އައިހެވަން

އިހަވަންދިއްޕޮޅުގައި 466 މިލިޔަން ޑޮލަރުގެ ބަނދަރެއް ހަދަނީ

Mar 16, 2021
1

ދުނިޔޭގެ އެންމެ ގިނަ އާގު ބޯޑު ދަތުރުކުރާ މަގު އޮންނަ، އިހަވަންދިއްޕޮޅުގައި 466 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ގެ ޓްރާންޝިޕްމަންޓް ބަނދަރެއް ހަދަން މި ސަރުކާރުން ނިންމައިފި އެވެ.

މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ބަނދަރެއް ހަދަން ނިންމުމާ ބެހޭ ގޮތުން، އިކޮނޮމިކް މިނިސްޓްރީން ބުނީ އުތުރުގައި ބައިނަލްއަގްވާމީ ކޮންޓެއިނާ ޓްރާންޝިޕްމަންޓް ބަނދަރެއް، ބޭރުގެ ފަރާތްތަކާ ގުޅިގެން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުސޫލުހުން ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރާ ބޯޓު ފަހަރަށް ހިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައި ކަމަށެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް ހަދާނެ ކަމަށާއި އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހޭންޑުލް ކުރުމުގެ ކެޕޭސިޓީ ލިބޭ ގޮތަށް ތަރައްގީ ކުރާ މި ބަނދަރުގެ އަގަކީ 466 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަން ރުފިޔާ ކަމަށެވެ.

ޓްރާންޝިޕްމަންޓް ބަނދަރު ތަރައްގީ ކުރާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓު ފަހަރު ދަތުރު ކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަހައްދެކެވެ.

ޓްރާންޝިޕްމަންޓް ބަނދަރެއް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމިއިރު އުތުރާއި ދެކުނުގެ ޓްރާންސްޝިޕްމެންޓު ބަނދަރެއް ހަދަން ނެދަލޭންޑުގެ އެމްޓީބީއެސް އާއި ޑެންމާކުގެ ނީރަސް ކުންފުނިން ކޮންސެލްޓެންސީ ހޯދަން ވަނީ ހަވާލު ކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިހެވަންގެ ނަމުގައި މި މަޝްރޫއު އިއުލާނު ކުރި އެވެ. އެއީ ސްޕެޝަލް އިކޮނޮމިކް ޒޯން އާއި އިންޑަސްޓްރިއަލް އެސްޓޭޓް އަދި ފްރީ ޓްރޭޑް ޒޯން އާއި އެންޓަޕްރައިޒް ޒޯންގެ އިތުރުން ޓޫރިޒަމަށް ހާއްސަ ފްރީޕޯޓްތަކާއި ހައިޓެކް ޕާކާއި އޮފްޝޯ ފައިނޭންސިން ސާވިސް ހިމެނޭ ގޮތަށް އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއެއް ގޮތުގަ އެވެ. މަޝްރޫއުން 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެ އެވެ.

އިހަވަންދިއްޕޮޅުގައި ޓްރާންސިޕްމަންޓް ބަނދަރެއް ހަދަން އިކޮނޮމިކް މިނިސްޓްރީން ނިންމައި އިއުލާނު ކުރިއިރު، ކުރީ ސަރުކާރުން މި ސަރަހައްދުގައި ތަރައްގީ ކުރަން ނިންމި އައިހެވަން މަޝްރޫއަކީ އައިހެވަން ޕްރޮޖެކްޓް އޮތީ ފީޒިބަލްކޮށް ނޫން ކަމަށް އިކޮނޮމިމް މިނިސްޓަރު ފައްޔާޒު އިސްލާއިލް ކުރީން ވިދާޅުވެފައިވެ އެވެ.