އެމްއެމްއޭ

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އެކްސްޕޯ ފަށައިފި

Nov 2, 2015

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމް ކޮށް އެ އިދާރާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ " މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" މިއަދު ދަރުބާރުގޭގައި ފަށައިފި އެވެ.

މި އެކްސްޕޯ ހުޅުއްވައިދެއްވީ ކްރައުން ކުންފުނީގެ ޑިރެކްޓަރު އަދި އެމްއެމްއޭގެ ކުރީގެ ބޯޑު މެމްބަރު އަހަމަދު ނަޒީރު އެވެ.

އެ އެކްސްޕޯގައި ރާއްޖޭގެ މާލީ ސެކްޓާގައި ހިމެނޭ މުއައްސަސާތަކާއި ބޮޑެތި ބޭންކް ތަކުގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކުންވެސް ބައިވެރިވެފައި އެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި، ހަބީބް ބޭންކްގެ އިތުރުން ރާއްޖޭގެ ލީޑިންގް އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސް ހިމެނެ އެވެ.

އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަވަނަރު ޑރ.އަޒީމާ އާދަމް ވިދާޅުވީ އެކްސްޕޯ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޒުވާނުން މާލީ ދާއިރާއަށް އަހުލުވެރިކުރުވައި މާލީ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތައް އަންގައިދިނުމަށް ކަމަށެވެ.

އަދި ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް ފުޅާ ދާއިރާ އެއްގައި އެ ފުރުސަތުތައް ހުޅުވައިލުން ކަމަށާއި އެކްސްޕޯގެ ސަބަބުން އެތައް ބަޔަކަށް ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

މޯލްޑިވިއަން ފައިނޭންޝަލް އެކްސްޕޯގައި ރޭ ނެރުނު "ރަން ދިހަ ފަހެއް" ގެ އާ ނޫޓް ސީރީސްގެ ސާމްޕަލް ތައް ދައްކާލުމަށްޓަކައި ޚާއްސަ ގެލެރީ އަކާއި ދިވެހި ފައިސާ ނޫޓްގެ ތާރީޚު ދައްކުވައިދޭ ގެލެރީ އެއް ހުޅުވާފައި ވެއެވެ. މި ގެލެރީ ތަކުގައި ތާރީޚުގައި ދިވެހި ފައިސާ ނޫޓްގައި ސޮއި ކޮށްފައިވާ ބޭފުޅުންގެ މައުލޫމާތާއި މިހާތަނަށް ދިވެހިން ބޭނުންކޮށްފައިވާ ތަފާތު ނޫޓް ސީރީސް ތައް ހިމެނެ އެވެ. މީގެ އިތުރުން އެންމެ ފަހުން ނެރުނު އާ ނޫޓް ސީރީސްގައި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމަތު ވެސް އެކްސްޕޯ އަށް ދާ މީހުންނަށް ދެ އެވެ.

އާއްމުންނަށް ހުޅުވައިލައިގެން ކުރިއަށްގެންދާ މި އެކްސްޕޯ މާދަމާގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.