ކަނޑުމަތީގެ ހާދިސާ

މީހެއްގެ ލޮލުގައި ބުޅި އެޅި ޒަހަމްވެއްޖެ

މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެއްޖެ އެވެ.

ސިފައިންގެއިން ބުނީ އެކެފަރު ކަނޑާ ނުވަ މޭލު ބޭރުން މަސްވެރިކަމުގައި އުޅުނު "ހުޝިޔާރު" ދޯނީގެ ފަޅުވެއްރިއެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެފައިވާ ކަމަށެވެ. ބުޅި އެޅިފައި ވަނީ 55 އަހަރުގެ ދިވެއްސެއްގެ ލޮލުގަ އެވެ.

އަވަސްފަރުވާއަށް އެމީހާ މިހާރު ވަނީ ގއ. ވިލިނގިލީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 9:58 ހާއިރު އެވެ.

ފަހަކަށް އައިސް މިފަދަ ހާދިސާތައް ހިނގާ މިންވަރު ގިނަވެފައިވާތީ މަސްވެރި ކަމަށް ނިކުމެ އުޅޭއިރު ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ސިފައިންގެ އިން ވަނީ އެދިފަ އެވެ.