ހަބަރު

ތެލުގެ އަގު ހެޔޮވުމާ އެކު، ކަރަންޓުން ނަގާ ތެލުގެ ސާޗާޖް ކުޑަކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ އެކު، އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ހެޔޮ ކުރުމާ ވިދިގެން ކަރަންޓް ބިލްތަކުން ސްޓެލްކޯ އަށް ނަގާ ފިއުލް ސާޗާޖް، 52 ޕަސެންޓް ދަށްކޮށްފި އެވެ.

އެ ކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރު، އަލީ މުޖުތަބާ މިއަދު ވިދާޅުވީ، އެ ކުންފުނިން ނަގާ ފިއުލް ސާޗާޖް ކުޑަކުރަނީ ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަ ބަދަލަށް ބަލައިގެން ނޫން ކަމަށާއި އެ ކުންފުންޏަށް ތެޔޮ ސަޕްލައިކޮށް ދޭ އެސްޓީއޯއިން ކުންފުންޏަށް ތެޔޮ ވިއްކާ އަގަށް ބަލައިގެން ކަމަށެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ތެޔޮ ގަންނަން ލިބުނު އަގު ހެޔޮވުމާ ގުޅިގެން 2013 ވަނަ އަހަރުން ފެށިގެން 2.15ރ. އަށް ނަގަމުން އައި ފިއުލް ސާޗާޖް 1.78ރ. އަށް ކުޑަކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ އަަދަދު 1.55ރ. އަށް އެ ކުންފުނިން ކުޑަކުރި އެވެ. މުޖުތަބާ ވިދާޅުވި ގޮތުން އަނެއްކާ ވެސް މިދިޔަ ހުކުރު ދުވަހު ފިއުލް ސާޗާޖް ވަނީ 1.03ރ. އަށް ކުޑަކޮށްފަ އެވެ.

"އެސްޓީއޯއިން އަޅުގަނޑުމެންނަށް ތެޔޮ ވިއްކާ އަގު ހެޔޮ ވަންޏާ އަޅުގަނޑުމެންގެ ފިއުލް ސާޗާޗް ވެސް ކުޑަކުރާނެ. އެކަމަކު ދުނިޔޭގެ މާކެޓްގައި އަދި ތެލުގެ އަގަށް ބަދަލު އަޔަސް އެކަމެއް ނުފެންނާނެ. އެހެން ނަމަވެސް އެސްޓީއޯއިން އަގު ހެޔޮ ކުރުމާ އެކު އެތައް ދުވަހެއް ވަންދެން ބަދަލު ނުވެ ހުރި ފިއުސް ސާޗާޖަށް މިފަހަރު މި ވަނީ ބަދަލު އައިސްފައި،" މުޖުތަބާ ވިދާޅުވި އެވެ.

ތެލުގެ ސާޗާޖް ކުޑަވި ނަމަވެސް އާންމު ގޭބިސީތަކަށް އަންނަ ކަރަންޓް ބިލްތަކުން އޭގެ އަސަރެއް ނުފެންނާނެ އެވެ. އެއީ އާންމު ގޭ ބިސީތަކުގެ ކަރަންޓް ބިލްތަކަށް އަރާ ތެލުގެ ސާޗާޖް ސަރުކާރުން ދައްކައިދޭތީ އެވެ. އެހެން ނަމަވެސް އޮފީސްތަކާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ތަންތަނާއި ސަރުކާރުގެ އެކި އޮފީސްތަކުގެ ކަރަންޓް ބިލްތަކަށް މި ކަމުގެ ސަބަބުން ލުއި ލިބިގެން ދާނެ އެވެ. އަދި ސަރުކާރުން ކަރަންޓް ސަބްސިޑީ އަށް ކުރަން ޖެހޭ ހޭދަ ވެސް ކުޑަވާނެ އެވެ.

މުޖުތަބާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ތެޔޮ ވިއްކާ އަގު އެސްޓީއޯއިން ކުޑަކޮށްފި ނަމަ ތެލުގެ ސާޗާޖް ވެސް ކުޑަކުރާނެ ކަމަށެވެ. ތެލުގެ ސާޗާޖް ނަގަނީ އެ ގޭބިސީ އެއްގައި ބޭނުން ކުރާ ކަރަންޓް ޔުނިޓަކަށެވެ.

މިއީ 2009 ވަނަ އަހަރަށް ފަހު މިވީ ހަ އަހަރު ދުވަހުގެ ތެރޭގައި ތެލުގެ އަގު އެންމެ ދަށަށް ދިޔަ ފަހަރެވެ. އެގޮތުން ތެލުގެ އަގު 60 ޕަސެންޓަށް ވުރެ ބޮޑަށް ވެއްޓި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ބާޒާރުގައި އުޅެނީ 45 ޑޮލަރަށެވެ. ތެލުގެ އަގު ދަށްވި ނަމަވެސް ތެޔޮ އުފައްދާ ވަރު ދަށް ނުކުރާނެ ކަމަށް ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްއިއްޔާ، އޯޕެކުން ވަނީ ބުނެފަ އެވެ. އެހެން ކަމުން ތެލުގެ އަގު ކައިރި މުސްތަގުބަލެއްގައި ބޮޑުވެދާނެ ކަމަކަށް ނުބެލެވެ އެވެ.