ސުޕްރީމް ކޯޓް

އަށް އަހަރުވީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ވަކި އަދަދަކަށް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރުމަށް މީގެ އަށް އަހަރު ކުރިން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ގާނޫނީ ވަކީލް އިމާދު ސޯލިހް ހުށައެޅުއްވި މި މައްސަލާގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި 2005 ވަނަ އަހަރު އަމަލު ކުރަން ފެށީ ސިޔާސީ ޕާޓީގެ ގަވައިދު ގެ ދަށުން ގިނަ އަދަދަކަށް ސިޔާސީ ޕާޓީ އުފައްދައި ރަޖިސްޓްރީ ކޮށްފައިވާއިރު، އެ ޕާޓީތަކަށް ލިބިފައިވާ ގާނޫނީ ހައިސިއްޔަތުގެ ތެރެއިން އެކިއެކި މާލީ މުއާމަލާތްތައް ހިންގައި ފައިސާ އާއި މުދާ މިލްކުކޮށް އަދި ޕާޓީގެ އޮފީސް ހިންގުމާއި، ޕާޓީއަށް ބޭނުންވާ ހިދުމަތްތަކާއި ތަކެތި ހޯދުމުގެ ގޮތުން މުއާމަލާތު ކޮށްފައިވާއިރު، އެކަންކަން ހަމަޖައްސޭނެ ވަކިގޮތެއް ކަނޑައެޅުމެއްނެތި ވަކި އަދަދަކަށް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވި އެޕާޓީތަކުގެ ބެންކު އެކައުންޓުތަށް ފްރީޒްވުމުގެ ސަބަބުން ފަރުދުންގެ ހައްގުތައް ގެއްލިދިއުމުގެ ބިރު އޮތް ކަމަށެވެ.

މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސްޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ މިމައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި އިމާދު ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފައްދައި ހިންގުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށާއި އެހައްގު މިއަދު މިވަނީ ނިގުޅައި ގަނެފައި ކަމަށެވެ. ގާނޫނު އަސާސީ އައުމުގެ ކުރިން އުފައްދާފައިވާ ސިޔާސީ ޕާޓީތައް އުވި ވުޖޫދުން ގެއްލިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގު ގެއްލިފައިވާ ކަމަށެވެ.

މައްސަލަ ރައްދުވާ ފަރާތްކަމުގައިވާ އެޓާނީ ޖެނެރަލް އޮފީހުން ބުނީ މިނިވަން ޑިމޮކްރެޓިކް އެހެން ގައުމުތަކުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ވަކި އަދަދަކަށް ސޮއި ބޭނުންވާ ކަމަށާއި އެ ނިސްބަތް ކަނޑައަޅަނީ ވޯޓުލާ މީހުންގެ ނިސްބަތަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވަކި އަދަދަކަށް ސޮއި ހޯދުމަކީ އާ ކަމެއް ނޫން ކަމަށް ވެސް ފާހަގަކުރި އެވެ.

މިމައްސަލައިގައި ދެން އޮންނާނީ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެކެވެ. ނަމަވެސް މައްސަލަ ދިރާސާކުރުމުގައި އިތުރު ކަމެއް ފާހަގަވެއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގައި ދެފަރާތަށް ވެސް ވަނީ ވާހަކަދެއްކުމުގެ ފުރުސަތު ދެއްވާފަ އެވެ.

ދެހާސް ތޭރަވަނަ އަހަރު ހުށައެޅި މި މައްސަލާގައި ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ. އެއީ ގާނޫނަށް މި އިސްލާހު ގެނައިރު ވުޖޫދުގައި ހުރި އެއްވެސް ޕާޓީއެއް ނުއުވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް މިދިޔަ އަށް އަހަރު މި މައްސަލާާގައި ގޮތް ނިންމަން އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.