖޯކާއެކު ތަފާތު އެކި ވީޑިއޯ ކްލިޕް ބަލައިލެވޭތީ އެވެ. ކުރީގެ "ބަަހަބަރާ"އި "ފުލޯކް ދަ އިންޓަރނޭޝަަނަލް" ފަދަ ހެއްވާ މަަޖާ ޝޯތަކަކީ ގިނަ ދިވެހިންގެ ފެވަރިޓެކެވެ. އުފެއްދުންތެރި އަދި ވަރަށް ޒަމާނީ ހިޔާލުތަކުގެ މައްޗަށް އުފެއްދި އެ ޝޯތަކުން ދިވެހި ސިޓިންގ ރޫމްތައް ހެއްވާލި އެވެ. ލޮލުން ކަރުނަ އަންނަ ވަރަށްވެސް މެެއެވެ. އެ ލެވެލަށް މިފަހަކަށް އައިސް ހެއްވާ ޝޯތަކެއް ނުއުފެއްދެ އެވެ.
އެހެންނަމަވެސް ޒުވާން ހުނަރު އުފެދި ތަރައްގީވަމުން ވެސް އާދެ އެވެ.
ހިތާނީ ޕާޓީއެއްގައި އަޅުވާލަން އަހުމަދު އިޔާޝް (އިޔާ) އަދި އެކުވެރިއެއް ކަމުގައިވާ ކަރަމް އުފެއްދި ކުޑަ ވީޑިއޯކޮޅެއް ކަމުދިޔައީ ބަލަން ގޮސް ތިބި މީހުނަށެވެ. އެއަށް ލިބުނު ލިބުނު ތަރުހީބާއި އެކު "ސްޕޭސް ޕެރޭޑް" ނަމުގައި ޔޫޓިއުބް ޗެނަލެއް މީގެ 11 އަހަރު ކުރިން އުފަން ކުރި އެވެ.
އިޔާ ބުނާ ގޮތުން ނަމަ "ސްޕޭސް ޕެރޭޑް" އަކީ ރައްޓެހިންގެ މެދުގައި އުފެދިގެން އައި ކަމެކެވެ. އަދި ޔޫޓިއުބް ޗެނަލް ހެދުމަށް ނިންމާ ނަމެއް ކިޔުމަށް ވިސްނީ ސްޕޭސް ޝިޕެއްގައި ދުނިޔެއަށް އައިސް ދޭ މޮޅު ހިޔާލުތަކެއް ގޮތުގައި ދައްކަން ވެގެނެވެ.
"ސްޕޭސް ޕެރޭޑްގައި އުޅޭ އެއްމެނަކީ ވެސް ވަރަށް ބޮޑަށް ފިލްމު ބަލާ، އެކްޝަން ފިލްމަށް ލޯބި ކުރާ ބައެއް އެކްޝަނާއެކު ކޮމެޑީ ސްޓައިލް ކަމުދޭ. ޖެކީ ޗަންގެ ފިލްމު ކަހަލަ ފިލްމްތައް ބަލާ ހަދާ،" އޭނާ ބުންޏެވެ.
އިޔާ ބުނި ގޮތުގައި އެ މީހުން ފުރަތަމަ ނެރުނީ ފިލްމެއްގެ ޓްރެއިލާއެއް ގޮތަށް ދައްކާ ވީޑިއޯކޮޅެކެވެ. އެއީ "އިންޑަސްޓްރީ" ނަން ދީފައިވާ ފޭކް ފިލްމެއްގެ ޓްރެއިލާއެކެވެ. އެކަމަކު ވަރަށް ގިނަ ބަޔަކަށް އެ ކަމުދިޔަ އެވެ. އެހެންވެ އޭގެ ފަހުން އެކި ވީޑިއޯތައް ހަދަމުން ދިޔަ އެވެ. އެގޮތުން "މިރުސްލީ" އާއި "އެކްސްޕްރެސް ޑެލިވަރީ" އާއި "ސްޕީޑް ވޯކާ" ނަމުގައި އަޕްލޯޑް ކޮށްފައިވާ ވީޑިއޯތައް ދިވެހިންގެ މެދުގައި މަގުބޫލުވި އެވެ.
އެތައް ހާސް ބަޔަކު އެ ވީޑިއޯތައް ބަލާފައި ވެެއެވެ. އެ ވީޑިއޯތަކުން ތަފާތު ކޮންމެވެސް މޮޅު ގޮތަކަށް މީހާ ހެއްވާލާ އެވެ. އަދި މަަޖާ އާއްމުކޮށް ނުފެންނަ ކަހަލަ ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ އެ ވީޑިއޯތަކަކީ ބައެއް ފަހަރު އަމިއްލަ ތަޖުރިބާއިން ގެނެސްދޭ ކަން ކަމަށް ވެސް އިޔާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އާޓިފިޝަލް ބީޗް ކައިރީ ކެފޭއެއްގައި ސީރިއަސް ވާހަކައެއް ދައްކަން ގޮސް އުޅެނިކޮށް އެ ސަރަހައްދުން ލަވަޖަހާ އަޑު ގަދަ ކަމުން ކުރެވުނު އެކްސްޕީރިއަންސާއެކު 2019 ގައި "ދަ ޓޯކް" އުފެއްދި އެވެ. ފަސް މިނެއްޓެއްހާ އިރުގެ އެ ވީޑިއޯކޮޅުން ދައްކައި ދެނީ ދެ އެކުވެރިއެކެވެ. އެކަކު ރައްޓެހިވެގެން އުޅެ ރުޅިވާ އަންހެން ކުއްޖާއާއި އަނެކަކު ރައްޓެހިވެ އެވެ. އަދި އެވާހަކަ ދައްކަން ރަހުމަތްތެރިޔާ ގެއަށްގޮސް ޓެރެސްގައި ވާހަކަ ދައްކަން ފަށާއިރަށް ލަވަ ޖަހާ އަޑު އިވެއެވެ. އަދި ލަވަޖެހުމާއެކު އަޑު ބާރުކަމުން ނަށަމުން ވާހަކަ ދައްކަންޖެހެ އެވެ. ތަފާތު ހެއްވާ ގޮތަކަށް ވަރަށް ސީރިއަސް ވާހަކަ ދައްކާ މި ވީޑިއޯ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ އެވެ.
ސްޕޭސް ޕެރޭޑްގެ ގިނަ ވީޑިއޯތަކުން އަހުމަދު އަތީކް ފެނެ އެވެ. ސީރިއަސް ރޯލާއި މަޖާ ރޯލް ތަކުގައި ވެސް އޭނާގެ ބޮޑު ދައުރެއް އޮވެއެވެ. އަތީކް ބުނާ ގޮތުގައި އެންމެ ކުޅެން އުނދަގޫވި އެއް ވީޑިއޯއަކަށް ވާނީ ވިލިމާލޭގައި ދުވެގެން ހެދި "ސްކްއަޑް ގޯލްސް" އެވެ. އެ ވީޑިއޯ ހަދާފައި ވަނީ މުޅި ވިލިމާލޭގައި ކަހަލަ ގޮތަކަށް ދުވެގެނެވެ. ސްޕޭސް ޕެރޭޑްގެ ހުރިހާ ވީޑިއޯއަކީ ވެސް އެއް ދުވަހުގެ ޝޫޓިން އެވެ.
އިޔާ ބުނާ ގޮތުގައި ފަސް މިނެޓުގެ ވީޑިއޯއަކަށް ވެސް ބައިވެރި މަސައްކަތްތަކެއް ކުރަންެޖެެހެ އެވެ. ލިޔެ، ކޮރިއޯގްރަފީ ހަދައި ރިހާސްކޮށް ޝޫޓިންއާ ހަމައަށް ދާއިރު ވެސް ބުރުއެއްލާ ފައިޓް ސީންތަކުގައި ބައެއް ފަހަރަށް އަނިޔާ ވެއެވެ.
ސްޕޭސް ޕެރޭޑް ވީޑިއޯއަކަށް ކާސްޓް ހޯދަން ގޮވާލުމުން އެމީހުންނާއި ގުޅުނު އިބްރާހިމް ޖިނާދު ދިޔައީ ތަފާތު ހުނަރެއް ހިފައިގެނެވެ. އެކްޓް ކުުރުމުގެ އިތުރުން އޭނާއަކީ ވީޑިއޯތަކަށް ބޭނުން ކުރާ އެކި އެކި ޕްރޮޕްސް އަސްލާއި އެއްގޮތަށް ކުރުމަށް މަސައްކަތް ކުރާ މީހެކެވެ.
"ފައިޓު ސީން ތަކުގައި އެއްޗެހި ތަޅައިގެން ދާ ކަހަލަ މަންޒަރު ދައްކަން ބޭނުން ކުރާ ޝުގާ ގްލާސް ފަދަ ތަކެތި ރާއްޖެއިން ފަސޭހައިން ނުލިބޭ. ލިބޭ އެއްޗެހިވެސް އަގު ބޮޑު. އެހެންވެ ބައެއް ޕްރޮޕްސްތަކަކީ އަމިއްލައަށް އޭތި އަަސްލާއި އެއްގޮތްކަން ދައްކަން އުފައްދަން ޖެހޭ އެއްޗެހި."
މި މަސައްކަތުގައި ޖިނާދުގެ އާޓު ހުނަރު ދައްކާލާއިރު ފާހަގަ ކޮށްލެވެނީ އޭނާ އުފެއްދި ބެޓްމޭން މާސްކާއި އިސްތިހާރެއްގައި ބޭނުންކުރަން ހެދި ވެސްޓާއި ޝީލްޑެވެ.
ސްޕޭސް ޕެރޭޑުން ބުނާގޮތުގައި އެމީހުންނަށް އިސްތިހާރު ތައް ހެދުމުގެ ފުރުސަތުވަނީ ފަހިވެފަ އެވެ. ފުޅާކޮށް ވިޔަފާރި ކުރާ ފަރާތްތަކުގެ ބައެއް އިޝްތިހާރުތައް އުފެއްދުމަށް ފުރުސަތު ފަހިވިއިރު އެ އިޝްތިހާރު ތަކަކީ އާއްމުންން ވެސް އޭގެ ވާހަކަ ދައްކާ އަދި ތަފާތު ކަމަށް ފާހަގަވެފައިވާ އިޝްތިހާރު ތަކެވެ.
ސްޕޭސް ޕެރޭޑް އިން އެންމެ ފަހުން އުފެއްދީ ޕިއްޒާ އިޝްތިހާރަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އިޝްތިހާރެއް. ދައްކައިދެނީ ޒޮމްބީ އެކޮޕެލިކްސެއްގައި ވެސް ޕިއްޒާ ޑެލިވެރީއެއް ކުރާ މަންޒަރެވެ. ދެވަނަ ވީޑިއޯ އަކީ ސިމްބޮލިކް ރިކޯޑް ކިޔާފައި އޮތް ލަވައަކަށް ރެޕް ކުރާ ގޮތައް އެކްޓްކޮށްފައިވާ ވީޑިއޯއެކެވެ،
އެއް ދުވަހުން އަނެއް ދުވަހަށް ސްޕޭސް ޕެރޭޑްގެ ކްލައިންޓުން އިތުރުވެފައި ވާތީ މި ޒުވާނުން ތިބީ އުފަލުންނެވެ. އެ މީހުން ބޭނުން ވަނީ އެއްމެންނަށް ވެސް މަޖާ ތަފާތު ޔުނީކް ސްޓައިލެއް އުފައްދާށެވެ.
"ފިލްމެއް ހެދޭނެ ކަމުގައި ޔަގީންކަން އެބައޮތް. މިހާރު އެންމެ ބޭނުމީ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު. އަދި އާ އިތުރު ވީޑިއޯތައް އުފައްދަން މަސައްކަތް ކުރަމުން މި އަންނަނީ މިހާރުވެސް. ވަރަށް ގިނަ ކަންކަން ދަސްވެއްޖެ މިވީ އަހަރުތަކުގެ ތެރޭގައި. ވަރަށް ގިނަ މީހުން އަހާ އަބަދުވެސް ދެން ކޮންއިރަކުންތޯ އާ ވީޑިއޯއެް ފެންނާނީ. އެހެންވެ ދިވެހިން މި ސްޓައިލްވެސް ބަލައިގެންފި ކަން އިނގޭ"