ޓެކްނޯލޮޖީ

ޖީމެއިލްއަށް ކުޑަކުޑަ ބަދަލެއް، ބޮޑު ފަސޭހައެއް

ގޫގުލް ޖީމެއިލަށް ވުރެ ގިނައިން ބޭނުން ކުރެވޭ އީމެއިލް އެޕެއް ނެތެވެ. އެންމެ ބޮޑު ސަބަބަކީ އެންޑްރޮއިޑް މާކެޓްގައި ކޮންމެ ސްމާޓްފޯނަކާއެކު ޖީމެއިލް ލިބުމެވެ. އާދައިގެ ބޭނުންތަކަށް ހަމަ ކޮންމެ މީހަކަށް ވެސް މުޅިން ހިލެ އެވެ.

ޖީމެއިލަށް ގޫގުލްއިން ދޭތެރެ ދޭތެރެއިން ކުދިކުދި ބަދަލު ގެނެ އެވެ. ވަރަށް ފަސޭހަ އަދި އެއާއެކު ނޫން ގޮތަކަށް އުޅެން ދަތި ފީޗާތައް ވެސް ގިނަ ފަހަރު އަގަކާ ނުލައި ލިބެ އެވެ.

ޖީމެއިލަށް މިފަހަރު ލިބުނު ފީޗާއަކީ އީމެއިލް އެޑްރެސް ކޮޕީ / ޕޭސްޓް ކުރުން ފަސޭހަ ވުމެވެ. އީމެއިލެއް ލިޔަމުން ދާއިރު ލިބެންވާ މީހާ ނުވަަތަ ކޮޕީ ކުރެވޭ މީހާގެ އީމެއިލް އެޑްރެސްގައި އިނގިލި ޖައްސާލުމުން ކުޑަކުޑަ މެނޫއެއް އަރާތީ ފެންނާނެ އެވެ. ބޭނުމަކީ އީމެއިލް އެޑްރެސް ކޮޕީކުރުން ނުވަތަ ޑިލީޓް ކުރުމެވެ. މިއީ އާންމުކޮށް ޖީމެއިލް ބޭނުންކުރާ މީހުންނަށް ވަރަށް ބޭނުންތެރި އަދި ވަގުތު ސަލާމަތް ކުރެވޭނެ ފީޗާއެކެވެ.

ގޫގުލްއިން އެންޑްރޮއިޑް ޖީމެއިލްއަށް މި ދަބަދަލު ގެނައި ނަމަވެސް، ހަމަ ކޮންމެ އެންޑްރޮއިޑް ފޯނަކަށް ނުލިބެ އެވެ. ސެމްސަންގް ބާރުގަދަ ބައެއް ފޯނަށް ވެސް އަދި ނުލިބެ އެވެ.

ޖީމެއިލްއިން އީމެއިލް ކޮމްޕޯޒް ކުރާއިރު އީމެއިލް އެޑްރެސް ކޮޕީ ކުރުމަކީ މީގެ ކުރިން ތަންކޮޅެއް ދަތި ކަމެކެވެ. މިކަން ކޮންމެވެސް ގޮތަކުން ކުރެވުނު ނަމަވެސް، މި ބަދަލާއެކު އީމެއިލް ކޮޕީކުރުން އިނގިލި ކުރީގައި ތަތްވީ އެވެ.

ގޫގުލްއިން ބުނި އެންޑްރޮއިޑް ޖީމެއިލް ވާޝަން 2021.02.05.357775197 އަށް މި އަޕްޑޭޓް ލިބޭނެ ކަމަށެވެ. އެކަމަކު ބެލިއިރު އަދި ނުލިބެ އެވެ. އެހެން ނަމަވެސް ބެލެވެނީ ގޫގުލް ޕިކްސެލް ފޯނުތަކަށް އެ ފަސޭހަ މިހާރު ލިބޭނެ ކަމަށެވެ.