ލައިފްސްޓައިލް

އަލަށް ބައްދަލުވާ މީހެއްގެ ރައްޓެއްސަކަށް ބަދަލުވާނީ ކިހިނެއް؟

އަލަށް މީހުންނާ ބައްދަލުވުމަކީ ހަމަޖެހިލުމަށް ދަތިވާ ކަހަލަ އިހްސާސްތަކެއް އެ ދެ މީހެއްގެ ދެ މެދަށް ބަނޑުންކުރުވާ ކަމެކެވެ. އެހެންވީމަ، އަލަށް ދީމާވާ މީހެއްގެ ސަމާލުކަމާއި ޝައުގުވެރިކަމާ ކުޅެލެވޭ ފަދަ ގޮތަކަށް ތިމާގެ އަހުލާގާއި ވާހަކަ ބައްޓަންކުރާނީ ކިހިނެތް ހެއްޔެވެ؟

ދިރާސާތަކުން ދައްކާ ގޮތުން ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމަކީ މީހެއްގެ ހަޔާތުގެ އުފާވެރިކަމުގައި ބޮޑު ހިއްސާއެއް އަދާކުރާ ކަމެކެވެ. އަދި ވަޒީފާ ހޯދައި ކާމިޔާބު ދާއިރާއަކުން ކެރިއަރެއް ފައްކާކުރަން ބޭނުން ނަމަ މީހުންނާ މުއާމަލާތުކުރުމާއި ވާހަކަ ދެއްކުމުގެ ހުނަރު ވެސް ވަރަށް މުހިންމުވެ އެވެ.

އެހެންވީމަ އަލަށް ބައްދަލުވާ މީހާއާ މުއާމަލާތުކުރާނެ ގޮތާއި އެ މީހެއްގެ ސަމާލުކަމާއި ޝައުގުވެރިކަން ފުރަތަމަ ނަޒަރުން ނުވަތަ ފުރަތަމަ ފެނިލުމުން ހޯދައިގަންނާނެ ގޮތުގެ އުކުޅުތައް ކިޔައިދޭނީ އެފްބީއައިގެ ކުރީގެ ތަޖުރިބާކާރެއް ކަމުގައިވާ ރޮބިން ޑްރީކީ އެވެ.

ރޮބިން އަކީ އެފްބީއައިގެ ބިހޭވިއަރަލް އެނާލިސިސް ޕްރޮގްރާމްގެ ވެރިއެއްގެ ގޮތުގަ އާއި އިންޓަޕާސަނަލް ރިލޭޝަންސްގެ ދާއިރާގައި 27 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ. އެހެން މީހުންނަށް ކަމުދާ ކަހަލަ މީހަކަށް ތިބާ ބަދަލުކުރުމަށް އޭނާ އަކީ ނެތް ވަރުގެ ތަޖުރިބާކާރެކެވެ.

އަލަށް ބައްދަލުވާ މީހާ އެހާ އަވަހަށް ޖަޖުނުކުރައްޗެވެ!

ރޮބިން ބުނާ ގޮތުން ނަމަ މިއީ އަލަށް މީހަކާ ބައްދަލުވާއިރު އެންމެ ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމެވެ. މީހަކު ހުންނަ ސިފައަކުން، މީހަކު ހުންނަ ގޮތަކުން، ވާހަކަ ދައްކާ ރާގަކުން އެ މީހަކަށް ގޮތްކިޔައި އެމީހަކާ މެދު ވަކި ގޮތެއް ސިކުނޑިން ނިންމުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫނެނެވެ. އޭރުން ދެ މީހުންގެ ވާހަކަ ނުފެށެނީސް އޭގެ ކުރި މަރުވީ އެވެ.

އޭގެ ބަދަލުގައި އަލަށް ބައްދަލުވާ މީހާގެ ކިބައިން ހިޔާލެއް ހޯދައިލެވިދާނެ އެވެ.

ދެން ދިމާވެދާނެ ގޮތަކީ އެ މީހަކު ދޭ ހިޔާލެއް ނުވަތަ ބަދަލުކުރާ ހިޔާލެއް ތިމާ އަށް ކަމުނުދިއުމެވެ. ނުވަތަ ތިމާ ގަބޫލުކޮށްގެން ހުރި ގޮތާ ފުށުއަރާ ފަދަ ހިޔާއަލަށް އެ ހިޔާލެއްވުމެވެ. މިހެން މެދުވެރިވުމަކީ ވެސް ވަރަށް ގިނަ ފަހަރަށް އަމިއްލަ ހިޔާލު އެމީހެއްގެ މައްޗަށް އިސްކޮށް ކޮންޓްރޯލް އަތުލަން މަސައްކަތްކުރެވޭ ގޮތް މެދުވެރިވާ ކަމެވެ.

ނަމަވެސް އޭގެ ބަދަލުގައި އެންމެ ބުއްދިވެރި ގޮތަކީ އެމީހަކު ދައްކާ ވާހަކަ އަޑުއަހާއި އެ ހިޔާލަށް އިހްތިރާމްކުރުމެވެ. މިސާލަކަށް އެ މީހެއްގެ ހިޔާލު ގަބޫލުނުކިޔަސް އޭނާ ދައްކާ ވާހަކައަކަށް ހިތްވަރެއް ދީ އެ މީހަކު ދައްކާ ވާހަކައިގެ އިތުރު ތަފްސީލު އޮތް ގޮސް ވެސް ބަލައިލެވިދާނެ އެވެ. ފަހަރެއްގައި ތިމާ ގަބޫލުކުރާ ވާހަކަތައް އޭނާގެ ހިޔާލުގެ ތަންކޮޅެއް އެތެރޭގައި ވެސް ހުރެދާނެ އެވެ.

މި ސަބަބާ ހެދި، އަލަށް ނުވަތަ ފުރަތަމަ ފަހަރަށް ބައްދަލުވާ މީހާ "ޖަޖުކޮށް ކަތިލުމުގެ" ބަދަލުގައި އޭނާ އަށް އަދި އޭނާގެ ހިޔާލާއި އޭނާ ދައްކާ ވާހަކަ އަށް ޝައުގުވެރިކަން ފާޅުކުރާށެވެ.

މިއީ މުއާމަލާތުކުރާ ދެ މީހުންގެ ދެމެދުގައި ހަމަޖެހުމެއް އުފައްދައިދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުން ގިނަ މީހުންނަކީ ފައިސާ އަށް މީރު ކާއެއްޗެހިން ލިބޭ އަރާމަށް ވުރެ ބޮޑު އުފަލެއް ވާހަކަ ދައްކާލައިގެން ލިބިގަންނަ މީހުންނެވެ.

ތިމާގެ ބޮޑާކަން ކުޑަކޮށްލާށެވެ!

މީހުން ނުވަތަ މީހަކު ބަދަލުކުރަމުން ދާ ހިޔާލެއް ނުވަތަ އެ މީހަކު ކުރަމުންދާ ކަމެއްގައި ހުރި ގޯސްކަމެއް ނުވަތަ އުނިކަމެއްގެ ވާހަކަ ކިޔައި އެމީހަކަށް ފާޑުކިޔުމަކީ ވަރަށް ގިނަ މީހުން ކުރަން ކެތްމަދުވެފައި ތިބޭ ކަންކަމެވެ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުން ދައްކާވާ ވާހަކަތައް ތާކުންތާކުނުޖެހޭ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް އެއަށް ވުރެ ރަނގަޅަށް ތިމާ ވާހަކަ ދައްކާނެ ކަމަށް ބުނަނީ ކިތައް މީހުންތޯ އެވެ؟

ޓްވިޓާގައި މީހަކު ފާޅުކުރަމުންދާ ހިޔާލެއް އެއީ މުޅިން ގޯސް ނުވަތަ ހަމަނުޖެހޭ ވާހަކައެއްގެ ގޮތުގައި ސިފަކުރަން ހިތްނުތެޅެނީ ވެސް ކާކުގެ ހެއްޔެވެ؟

އޮންލައިން ނޫސްތަކުގައި ހުންނަ ޚަބަރުތަކަށް ކިޔުންތެރިން ދީފައި ހުންނަ ކޮމެންޓްތަކުގައި ވެސް ގޯސްކޮށްފައި ނެތީ ކާކު ހެއްޔެވެ؟ ރަނގަޅު އެއް ކަމެއް ވެސް ނޯވެ އެވެ. ހައްތަހާ ވެސް ގޯސް ކަންކަމެވެ.

މި ހުންނަނީ ތިމާގެ ކިބައިގައި ހުންނަ ބޮޑާކަމެއްގެ ސަބަބުން އުތުރިއަރައިގެން އަންނަ ޖަޒުބާތުތަކެކެވެ.

މިގޮތަށް ޖަޒުބާތުގައި ޖެހުމަކީ ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުން ނިކަން ބޮޑަށް ހަލާކުކޮށްލާ ކަމެވެ. މީހަކު ކުރާ ކަމެއް ގޯސް ކަމެއްގެ ގޮތުގައި ސިފަކޮށް އެ ކަމެއް ރަނގަޅުކުރަން އެ މީހަކަށް "ބަވާލުމަކީ" އޭގެ ސަބަބުން އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. ސަބަބަކީ ދެން ހުންނަ މީހާ ވެސް ދޫދޭން ބޭނުން ނުވާތީ އެވެ.

މިއީ ސައިންސްގައި ވެސް މިކަން އޮތް ގޮތެވެ. ތިމާގެ ހިޔާލެއް ގޯސްކޮށް އެ ހިޔާލަކަށް ވެރިވެގަތުމަށް އެހެން މީހަކު މަސައްކަތްކުރާ ހިނދު އެ ވާހަކައެއް ނުވަތަ ހިޔާލެއް ގަބޫލުކުރުމުގެ ބަދަލުގައި ތިމާގެ ސިކުނޑީގެ ހަމަބުއްދި ޝަޓް ޑައުން ކޮށްލަނީ އެވެ. އެއަށް ފަހު ސިކުނޑި ތައްޔާރުވަނީ ދެކޮޅުވެރިވީ މީހާއާ ކުރިމަތިލާނެ ގޮތަކަށެވެ.

އެހެންވީމަ އެހެން މީހުންގެ ހިޔާލާއި މަސައްކަތް އަގެއް ނެތް އެއްޗަކަށް ހަދައި ތިމާގެ އެދުމާއި ވެދުން ކުރިއަށް ނެރެ މާ މޮޅު މީހެއްގެ ގޮތުގައި ދައްކަން އުޅުމަކީ އޭގެ ސަބަބުން ނޭދެވޭ ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ.

މީހުންގެ ވާހަކަ އަޑުއަހާނީ ކިހިނެތް؟

ދެން ހުންނަ މީހާގެ ހިޔާލާއި ވާހަކަ އަޑުއެހުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. ދެ މީހެއްގެ ދެމެދުގައި އޮން ގުޅުމެއް ވެސް ނިކަން ވަރުގަދަކޮށްދޭ ކަމެކެވެ.

އަޑުއެހުމަކީ އޭގެ ފައިދާ ދެ މީހުންނަށް ވެސް އެއްވަރަކަށް ކުރާ ކަމެކެވެ. މިސާލަކަށް ވާހަކަ ދައްކާ މީހާގެ ހިޔާލަކީ ތިމާގެ ހިޔާލާ ބައްދަލުނުވާ ހިޔާލެއް ކަމުގައިވިޔަސް އެއަށް އެއްޗެއް ނުބުނެ ހުރުމުގެ ފުރުސަތު ލިބެ އެވެ. އަދި އެ ވާހަކައެއް މުޅިން އަޑު ނާހައި އެ މީހެއްގެ ވާހަކަ ހުއްޓުވާލުމުން ނުކުންނަ ނަތީޖާ އަށް ވުރެ އެ ވާހަކައެއް އެއްކޮށް އަޑުއަހައިގެން ނުކުންނަ ނަތީޖާ ވެސް ފޮނިވެ އެވެ.

މީހުން ދައްކާ ވާހަކަ އަޑުއަހަން ޝައުގުވެރިވުމަކީ ދެން ހުންނަ މީހެއްގެ ލޯތްބާއި ޝައުގުވެރިކަން އަދި ސަމާލުކަން ތިމާ އަށް ލިބިގެންދާނެ ކަމެކެވެ. މިސާލަކަށް އެ މީހަކީ އޭނާގެ ހަޔާތުގައި އެއްވެސް މީހެއްގެ ސަމާލުކަމެއް ނުވަތަ ޝައުގުވެރިކަން ނުލިބި ހުރި މީހަކަށް ވެސް ވެދާނެ ނޫން ހެއްޔެވެ؟ އެފަދަ މީހަކު ދައްކާ ވާހަކައެއް ޝައުގުވެރިކަމުގައި އަޑުއެހީމަ ދެން ނުކުންނާނެ ނަތީޖާއާ މެެދު ވިސްނާލާށެވެ.