ސާވިސް ޗާޖް

ޓޫރިޒަމް ނޫން ވިޔަފާރިން ވެސް ސާވިސް ޗާޖު ނަގާނަމަ ބަހަން ޖެހޭ

Mar 17, 2021

ޓޫރިޒަމް ނޫން ވިޔަފާރިން ތަކުން ވެސް ސާވިސް ޗާޖު ނަގާނަމަ ބަހަން ލާޒިމްކޮށް، ސާވިސް ޗާޖު ނެގުމާ ބެހޭ ގަވައިދު ގެޒެޓްކޮށްފި އެވެ.

ލޭބަ ރިލޭޝަން އޮތޯރިޓީ އިން ގެޒެޓްކޮށްފައިވާ ސާވިސް ޗާޖާ ބެހޭ ގަވައިދުގައިވާ ގޮތުން، މި ގަވާއިދުގެ ދަށުން ސާވިސް ޗާޖު ނެގުން ލާޒިމުވާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރި ތަކުން ވެސް، އެ ވިޔަފާރި އަކުން ފޯރުކޮށްދޭ ހިދުމަތަކުން ނުވަތަ ހިދުމަތް ތަކަކުން ސާވިސްޗާޖް ނަގާނަމަ، ސާވިސް ޗާޖް ބެހުމާއި ސާވިސްޗާޖާ ގުޅޭ މައުލޫމާތު
ހުށަހެޅުމުގައި މި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލު ކުރުން ލާޒިމެ އެވެ.

ވަޒީފާ އާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހާ ގުޅިގެން ލާޒިމްވެފައިވާ ސާވިސް ޗާޖުގެ ގަވައިދުގައިވާ ގޮތުން ރާއްޖޭގެ ޓޫރިޒަމް ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓްރެއިނިން ރިޒޯޓްތަކާއި ޓްރާންސިޓް ހޮޓާތަކާއި ސިޓީ ހޮޓާތަކާއި ޓޫރިސްޓް އުޅަނދު ފަހަރު އަދި ޔޮޓް ބަނދަރުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކުގެ އިތުރުން ޕްރައިވެޓް އައިލެންޑް ތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަ ތަކުން ވެސް 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސް ޗާޖު ނަގަން ލާޒިމްވެ އެވެ.

މި ގަވައިދުގައިވާ ގޮތުން ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގައި ގާއިމްކޮށްފައިވާ ޑައިވިން ސްކޫލްތަކާއި ސެންޓަރުތަކާއި ސްޕާތަކުގެ އިތުރުން ވޯޓާ ސްޕޯޓްސް ފެސިލިޓ ތަކާއި އެކްސްކާޝަން ހަރަކާތް ތަކުން ވެސް ސާވިސް ޗާޖު ނަގައި ދޭން ޖެހެ އެވެ. އަދި ކެފޭތަކާއި ރެސްޓޯރެންޓް އަދި ކެންޓީންތަކުގެ އިތުރުން އެ ތަންތަނުގައި ހިދުމަތް ދިނުމަށް
ގާއިމްކޮށްފައިވާ މި ފަދަ އެހެން ތަންތަނުން ވެސް ސާވިސް ޗާޖު ނަގަން ޖެހެ އެވެ. މީގެ އިތުރުން މި ފަދަ ތަންތަނުގައި ހިދުމަތެއް ފޯރުކޮށްދިނުމަށް އައުޓް ސޯސްކޮށްގެން އެހެން ވިޔަފާރިއެއް މެދުވެރިވެގެން ދޭ ހިދުމަތްތަނުން ވެސް ސާވިސް ޗާޖު ނަގަން ޖެހެ އެވެ.

ރާއްޖޭގައި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖު ދެމުންދާއިރު، އެންމެ ބޮޑު ސާވިސް ޗާޖެއް އެންމެ ފަހުން ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑާއި ވޮލްޑޯފް އެސްޓޯރިއާ ފަދަ ރިސޯޓުތަކުންނެވެ.