ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެސްޓްރަޒެނެކާ ވެކްސިނާބެހޭ ގޮތުން އީޔޫ މަޝްވަރާކުރަނީ

ޔޫރަޕިއަން މެޑިސީން އޭޖެންސީ (އީއެމްއޭ) އޮފިޝަލުން ބައްދަލު ކުރައްވައި އޮކްސްފޯޑް / އެސްޓްރަޒެނެކާ ވެކްސިނާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ. ބެލްޖިއަމްގެ މީޑިއާއިން ބުނާ ގޮތުން އެސްޓްރަޒެނެކާ ވެކްސިނާބެހޭ ގޮތުން އީއެމްއޭއަށް ފެންނަ ގޮތް ވަރަށް އަވަހަށް ނުވަތަ ބުރާސްފަތި ދުވަހު ހާމަކުރާނެ އެވެ.

ޔޫރަޕިއަން މެޑިސިން އޭޖެންސީން ކުއްލި ބައްދަލުވުމަކަށް ގޮވާލާފައި ވަނީ އޮކްފޯޑް / އެސްޓްރަޒެނެކާ ވެކްސިންގައި ސައިޑްއިފެކްޓްތައް ގިނަ ކަމަށް ބުނެ އާންމުން ހާސް ވެގެން އުޅޭތީ އެވެ. މި ވެކްސިން ޖެހުމުން ލޭ ގަނޑުވާ މައްސަލަ ދިމާވާ ކަމަށް އަންނަނީ ބުނެވެމުންނެވެ.

ޔޫރަޕް ގައުމުތަކުގެ ތެރެއިން ޖަރުމަން، ފްރާންސް، އިޓަލީ، އަޔަލޭންޑް، ނެދަލޭންޑްސް، ޑެންމާކް އަދި ނޯވޭއިން ވަނީ އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުން ހުއްޓާލާފަ އެވެ.

އޮކްފޯޑް / އެސްޓްރަޒެނެކާ ވެކްސިނަކީ ވެސް ކޮރޯނާވައިރަހަށް ހަށިގަނޑު ހޭނުވުމަށް ދެވޭ ވެކްސިނެކެވެ. ވެކްސިން އިންޖިނިއާކޮށް އުފައްދާފައި ވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކޮރާނާވައިރަސް ދެނެގަނެވޭ ގޮތަށެވެ. އަދި ކޮވިޑުން ކުރާ ނުރައްކަލުން ހަށިގަނޑު ދިފާއުކުރެވޭ ގޮތަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ދެކޭ ގޮތުގައި އޮކްސްފޯޑް / އެސްޓްރަޒެނެކާ ވެކްސިން ހުއްޓާލަން ޖެހޭ ސަބަބެއް އަދި ނެތެވެ.

ޔޫރަޕް ގައުމުތަކުން އެބުނާ މައްސަލައަކީ ވެކްސިން ޖެހުމުން ދިމާވާ މައްސަލައެއްކަން އަދި ކަށަވަރުކުރެވިފައި ނުވާއިރު ލޭގަނޑުވުމަކި ސީދާ ވެކްސިންގެ ސައިޑްއިފެކްޓެއް ކަމަށް ބުނަން ދަތިކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ. ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވާ ގޮތުން ވެކްސިން ހުއްޓާލަން ސައިންސްވެރިން އަދި ވިދާޅެއް ނުވެ އެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް ސޯމިޔާ ސްވާމިނަތަން ވިދާޅުވަނީ އޮކްސްފޯޑް / އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުން މެދުކަނޑާލަން މިވަގުތަށް ނުނިންމަވާނެ ކަމަށެވެ.