މިދިޔަ މަހު އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރި އުތުރު ތިލަފަޅު (ޔޫޓީއެފް)އާ ގުޅޭ އެގްރީމެންޓް މަޖިލީހުގެ ސަލާމަތީ ކޮމެޓީއަށް ހުށަހެޅުމާ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ދެކޮޅު ހައްދަވައިފި އެވެ.
އިންޑިއާއާއެކު ސޮއިކުރި އެއްބަސްވުމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިމެނޭތީ އިދިކޮޅު ޕީޕީއެމްއިން މީގެ ކުރިންވެސް މަޖިލީހުގައި ވަނީ އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލައްވައިފަ އެވެ. އޭރު އެކަމާ ހިތްޕުޅާ ހަމަނުޖެހި ރޮަޒައިނާ ގޮވާލެއްވީ އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ކޮމެޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެެ. ނަމަވެސް މިއަދު މަޖިލީހުގައި ރޮޒައިނާ ވަނީ ކުރީގެ ރާގު ބަދަލުކުރައްވައި އެއްބަސްވުން ސަލާމަތީ ކޮމެޓީއާ ހިއްސާ ކުރުމާވެސް ދެކޮޅު ހައްދަވައިފަ އެވެ.
ޔޫޓީއެފް އެގްރީމަންޓާ ގުޅޭ ލިޔުމެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ލީކް ކޮށްލެއްވިއިރު ސަރުކާރުން ބުނަމުން ދަނީ އެ ލިޔުމަކީ ފޭކް ލިޔުމެއް ކަމަށެވެ. ލިޔުން ފޭކް ކަމަށް ބުނެ އެ މައްސަލަ ބަލަން މަޖިލީހުގައި ވެސް މިއަދު ވަނީ ބަހުސް ވެސް ކޮށްފަ އެވެ.
ބަހުސްގައި ބައިވެރިވެލައްވައި ރޮޒައިނާ ވިދާޅުވީ މިހާރުވެސް މަޖިލީހުގައި ސިއްރު ކޮމެޓީތަކުގައި ދައްކާ ވާހަކަތަކާއި ލިޔުންތައް ލީކް ކުރަމުންދާ ކަމަށާއި އެހެންކަމުން ޔޫޓީއެފް ފަދަ އެގްރިމަންޓެއް އެގްރީމަންޓެއް ސަލާމަތީ ކޮމެޓީއާ ހިއްސާކޮށްފިނަމަ ސިއްރުތައް ނުހިފެއްޓި ލީކްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގައި ކުރާ ކަންތައްތަކުގައި ދިފާއީ ބާރުގެ ތެރެއަށް ވަދެވިގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.
" މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްއިން އެކުރާ މަސައްކަތްތަކަކީ ވަރަށް ސީރިއަސް މަސައްކަތްތަކެއް. ބޭރުގައުމުތަކާ ގުޅިގެން ކުރާ މަސައްކަތްތަކެއް. އެހެންވީމާ މި ސިޔާސީ އޮއިވަރުގެ ތެރޭގައި އެ ބޭފުޅުން ހަދާ އެގްރިމަންޓްތަކާ އެއްޗެތި މަގުމަތިވެ މަގުމައްޗަށް ނުކުމެ ގައުމުތަކާ އަޅުގަނޑުމެންނާ ޖެހި އަޅުގަނޑުމެންގެ ދިފާއީ ނިޒާމާ ގުޅޭ ހުރިހާ ސިއްރުތަކެއް ދުނިޔޭގެ ހުރިހާތާކަށް އެނގި މި ހުރިހާކަމެއް ހިނގައިގެންދާނެކަމީ އެއްވެސް ޝައްކެއްވެސް އޮތް ކަމެއް ނޫން. އެކަން އެންމެ ރަނގަޅަށް އެބަ އެނގޭ މިހާރު ނެރެގެން އުޅޭ ޑޮކިއުމަންޓުންވެސް . އެއީ ފޭކެއް ވިޔަސް ކޮންމެ އެއްޗެއް ވިޔަސް." ރޮޒައިނާ ވިދާޅުވި އެވެ.
ޔޫޓީއެފް އެގްރީމަންޓް ސަލާމަތީ ކޮމެޓީއާ ހިއްސާކުރަން ރޮޒައިނާ ދެކޮޅު ހެއްދެވިއިރު އެ އެއްބަސްވުން އެ ކޮމެޓީއާ ހިއްސާ ކުރަން މަޖިލީހުގެ މިނިވަން މެމްބަރު އަހުމަދު އުޝާމް ވަނީ ގޮވާލައްވައިފަ އެވެ. އުޝާމް ވިދާޅުވީ އެ ކޮމެޓީއަށް ހުށަނޭޅޭ ވަރުގެ އެގްރީމަންޓެއް އޮވެގެން ވާނެކަމަށް ގަބޫލްނުކުރައްވާ ކަމަށެެވެ.
ސަލާމަތީ ކޮމެޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މެމްބަރުން ޝާމިލްވާގޮތަށް އެކުލަވާލައިފައި އޮންނަ ކޮމެޓީ އެކެވެ