ޓޫރިޒަމް

ކެލާ އަށް 100 ކޮޓަރީގެ ސިޓީ ހޮޓަލެއް، 200 ވަޒީފާ

ކެލާގައި 100 ކޮޓަރީގެ ސިޓީ ހޮޓާ އަޅަން، ބިޑް ކާމިޔާބު ކުރި ފެޑޯ ޕްރައިވެޓް ލިމިޓެޑަށް މަޝްރޫއު ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިއަދު ބޭއްވި މި މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމުގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވެސް ބައިވެރި ވަޑައިގަތެވެ.

ރާއްޖޭގެ ގުދުރަތީ ގޮތުން އެންމެ ރީތި އެއް ރަށް ކަމަށްވާ ހއ. ކެލާގައި އަޅާ ސިޓީ ހޮޓަލާ ބެހޭ ގޮތުން، ފެޑޯ ކުންފުނީގެ ކޮމިއުނިކޭޝަން ހެޑް އަނިލް އާދަމް ވިދާޅުވީ 30 މަސް ދުވަހުން ނިންމަން ހަވާލު ކުރި ހޮޓަލުގައި 200 އެނދު ހުންނާނެ ކަމަށެވެ. އަދި ލޭންޑް ސާވޭ އާއި އީއައިއޭ އަދި ޑީޓެއިލް ޑްރޯއިންގެ މަސައްކަތް ނިމުމަށްފަހު މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

"އުންމީދު ކުރަނީ ކޮންސްޓްރަކްޝަން މޮބިލައިޒޭޝަން މަސައްކަތް ދޭ ނުވަތަ ތިން މަސް ތެރޭ ފެށުމަށް،" އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރަހައްދުގައި ހޮޓަލެއް ތަރައްގީ ކުރުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށާ، ނަމަވެސް މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލަން އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭ ރިސޯޓެއް ތަރައްގީ ކުރަން ކުރަން ޖެހޭހާ މަސައްކަތް ކުރަން. މިތަނަށް ފެނާއި ނަރުދަމާ އަދި ފެން ޕްލާންޓު ވެސް ބަހައްޓައި، ރިސޯޓެއްގައި ހުންނަ ގޮތަށް މޫދު ކުޅިވަރާއި އެހެނިހެން ވަސީލަތް ގާއިމް ކުރާނެ،" އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން މި ސަރަހައްދުން 200 އެއްހާ ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އުންމީދު ކުރެވޭ ކަމަަށެވެ.

"މި ވަޒީފާ ތަކަށް ދިވެހިން ހޯދާނީ. ހާއްސަކޮށް މި ސަރަހައްދުން. މީގެ އިތުރުން ޓްރެއިން ދިނުން ފަދަ އިތުރު ކަންކަން ކުރުމަށް ވެސް ޕްލޭން ތަނެއް އެބަހުރި،" އަނިލް ވިދާޅުވި އެވެ.

މި ހޮޓަލީ ކެލާގައި ޓޫރިޒަމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައި ހަދާ ހޮޓަލެކެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން އުލިގަންގައި ޔޮޓް މެރީނާއެއްގެ އިތުރުން ހޮޓަލެއް ތަރައްގީ ކުރަން ބިޑަށްލި އެވެ. ނަމަވެސް މަޝްރޫ އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެ އެވެ. އެހެންވެ ބީލަން ކެންސަލްކޮށް ފަހުން އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް ފަހުން އިއުލާނުކޮށްފައެއް ނުވެ އެވެ.

މި ސަރުކާރުން މި ޓޫރިޒަމް މަޝްރޫއުގެ އިތުރުން ރިސޯޓު ތަކެއް ތަރައްގީ ކުރަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.