އެފްއޭއެމް

ވިލިމާލެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށަނީ

ވިލިމާލޭގައި އެފްއޭއެމުން ހަދާ ފުޓްބޯޅަ އެރީނާގައި ހިމެނޭ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.

މި ފުޓްބޯޅަ އެރީނާގެ ދަނޑު ހަދަނީ، ދެކުނު ކޮރެއާގެ ސްކައި ވިންޑް ގުލޯބަލް ކުންފުނިންނެވެ. އެ ކުންފުންޏަކީ އެފްއޭއެމްގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގައި 20 ފަންގިފިލާ ހިމެނޭ އިމާރާތުގެ ޕްރޮޖެކްޓް ވެސް ހިންގާ ކުންފުންޏެވެ. އަދި ކުޅިވަރު އެކުވެނީގައި ހަދާ އިންޓަނޭޝަނަލް ފުޓްސަލް އެރީނާ ޕްރޮޖެކްޓް ވެސް ކުރިއަށްގެންދަނީ އެ ކުންފުނިންނެވެ. އެ އެރީނާ ވެގެން ދާނީ ރާއްޖޭގައި ހަދާ އިންޓަނޭޝަނަލް ފުރަތަމަ ފުޓްސަލް އެރީނާ އަށެވެ.

ސްކައި ވިންޑް ގުލޯބަލް ކުންފުނިން ވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 ޓާފު ދަނޑު އަޅަން ނިންމާގަ އެވެ. އޭގެ ތެރެއިން ތިން ދަނޑު ހާއްސަ ކޮށްފައި ވަނީ މާލޭ ސަރަހައްދަށެވެ. އެ ތިން ދަނޑަކީ ވިލިމާލޭގެ ފުޓްބޯޅަ އެރީނާގައި އަޅަން މިހާރު ތައްޔާރު ވެފައިވާ ޓާފް ދަނޑާއި ކުޅިވަރު އެކުވެނީގައި އަޅާ ޓާފް ދަނޑުގެ އިތުރުން ހުޅުމާލޭގައި ހުޅުވާ ފުޓްބޯޅަ ސްކޫލްގެ ދަނޑެވެ. ބާކީ 17 ދަނޑު އަޅާނީ ރާއްޖޭގެ އެކި ސަރައްހަދުތަކަށް ހާއްސަ ކޮށްގެން އެކި ރަށްރަށުގަ އެވެ.

"އިންޝާ ﷲ ވަރަށް އަވަހަށް މަސައްކަތް ފަށާނަން ޓާގެޓަކީ މެއި ހަވަނަ ދުވަހުގެ ނިޔަލަށް ދަނޑުގެ މަސައްކަތް ނިންމުން." ވިލިމާލޭގައި އަޅާ ޓާފް ދަނޑުގެ މަސައްކަތް ފެށުމާ ބެހޭގޮތުން އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް އަވަސް އަށް މިއަދު ވިދާޅުވި އެވެ.

ފުޓްބޯޅަ އެރީނާގައި ހިމެނެނީ، ކުޅުންތެރިންނަށް ތިބެވޭނެ ގޮތަށް ހަދާ އެކޮމެޑޭޝަން ބްލޮކްއަކާއި ޑިވްލަމްޕްމެންޓްގެ ބޭނުންތަކަށް ބޭނުން ކުރާނެ ރިސޯސް ހިމެނޭ ފެސިލިޓީސްތަކެވެ.

އެފްއޭއެމުން ހިންގާ އަނެއް ބޮޑު ޕްރޮޖެކްޓަކީ، ހުޅުމާލޭގައި ގައިމު ކުރާ ގައުމީ ފުޓްބޯޅަ ސްކޫލްގެ މަސައްކަތެވެ. ފުޓްބޯޅަ ސްކޫލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. ބޯޑިން ސްކޫލެއްގެ މޮޑެލްއަށް ހިންގާ ފުޓްބޯޅަ ސްކޫލްގައި ކުދިން ދިރިއުޅެން ހާއްސަ ކޮށްފައިވާ 24 ކޮޓަރީގެ އިމާރާތް މިހާރުވެސް ވަނީ ނިމިފަ އެވެ.


އެ ސްކޫލް ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ، ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯ އެވެ. ސަލްގާޑޯގެ ފުޓްބޯޅަ ސްކޫލެއް އެމިރޭޓްސްގެ ވެރިރަށް ދުބާއީގައި މިހާރުވެސް ހިންގަ އެވެ. އޭނާގެ ޑައިރެކްޓާޝިޕްގެ ދަށުން "ސްޕެނިޝް ސޮކާ ސްކޫލް" ގެ ނަމުގައި ހިންގާ އެ އެކެޑެމީއަކީ ހުޅަނގު އޭޝިއާގެ އެންމެ މަގުބޫލް ފުޓްބޯޅަ ސްކޫލެވެ.

ފުޓްބޯޅައިގެ ހައި ޕާފޯމަސް ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭގައި ގާއިމު ކުރާ ސްކޫލުގައި ސަލްގާޑޯގެ ބެލުމުގެ ދަށުން 15 ނުވަތަ 10 ބިދޭސީ ކޯޗުން މަސައްކަތް ކުރާނެ އެވެ. އެ ސްކޫލް ހާއްސަ ކޮށްފައި ވަނީ، 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށެވެ. ކުރިން އަވަސްއަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ އުމުރުން ހަ އަހަރާއި 21 އަހަރާ ދެމެދުގައި ތިން އުމުރު ފުރައަކަށް ބަހާލައިގެން މުޅި ރާއްޖޭގައި އެކެޑެމީތަކެއް ހިންގުމަށް މިހާރު ޕްލޭން ކުރެވިފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާ އަކީ އުމުރުން ހަ އަހަރުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާ އެކެޑެމީތަކެވެ. ދެ ވަނަ ކެޓެގަރީ އަކީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދެވެ. އެ އުމުރުފުރާގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު "ކުރީމް" (ކުޅުންތެރިން) ދެނެގަނެ އެ ކުޅުންތެރިންނަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދު އުމުރުފުރާއިން ކްރީމް ކުޅުންތެރިންގެ ތަމްރީންތައް ކުރިއަށް ގެންދާނީ ސަލްގާޑޯ އާއި އޭނާގެ ކޯޗިން ޓީމުގެ ބެލުމުގެ ދަށުން، ގައުމީ ފުޓްބޯޅަ ސްކޫލްގަ އެވެ.

ފުޓްބޯޅަ ސްކޫލަށް ކުރީމް ކުޅުންތެރިން ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 އެކެޑެމީއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ވަނީ އިއުލާން ކޮށްފަ އެވެ. އޭގެ ތެރެއިން 10 އެކެޑެމީ ގާއިމު ކުރާނީ އަތޮޅު ތެރޭގަ އެވެ. އައްޑޫގައި ދެ އެކެޑެމިއެއް ގާއިމު ކުރާނެ އެވެ. މާލެ ސަރަހައްދުގައި އަށް އެކެޑެމީ އެވެ. އެ އެކެޑެމީތަކުން ފާހަގަ ކުރެވޭ އެންމެ ރަނގަޅު 40 ކުޅުންތެރިން ގެންނާނީ ފުޓްބޯޅަ ސްކޫލަށެވެ. އަދި ކޮންމެ އަހަރަކުވެސް ކުޅުންތެރިން ސްކޫލަށް ވައްދާނެ އެވެ.

އެ ސްކޫލްގެ ފުޓްބޯޅައިގެ ޓްރޭނިން އޮންނާނީ ހެނދުނު އަދި ހަވީރު އެވެ. އެ ދެމެދުގައި ގައުމީ މުގައްރަރުގައިވާ ގޮތުގެ މަތިން ކިޔެވުން އޮންނާނެ އެވެ. ފުޓްބޯޅަ ސްކޫލަށް ހާއްސަ ތައުލީމީ މުގައްރަރެއް އެކުލަވާލުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީ އާކު ކުރަމުން ދާ ކަމަށް އެފްއޭއެމުން ބުންޏެވެ. އެ މުގައްރަރުގެ ދަށުން އިސްލާމް ދީނާއި ގައުމީޔައްތުގެ މާއްދާތައް ކިޔަވައި ދިނުމަށް ހާއްސަ އިސްކަމެއް ދޭނެ އެވެ.