އުތުރު ތިލަ ފަޅު

"އެއްބަސްވުމުގެ ވާހަކަ ދައްކަވަން ޖެހޭނީ މާރިޔާ"

އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެގްރީމެންޓްގެ ތަފްސީލް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި އިންޓަވިއު ނުދެއްވައި އަސްކަރިއްޔާގެ އެހެން ބޭފުޅުން އެކަމާބެހޭ ގޮތުން ވާހަކަ ދެއްކެވުމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވައިފި އެވެ.

އިންޑިއާގެ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން މިދިޔަ މަހު ސޮއި ކުރިއިރު އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭނެކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. ތުހުމަތުތަކާ ގުޅިގެން އެކަން ސާފުކޮށް ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އަސްކަރިއްޔާގެ ބައެއް އިސްވެރިން ނެެވެ. އެ ބައްދަލުވުމުން މާރިޔާގެ ހިލަމެއް ނުވި އެވެ.

އެކަމަށް އިޝާރާތް ކުރައްވައި މިއަދު މަޖިލީހުގައި އާދަމް ވިދާޅުވީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުން އަސްކަރިއްޔާގެ އިސްވެރިން ލައްވައި ކުރިއަށް ގެންދިޔައީ މިވަގުތު ކަންތައްތައް ހުރި ގޮތުން ހަގީގަތުގައިވެސް ރައްޔިތުން ގަބޫލުކުރާނީ އެ ބޭފުޅުން އަރައިގެން ވާހަކަ ދެއްކެވުމުން ކަަމަށް ވާތީ ކަމަށް ބެލެވޭ ކަަމަށެވެ. އެހެން ނަމަވެސް އެއީ އެކަން އޮންނާންވީ ގޮތް ނޫން ކަަން ޝަރީފް ފާހަގަ ކުރެއްވި އެވެ. ޝަރީފް އެކަން ސިފަ ކުރެއްވީ އަސްކަރިއްޔާ ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމުގެ އަމަލެއްގެ ގޮތުގަ އެވެ.

" އެހެން ނަމަވެސް އަޅުގަނޑު ކަންބޮޑުވޭ އެ އެގްރީމަންޓަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވިފައިވާ އެގްރިމަންޓަކަށްވާއިރު އެ އެގްރިމަންޓާ ބެހޭގޮތުން އަޅުގަނޑު ދެކޭގޮތުގައި ދިވެހި އަސްކަރިއްޔާއަށްވުރެ އެކަން ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ދިފާއީ ވަޒީރު. އެކަން އެގޮތަށް ކުރެއްވުނުނަމަ އަޅުގަނޑު ދެކޭގޮޮތުގައި އެއީ ސިޔާސީ ގޮތުން ކުރެވިފައި އޮތް މަސައްކަތަކަށްވާއިރު ހައްލު ބޮޑުވާނެކަމަށް ގަބޫލުކުރެވޭ" ޝަރީފް ވިދާޅުވި އެވެ.

ޔޫޓީއެފްގެ އެގްރިމަންޓާ ގުޅޭ ޑްރާފްޓެއް ލީކްކޮށްލައިފައިވާއިރު އެ ޑްރާފްޓަކީ އިންޑިއާ ސަރުކާރުގެ ހުށަހެޅުކަމަށް ވަނީ އަޑުފެތުރިފަ އެވެ. އެހެންކަމުން އެ ޑްރާފްޓުގައި އޮތް ގޮތަށް އެއްބަސްވުން އެކުލަވާލައި ސޮއިނުކުރާ ނަަމަ އެކަން ސާފުކޮށްދޭން އެންމެ އައުލާކަން ބޮޑީ އެގްރިމަންޓްގައި ސޮއިކުރި ފާރާތުންކަން ޝަރީފް މިއަދު ފާހަގަކުރެއްވި އެވެ. އަދި އެ ޑްރާފްޓަށް އެއްވެސް ބަދަލެއް ރާއްޖެއިން ސޮއިކުރި އިރު ގެނައިނަމަ ގެނައި ބަދަލު ސާފުކޮށްދޭން އޭނާ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑަަކަށް ގަބޫލެއް ނުކުރެވޭ އިންޑިއާއިން ފޮނުވި އެގްރިމަންޓް ބަދަލުކުރާކަަށް އިންޑިއާއިން އިސްވެ އޮވެ މަސައްކަތް ކުރާނެ ކަަމަކަށް. އެހެންވީމާ ރާއްޖެއިން ގެނައި ބަދަލުތައް ގެނައީ ކިހިނެއް ކަަން ދެނެގަތުމަކީ މުހިންމު ކަމެއް" ޝަރީފް ވިދާޅުވި އެވެ.