މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ހުއްދަތައް ހަމަކޮށް ރާއްޖޭގައި އުޅެނީ 7،000 ބިދޭސީން!

Mar 16, 2021
2

ބިދޭސީން ރާއްޖެ އެތެރެވުމަށް ފަހު ހޯދަން ޖެހޭ ހުރިހާ ހުއްދައެއް ހަމަކޮށްގެން ރާއްޖޭގައި އުޅެނީ 7،886 ބިދޭސީން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީން ޕްރެޒެންޓޭޝަނެއް ދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކްސްޕެޓް ސިސްޓަމަށް ބިދޭސީންގެ މައުލޫމާތު އެއްކުރަމުންދާއިރު، މިހާތަނަށް ފާހަގަވެފައިވާ ގޮތުން، ރާއްޖޭގައި އުޅޭ ކަމަށް މިހާތަނަށް ހިސާބު ތަކުން ދައްކަނީ 146،515 ބިދޭސީން ކަމަށެވެ.

އަދި މީގެ ކުރިން ބިދޭސީންގެ މައުލޫމާތު އެއް ކުރަމުން ގޮސްފައިވަނީ މައިގްރޭޝަން ސިސްޓަމަކުން އެކްސެލް ޝީޓެއްގައި ކަމަށެވެ. މި އެކްސެލް ޝީޓުން ދައްކާ ގޮތުން ރާއްޖޭގައި ތިބީ 70،000 ބިދޭސީން ނެވެ.

"ހަގީގަތަކީ ބިދޭސީންގެ ހަގީގީ އަދަދު އެނގޭނެ ރަސްމީ އެއްވެސް ހިސާބެއް ނެތް. މައިގްރޭޝަން ސިސްޓަމުން ބަލަހައްޓަމުން ދިޔަ އެކްސެލް ޝީޓުގައި ވެސް ފުށޫ އެރުން ތަކެއް އެބަ ހުރި،" އޮފިޝަލް ވިދާޅުވި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ކުރިން މައުލޫމާތު އެއްކުރަމުން ދިޔަ ގޮތުން ބިދޭސީންގެ މައުލޫމާތު އެއްކުރުމުގައި ގިނަ މައްސަލަ ތަކެއް ފާހަގަ ކުރެވިފައި އެބަހުރި ކަމަށެވެ.

"ސައްހަ އެޕްލޯއީމަންޓް އެޕްރޫވަލްއެއް އޮވެގެން ވޯކްވިސާ އެއް ހޯދޭނީ، ވޯކް ވިސާ އެއް އޮވެގެން ވޯކް ވިސާ ފީ ދެއްކެން އަންނަނީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރެކޯޑް އިން އެބަ ދައްކާ ސައްހަ އެޕްލޯއީމަންޓް ޕްރޫވަލްއެއް ނެތް މީހުންވެ ސް ވޯކް ވިސާ ދައްކައި، ވޯކް ވިސާ ނެތް މީހުންނަށް ފީދެއްކިފައި ހުރި ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

600 މިލިއަން: ލިބެން ޖެހޭ ވިސާ ފީ

އިކޮނޮމިކް މިނިސްޓްރީން މިއަދު ދިން ޕްރެޒެންޓޭޝަނުން އެނގުނު އަނެއް ކަމަކީ ވޯކް ވިސާ ދައްކަން ޖެހި ނުދައްކައި 642.4 މިލިއަން ރުފިޔާ ހުރި ކަމަށެވެ.

"އެކަމަކު މި އަދަދުގައި ވެސް ގިނަ ފުށޫ އެރުން ތަކެއް ހުރިކަން ފާހަގަ ކުރެވޭ. މި އަދަދު ތަކަކީ ރަނގަޅު އަދަދު ތަކެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ވިދާޅުވީ ބިދޭސީންގެ މި މައްސަލަތައް ހައްލު ކުރުމަށްޓަކައި ފެބްރުއަރީ 15 ގައި އަމަލު ކުރަން ފެށި ބިދޭސީންގެ އާ ގަވައިދުން އެހީތެރި ވެދޭނެ ކަމަށެވެ.

"މި ގަވައިދަށް އަމަލު ކުރުމުގައި އެކަށީގެންވާ ވަރަކަށް މަޝްވަރާ ކުރެވިފައެއް ނެތް ކަމަށް ގަބޫލު ކުރަން. މިކަމުގައި 400 ފަރާތަކާއެކު ބައްދަލުވާން މީޓިން އަށް އެދުމުން ބައްދަލުވީ 100 ފަރާތާ. އަނެއްކާ ކޮވިޑް-19 ގެ ސާޗުގެ ސަބަބުން އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާއެކު އެ މަސައްކަތް ހުއްޓުނީ،" ފައްޔާޒު ވިދާޅުވި އެވެ.